ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުތައް ދެނެގަންނަން ދިރާސާއެއް ފަށައިފި

ހަޔާ އެޑިއުކޭޝަން މިނިސްޓަރު މަރްޔަމް މާރިޔާ: މިނިސްތަރު ވިދާޅުވީ އަމާޒަކީ ޖޮބް ސެންޓަރަކީ ކެރިއާ ގައިޑެންސް ދެވޭ ތަނަކަށް ހެދުން ކަމަށް-- ސިން ފޮޓޯ: ނާއިޝް

ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުތައް ދެނެގަތުމުގެ ދިރާސާއެއް ހަދަން ފަށައިފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު މަރްޔަމް މާރިޔާ މިއަދު ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާ ވިދާޅުވީ ނެޝަނަލް ޖޮބް ސެންޓަރުން ކެރިއާ ގައިޑެންސް ދެވޭނެ ގޮތް ހަމަޖެއްސުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އެގޮތުން ސަރުކާރު ބަދަލުވީއިރު ނޭޝަނަލް ޖޮބް ސެންޓަރަކީ ހަމައެކަނި ވަޒީފާދޭ ފަރާތާއި ވަޒީފާ ބޭނުންވާ ފަރާތް ގުޅުވައިދޭ ތަނެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ވަޒީފާ ބޭނުންވާ މީހުންނަށް ބޭނުންވާ ހުނަރުތައް ދެނެގަނެ އެ ހުނަރުތައް ދަސްކޮށްދިނުން، ވަޒީފާ ހޯދައިދިނުމަށް މަސައްކަތް ކުރުން،" މިނިސްޓަރު ވިދާޅުވިއެވެ.

އެކަމަށް އެކަށީގެންވާ ގޮތަކަސް މަސައްކަތް ކުރެވޭނީ އެކަމަށް ބޭނުންވާ މައުލޫމާތު އެއްކޮށްގެން ކަމަށްވާތީ މިހާރު ވޯލްޑް ބޭންކުގެ އެހީގައި އަމިއްލަ ފަރާތަކުން ދިރާސާއެއް ފަށައިފައިވާ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ދިރާސާގެ ނަތީޖާ މި އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ލިބޭނެ ކަމަށް އުންމީދު ކުރައްވައި ކަމަށެވެ.

އެއަށް ފަހު އެ މިނިސްޓްރީން ތައުލީމަށް ކުރާ ޚަރަދުތައް ކުރާނީ އެ ދިރާސާގެ ނަތީޖާގެ މައްޗަށް ބިނާކޮށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް