ޔޫރޯ 2024ގެ ހުރިހާ މެޗެއް ޓީވީއެމާއި ޔެސްޓީވީން ވަގުތުން ދައްކާނެ!

ޖޫން 14 ގައި ޖަރުމަންވިލާތުގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ހުރިހާ މެޗެއް ވަގުތުން ދެއްކުމުގެ ޙައްޤު، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ހޯދައިފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ޕީއެސްއެމުން މިހާރު އަންނަނީ މެޗުތައް ލައިވްކުރުމުގެ އިންތިޒާމުތައް ހަމަޖައްސައި ތައްޔާރުވަމުންނެވެ. އަދި ރާއްޖޭގައި ދިވެހި ޗެނަލަކުން ލޯކަލައިޒްކޮށްގެން ޔޫރޯ ގެނެސްދޭނީ ހަމައެކަނި ދައުލަތުގެ މީޑިއާގެ ޗެނަލްތަކުން އެކަނި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޖަރުމަނުވިލާތުގެ 10 ސިޓީއެއްގައި ކުޅޭ މި މުބާރާތުގައި ޔޫރަޕްގެ 24 ޤައުމަކުން ވާދަކުރާނެއެވެ. މި ޤައުމުތައް ހަ ގްރޫޕަކަށް ބަހާލައިގެން މި މުބާރާތުގައި ޖުމްލަ 51 މެޗް ކުޅޭނެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ޖުލައި 14 ވަނަ ދުވަހު ބާލިންގައެވެ.

މަޢޫލޫމާތު ލިބިފައިވާ ގޮތުގައި ޔޫރޯގެ މެޗުތައް ޕީއެސްއެމްގެ ޓީވީއެމާއި ޔެސްޓީވީން ވަގުތުން ދައްކާނީ އެޗްޑީ ކޮލިޓީގައި، ބެލުންތެރިން އެކަމަށް އިތުރު އެއްވެސް އަގެއް ދައްކަން ނުޖެހޭގޮތަށެވެ.

މީގެ ކުރިން ވެސް މިފަދަ މުބާރާތްތައް ރައްޔިތުންނަށް ދެއްކުމަށް ޓަކައި ދައުލަތުގެ މީޑިއާއިން ބޮޑު ޚަރަދެއް ކުރެއެވެ. މި ސަރަޙައްދަށް މި މުބާރާތުގެ ރައިޓްސް ނަގާފައިވާ ފަރާތަށް ބޮޑު އަގެއް ދައްކަންޖެހެއެވެ.

އަދި ސްޕޮންސަރުންގެ އެހީގައި މި ޚަރަދު ހޯދައިގެން ރައްޔިތުންނަށް ވީހާ ވެސް ލުއިފަސޭހަ ގޮތެއްގައި މެޗުތައް ދައްކައިދިނުމަކީ ދައުލަތުގެ މީޑިއާއިން އަބަދު ވެސް ޢަމަލުކުރާ ގޮތެވެ.

މި ފަހަރު ވެސް މެޗްތައް ގެނެސްދޭއިރު ކޮންޓިނިއުޓީ ޝޯ ހިމެނޭގޮތުން މުބާރާތުގެ ފޯރި ދިވެހީންގެ މެދުގައި އިތުރުކުރުމަށް ގިނަ ކަންކަން ކުރުމަށް ޕީއެސްއެމްގެ ސްޕޯޓްސް ޓީމުން މިހާރުވަނީ ތައްޔާރުވާން ފަށާފައެވެ.

ޖަރުމަނު ވިލާތުގައި ކުޅޭ ޔޫރޯގެ މެޗުތައް ރާއްޖޭ ގަޑިން ދިމާވަނީ މެންދަމު 12:00، ހަވީރު 6:00 އަދި ރޭގަނޑު 9:00 އާއެވެ.

މި މުބާރާތުގައި ފެންނާނެ މުހިއްމު ކުޅުންތެރިންގެ ތެރޭގައި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ، ފްރާންސްގެ އެމްބާއްޕޭ، އިންގްލަންޑްގެ ޖޫޑް ބެލިންހަމް، ސްޕެއިންގެ ލެމިން ޔަމާލް، ތުރުކީގެ ކިނާން ޔިލްޑިޒް، ޑެންމާކްގެ ރަސްމުސް ހޮލަންޑް، ނެދަލަންޑްސްގެ ޒަވީ ސިމޯންސް، ޖަރުމަންގެ ޖަމާލް މުސިއާލާ ފަދަ މަޝްހޫރު އެތައް ކުޅުންތެރީންނެއް ހިމެނެއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރަތަކީ ވޯލްޑް ކަޕް މުބާރާތް ނަގާފައި ފުޓުބޯޅައިގެ ދުނިޔޭގައި އެންމެ ފޯރިގަދަ މުބާރާތެވެ. ފުޓުބޯޅައަށް ބޮޑު ސަޕޯޓެއް އޮންނަ ރާއްޖެއިން ވެސް ގިނަ ބަޔަކު ޔޫރޯގެ މެޗުތައް ބަލައެވެ.

comment ކޮމެންޓް