އޯލެވެލް އަހަރު މަންމައަށް ކެންސަރު، ހިތްދަތިކަމާއި ހިތާމައިގައި ވެސް މިއުސާ ހޯދީ ކާމިޔާބީ

މިއުސާ ޕްރައިޒް ޑޭގައި އޭނާގެ މައިންބަފައިންނާއި ސްކޫލުގެ ދެ ވެރިއަކާއެކު --

އޭނާގެ މަދަރުސީ ހަޔާތުގެ ހުވަފެންތައް އޭނާ ކުލަކޮށްފިއެވެ. މަންމައާއި ބައްޕަގެ އުންމީދުތައް ތެދުކޮށްފިއެވެ. މުޅި ރަށާއި ސްކޫލު ފަޚުރުވެރިކޮށްދީފިއެވެ. މިދިޔަ އަހަރު ރ. އިނގުރައިދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދީ އެ ސްކޫލުގައި މިދިޔަ އަހަރު ކެޕްޓަންކަން ކުރި އައިޝަތު މިއުސާއެވެ. އޭނާ ވަނީ އޯލެެވެލްއިން ރާއްޖޭގެ ގަދަ ދިހައެއްގެ އަށްވަނައި ހިމެނި އެ ޝަރަފު ވެސް ހޯދާފައެވެ.

މިއުސާގެ މި ކާމިޔާބީ ތަފާތެވެ. ޚާއްސައެވެ. އޭނާ ކާމިޔާބަށް ކުރި ދަތުރު ވެސް ތަފާތެވެ. ގަދަ ކަނޑެއްގައި ފަތާ ހޯދި ކާމިޔާބީގެ މި ވާހަކައަކީ މިއުސާ ފަދަ އެތައް ކުދިންނަކަށް ހިތްވަރަކަށް ވާނެއެވެ.

އޯލެވެލް ފެށުމާއި މަންމަ ބަލިވުން

މިއުސާ އަކީ އަބަދު ވެސް ތައުލީމަށް ލޯބި ކުރާ ކުއްޖެކެވެ. އޭނާ ކިޔަވަނީ މައިންބަފައިން މަޖުބޫރު ކޮށްގެނެއް ނޫނެވެ. ހަގީގަތުގައި ވެސް ކިޔަވާ ހިތްވާތީއެވެ. މައިންބަފައިން އޭނާއާ މެދު ކުރާ އުންމީދުތައް ވެސް އެނގޭތީއެވެ.

ގްރޭޑް ދިހައެއްގެ ކިޔެވުން ފެށީއްސުރެ އޭނާގެ މަންމަ އުޅެނީ ވަރަށް ބަލިވެއެވެ. ނަމަވެސް، މަންމަގެ މި ބަލީގެ އަސްލަކީ ކެންސަރުކަން އިނގުނީ މިއުސާގެ ޓެސްޓުތައް ފެށެން އެއް ހަފުތާއަށް ވެފައި ވަނިކޮށެވެ.

މި ހިތާމަވެރި ޚަބަރުން މިއުސާގެ ކިޔެވުމަށް އަސަރު ކުރަން މިއުސާގެ އާއިލާއިން އެއްގޮތަކަށް ވެސް ބޭނުމެއް ނުވިއެވެ. އެމީހުން ބޭނުންވީ މިއުސާ އެއްވެސް އިތުރު ފިކުރަކާ ނުލާ ކިޔެވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން އާއިލާއިން ފުރަތަމަ ނިންމީ މަންމަގެ ބަލި މިއުސާއަށް ސިއްރު ކުރުމަށެވެ.

"އަޅުގަނޑުމެން މައިންބަފައިން ކައިރީގައި ނެތީމައި ދެން ވަރަށް ދަތިތަކާ ކުރިމަތި ވާނެތާ. އިންޑިއާ ކޮޅުގައި މަންމަ ފަރުވާއަށް ގޮސް މި ހުރީ. އޭނައަކަށް އަދި ވެގެން މި އުޅޭގޮތެއް ނުއެއް އިނގޭ ދެން ވަރަށް ކަންބޮޑުވެފައި އަސްލު ހުންނަނީ،" މިއުސާގެ ބައްޕަ އަހުމަދު ޝާފިއު ބުންޏެވެ.

ހިތާމައާއި ހިތްދަތިކަން، ހިތްވަރު ކުރިއަށްނެރެ ކުރި މަސައްކަތް
މައިންބަފައިން ވެސް ދުރުގައި ހުއްޓާ ބޯމަތިވި އޯލެވެލް އިމްތިހާނާއެކު މިއުސާއަށް އެންމެ ބޮޑު އެހީއެއް ފޯރުކޮށްދިން އެއް ބަޔަކީ ސްކޫލުގެ ޓީޗަރުންނެވެ. މަންމަގެ ބަލީގެ އަސްލު ވެސް އޭނާއަށް އިނގުނީ ޓީޗަރެއްގެ ފަރާތުންނެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވުނީ އަސްލު މިއުސާއަށް އިނގެން ޖެހޭނެކަމަށް. އިމްތިހާނުގެ ތެރޭގައި އެކަން އިނގިއްޖެއްޔާ މާބޮޑަށް އަސަރު ކުރާނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވުނީ،" މަންމަގެ ބަލީގެ ޚަބަރު މިއުސާއަށް ދިން އޭނާގެ ގާތް ޓީޗަރު އަދި އިނގުރައިދޫ ސްކޫލުގެ ލީޑިން ޓީޗަރެއް ކަމަށްވާ މައުސޫމާ ބުންޏެވެ.

ޓީޗަރުންގެ ފަރާތުން ވެސް މިއުސާއަށް ލިބުނީ ހިތްވަރުގެ ބަސްތަކެވެ. ހިތާމައިގެ ދަނޑިވަޅުގައި ވެސް އޭނާގެ މިސްރާބަށް ވާސިލްވާނެ ކަމުގެ އުންމީދެވެ. އޭނާގެ އުންމީދު ފަނޑުވެފައި ވަނިކޮށް އުންމީދުގެ ދަންމަރު ރޯކޮށްދިނީ ޓީޗަރުންނާއި އާއިލާގެ ފަރާތުން ލިބުނު ހިތްވަރެވެ.

ކިތަންމެ ދުރުގައި އުޅުނު ކަމުގައި ވިޔަސް އޭނާގެ މައިންބަފައިން އައީ އޭނާގެ ކިޔެވުމުގެ ކަންކަން ބަލަމުންނެވެ. ނަމަވެސް މިފަދަ ޚަބަރެއް ލިބުމުން އެކަމުގެ އަސަރު ކޮންމެވެސް ވަރަކަށް ކިޔެވުމަށް ކުރާނެކަން އެންމެން ވެސް ގަބޫލު ކުރެއެވެ.

"ދަސްކޮށްފަ ހުންނަ އެއްޗިސް ވެސް ހަނދާންނެތޭ. ޓެސްޓުގައި އިންނަ އިރުވެސް ހަނދާނެއް ނުހުރޭ ދަސްކޮށްފައި ހުންނަ އެއްޗިއްސެއް،" މަންމަގެ ބަލީގެ ޚަބަރާއެކު މިއުސާގެ ކިޔެވުމަށް ދިމާވި ގޮންޖެހުންތައް އޭނާ ހިއްސާކުރިއެވެ.

ދިމާވި ކަންތައްތަކުގެ ސަބަބުން ސްކޫލަށް ދާހިތް ނުވުމާއި ކިޔަވާހިތް ވެސް ކެނޑުނެވެ. އެހެންކަމުން އޭނާގެ ގިނަ މުހިންމު ކުލާސްތަކެއް ވެސް ގެއްލުނެވެ.

"ޓީޗަރުން ވަރަށް ސަޕޯޓިވް ވާނެ. އަޅުގަނޑަށް ސްކޫލަށް ނުދެވެންޏާ ހުރިހާ ކްލާހެއް ނިންމާފަ އެ ނަގައިދޭ ފިލާވަޅުގެ ނޯޓަސް ފޮނުވާނެ،" މިއުސާ ބުންޏެވެ.

އެ ހާލަތުގައި ވެސް އޭނާ ބެލީ ގޭގައި ވެސް ކިޔެވޭތޯއެވެ. އެހެންކަމުން ގޭގައި ފިލާވަޅުތައް ދަސްކޮށް ޕާސްޓްޕޭޕަރުތައް ހެދުމުގައި އޭނާ ވަގުތު ހޭދަކުރިއެވެ.

މިއުސާގެ ހިތުގައި އަބަދު ވެސް އަމާޒު ހިފާފައި ވަނީ ގަދަ ދިހައެއްގެ އެއްވަނަ ހޯދުމެވެ. ނަމަވެސް މަންމަ ބަލިވުމާއި ކިޔެވުމަށް ކުރިމަތިވި ދަތިތަކުގެ ސަބަބުން ގަދަ ދިހައަކަށް އަރާނެ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ.

"އަސްލު ބޭނުންވީ ގަދަ ދިހައެއްގެ އެއްވަނަ. އެކަމަކު ލިބުނީ އަށްވަނަ. ޓާމް ޓެސްޓު ތަކުގައި ވެސް ނަތީޖާއަށް ބަލާނަމަ މިއީ އެންމެ ރަނގަޅު ނަތީޖާއެއް ނޫން،" މިއުސާ ބުންޏެވެ.

ސްކޫލުގައި ވެސް ބަސްއަހާ، އެންމެންގެ އުނމީދުތައް ބޮޑު
މިއުސާގެ ޓީޗަރުން އޭނާ ސިފަކުރަނީ ވަރަށް ބަސްއަހާ ކުއްޖެއްގެ ގޮތުގައެވެ. އަދި އެހެން ކުދިންނަށް ވެސް އެހީވެދޭ ކުއްޖެއްގެ ގޮތުގައެވެ.

"މިއުސާ ވަރަށް ކިޔައިދޭނެ ކުދިންނަށް ވެސް ނޭންގޭ އެއްޗިހި ވެސް،" މިއުސާގެ ޓީޗަރު މައުސޫމާ ބުންޏެވެ.

އޭނާ ބުނިގޮތުގައި މިއުސާއަށް ރަނގަޅު ނަތީޖާއެއް ގެނެވޭނެކަން ހުރިހާ ޓީޗަރުން ވެސް ގަބޫލު ކުރެއެވެ. އަދި އެންމެން ވެސް ތިބީ އެކަމަށް މިއުސާއަށް އެހީވެދިނުމަށް އަތުކުރި އޮޅާލާފައެވެ. އެންމެން ވެސް އޭނާއަށް ހިތްވަރުދީ މިއުސާގެ ފެންވަރުން ރަނގަޅު ނަތީޖައެއް ގެނައުމަށް އެހީވިއެވެ.

އަދިވެސް އޭނާގެ ޓީޗަރުންނަށް އޭނާ ފެންނަނީ ވިދުންގަދަ ތަރިއެއް ގޮތަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް ޓީޗަރުން މިއުސާއަށް ކުރާ އުންމީދު ފަނޑެއް ނުވެއެވެ.

މައިންބަފައިންގެ ފަޚުރު، ޝައުގު ހުރީ ސިއްހީ ދާއިރާއަށް

މިއުސާގެ ހިތްވަރު އޭނާގެ މައިންބަފައިން ވެސް ބަލައިގަނެއެވެ. އެންމެން ވެސް ތައުރީފު ކުރަނީ އޭނާގެ ހިތްވަރަށެވެ.

މިހާރު ހުޅުދުއްފާރުގައި އޭލެވެލް ކިޔަވާ މިއުސާ ބޭނުން ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުސަތު އޮތްކަމަށް އޭނާގެ މައިންބަފައިން ބުންޏެވެ. ހިތްވަރު ހުރި ނަމަ މިއުސާއަށް ކޮންމެ ކަމެއްވެސް ކާމިޔާބު ވާނެކަމަށް އޭނާގެ ބެލެނިވެރިން ގަބޫލުކުރެއެވެ.

"މިއުސާ ހަމަ ބޭނުން ވަރަކަށް ބޭނުން އެއްޗެއް ކިޔަވަންވީ. އެއީ ވަރަށް ހިތްވަރުގަފަ ދަރިއެއް މާޝާ ﷲ،" މިއުސާ މަންމަ މަރިޔަމް އަބްދުއްރަހްމާނު ބުންޏެވެ.

މިއުސާގެ ޝައުގުވެރިކަން ހުރީ ސިއްހީ ދާއިރާއަށެވެ. ކިޔަވައިގެން ވެސް ރަށް ދޫކޮށް މައިންބަފައިންނާ ދުރަށް ދާކަށް މިއުސާ ބޭނުމެއް ނުވެއެވެ. އޭނާގެ ހުވަފެންތައް ބޮޑެވެ. ހިތްވަރު އަދި އެއަށްވުރެ ގަދައެވެ.

މިއުސާގެ ވާހަކައަކީ ކޮންމެ ދަރިވަރަކަށް ވެސް ހިތްވަރަކަށް ވާނެއެވެ. ކިޔެވުމުގައި ނަމޫނާއަކަށް ވާނެއެވެ. ހިތާމަ އާއި ހިތްދަތިކަމުގައި ވެސް އޭނާ ވަނީ އޭނާގެ ސާބިތުކަން އެންމެންނަށް ދައްކުވާފައެވެ.

comment ކޮމެންޓް