މައްސަލައަކީ ރައީސުން މާ ގަދަވީމާ!

މިސާލަކަށް, މިއަދުގެ ހާލަތު އޮތްގޮތަކީ އޭރަކު ރައީސަކަށް ހުންނަވާ ބޭފުޅަކު ބޭނުންވެއްޖެ ނަމަ ވަކިވަކި ގޭބިސީތަކުގައި ކައްކަންވީ އެއްޗެއްސާއި އަނބިންނާއި ފިރިން އުޅެންވީ ގޮތް ވެސް އެ ރައީސަކަށް ނިންމި ދާނެއެވެ. ގައުމުގެ ހުރިހާ ކަމެއް ހިންގުމުގެ ބާރު އޮންނަނީ ރައީސަށެވެ. ގާނޫނު ހެދުމާއި ޝަރީއަތުން ގޮތް ނިންމުމާއި ފެނަކައިން ވަޒީފާ ދިނުމުން ފެށިގެން ގޮސް ހަމަ ހުރިހާ ކަމެކެވެ.

އެކަމަކު, ދިވެހީން ބޮޑު ގުރުބާނީއެއް ވެގެން ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީއެއް ގެނައީ އެ ގޮތް ކަމުނުދާތީއެވެ. ބާރުތައް މަސްހުނުކިރުމާއި ރަސްރަސްކަލުންގެ ބާރަށް ހޯހޯއޭ ކިޔައިފައެވެ. މިއަދު ރާއްޖޭގައި ކަންވަމުންދާ ގޮތާމެދު ވިސްނާލާއިރު މި ހިސާބަށް ދިވެހީން ދަތުރުކުރި ގޮތް ހަނދާންކޮށްލަން ޖެހެއެވެ. އައި ހެޔޮ ބަދަލާއި ރަނގަޅު ނުވި ކަންކަމާ މެދުގައެވެ.

މިއަދު ސިޔާސީ ގޮތުން ބޭނުން ހިޔާލެއް ފާޅުކުރެވެއެވެ. ބޭނުން ފާޑެއް ކިޔެއެވެ. ތިމާ ދެކޭ ގޮތް ހުރަހަކާނުލައި ހާމަ ކުރެވެއެވެ. ނަމަވެސް، މީގެ 17 ވަރަކަށް އަހަރު ކުރިން މިކަން އޮތީ މިގޮތަކަށެއް ނޫނެވެ. އޭރު ވެރިމީހާ ކިރިޔާ ވެސް ނުރުހޭ ހިޔާލެއް ފާޅުކުރިޔަސް, އިޝާރާތެއް ކުރިއަސް ލިބެނީ ވޭންދެނިވި އަދަބެވެ. އެންމެންގެ މި ގައުމުގެ ވަސީލަތްތަކާއި މުއްސަނދިކަން މަދު ވެރިންތަކެއް ހިތުހުރި ގޮތަކަށް ބަހާލިޔަސް، ބުނެވޭނެ ދެއްކޭނެ އެއްވެސް ވާހަކައެއް ނޯވެއެވެ. އާންމު ރައްޔިތުން ނިކަމެތި ހާލުގައި އަސާސީ ޚިދުމަތްތައް ނުލިބި ތިބިއިރު ރައީސް އޮފީހުން ދޫކުރާ ލޯނުން ވެރިންގެ ގެތައް ދިޔައީ ބުރިބުރިއަށް ނަގަމުންނެވެ. ޚާއްސަކޮށް އަތޮޅުތެރޭގެ ހާލަތު ވަރަށް ދަށެވެ. އޭރު ނިޒާމު އޮތްގޮތުން ހުރިހާ ބާރުތަކެއް އޮތީ ހަމަ އެންމެ ބޭފުޅެއްގެ މުށު ތެރޭގައެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ދިވެހީންނަށް އެ ގޮތް ކަމުނުގޮސްގެން އެ ހާލަތު ބަދަލުކުރަންވި ގުރުބާނީއަކީ ކުޑަ ގުރުބާނީއެއް ނޫނެވެ. މިއަދު މި ދެކޭ ޒަމާނީ ޑިމޮކްރަސީ ރާއްޖެ ގެނައީ އެތައް ދިވެހި ދަރިންތަކެއްގެ މިންނެތް މަސައްކަތުންނެވެ. ހާދަހާ ގުރުބާނީއަކުންނެވެ. ޖަލުތަކުގައި މުއްދަތެއް ނެތްގޮތަށް ބަންދުކޮށް އެތައް އަދަބަކަށް ކެތްކޮށްގެންނެވެ. އެތައް ފުރާނައެއް ގެއްލިގެންނެވެ. އާއިލާތަކާއި އަމިއްލަ ވިޔަފާރިތައް ގުރުބާން ކުރި އެތައް ދިވެހި ދަރިންނެއްގެ މިންނެތް މަސައްކަތުގެ ސަބަބުންނެވެ.

ހުރިހާ ބާރުތަކެއް އެއްކުރައްވައިގެން ކުރައްވަމުން ގެންދެވި ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ފުރުސަތު ދިވެހީންނަށް ލިބުނީ އާ ގާނޫނުއަސާސީއާ އެކުއެވެ. ޖޫން 26، 2008 ގައި ރައްޔިތުންގެ ޚާއްސަ މަޖިލީހުން ފާސްކޮށް، ފެހި ގާނޫނުއަސާސީ ތަސްދީގުކުރެވިގެން ދިޔައީ އޯގަސްޓް 7، 2008 ވަނަ ދުވަހެވެ. އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެ ގާނޫނުއަސާސީ ތަސްދީގުކުރެއްވުމާ އެކު ސިޔާސީ މިނިވަންކަން ލިބުނެވެ. އާންމުންނާއި ނޫސްވެރިންނަށް ވެރިކަމުގެ ނިޒާމަށް ފާޑުކިޔުމާއި ވެރިން އިންތިޚާބުކުރުމުގައި ގޮތް ނިންމުމުގެ ފުރިހަމަ ބާރު ލިބިގެންދިޔައީއެވެ. ކުޑަ ކާފާއި ބޮޑު ކާފުގެ ޒަމާން ނިމުމަކަށް އައެވެ. ސިޔާސީ ޕާޓީ ހެދުމާއި އިންސާފުވެރި އިންތިޚާބުތައް ބޭއްވުމަށް މަގުފަހިވީއެވެ.

17 އަހަރު ފަހުން ނަތީޖާ ކިހިނެއް؟

ޑިމޮކްރަސީގެ އެންމެ އަސާސީ ސިފަތަކަށް ބަލާއިރު ތިން ބާރު ވަކިވެފައިވާ ނިޒާމަކުން ދައުލަތް ހިންގަން ޖެހެއެވެ. ގާނޫނާއި ގަވައިދު އެންމެންގެ މައްޗަށް ހަމަހަމަކަމާ އެކު ތަންފީޒުވާން ޖެހެއެވެ. ވެރިއެއް އާންމު ރައްޔިތެއް ތަފާތެއް ނެތިއެވެ. ދެފުށް ފެންނަ ނިޒާމަކުން ދައުލަތުގެ މުއައްސަސާތައް ހިންގައި ޖަވާބުދާރީވާން ޖެހެއެވެ. ހަމަ އެހެންމެ އިންސާނީ ހައްގުތަކަށް އިހުތިރާމުކުރުމާ އެކު މިނިވަން އިންސާފުވެރި އިންތިޚާބުތަކެއް ބާއްވަން ޖެހެއެވެ.

ސުވާލަކީ މިކަންކަމުގެ ތެރެއިން މި ދިވެހި ރާއްޖޭގައި ރަނގަޅަށް ތަންފީޒު ވަނީ ކޮންކޮން ކަންތައްތަކެއް ތޯއެވެ؟

"އަހަރެމެންވި ގުރުބާނީން މި ލިބުނު ނަތީޖާ ވަރަށް ގޯސް. ހަމަ ކޮންމެ ބަޔަކު ވެރިކަމަށް އައިސް ގާތް މީހުންނަށް ބަހާލައިގެން ކޮރަޕްޝަން ހިންގަނީ. ދައުލަތުގެ ވަސީލަތްތައް އެ މީހުން ބޭނުންކޮށްލަނީ. ހެސްކިޔާ ވައްކަން ކުރަނީ. އެ ވެސް ވަރަށް ފާޅުގައި. އަދަބެއް ނުލިބޭ. ހަމަ ހުރިހާ ޕާޓީއަކުން ވެސް ކަންކުރީ އެގޮތަށް. ކުރަނީ ވެސް އެގޮތަށް," ރައީސް މައުމޫންގެ ވެރިކަމާ ދެކޮޅަށް ކުރި މަސައްކަތްތަކުގެ ތެރެއިން ޖަލުގައި އެތައް ދުވަހެއް ހޭދަކުރި ބޭފުޅަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވިއެވެ.

ރައީސް މުޙައްމަދު ނަޝީދާއި ރައީސް މައުމޫން-- ފޮޓޯ:ވީނިއުސް

އޭނާ އެ ދައްކާ ވާހަކައިގައި ވަރަށް ބޮޑު ހަގީގަތްތަކެއް އެކުލެވިގެން އެބަވެއެވެ. ޑިމޮކްރަސީގެ ކުރިން އޮތް ވެރިކަން ދިވެހީންނަށް ކަމުނުދިޔައީ އޭރުގެ ވެރިން ބޭނުން ގޮތަކަށް ދައުލަތުގެ މުދަލާއި ވަސީލަތް ބޭނުންކުރާތީއެވެ. ނަމަވެސް، ޑިމޮކްރަސީއަށް ފަހު އައި ވެރިކަންތަކުގައި ވެސް ކަންވަނީ ހަމައެހެންނެވެ.

ކޯޓުތަކުގެ ފަނޑިޔާރުން އައްޔަންކުރުމާއި ކުދިކުދި ރަށްރަށުގެ ވަޒީފާތަކަށް މީހުން އައްޔަންކުރުން ވެސް އޮތީ ރައީސްގެ އަތްޕުޅުގައެވެ.

ރަނގަޅު ރިޔާސީ އިންތިޚާބުތަކެއް ރާއްޖޭގައި ބާއްވަން ފެށި ފަހުން އިންތިޚާބުތައް ކާމިޔާބު ކުރައްވައިގެން ވެރިކަން ކުރެއްވި ރައީސް މުޙައްމަދު ނަޝީދާއި ރައީސް އަބްދުالله ޔާމީންގެ އިތުރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ވެސް ދައުލަތުން ކުރި ވައްކަންތައްވީ އިތުރެވެ. ދިވެހީންގެ މާލިއްޔަތުން އެތައް ބިލިއަން ރުފިޔާއެއް ފޭރިއްޖެއެވެ.

ހިތާމައަކީ އެ ފައިސާ އަނބުރާ ނުހޯދުނުތާ އެ ޚިނާޔާތްވި މީހުންނަށް އަދަބެއް ވެސް ނުލިބޭތީއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ ކަންކަން ބަލާނެ މުއައްސަސާތައް އެބަހުއްޓެވެ. އެ މުއައްސަސާތައް ހިންގަން ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް އެބަ ހޭދަކުރެއެވެ. މުއައްސަސާތައް ގިނަވެ، އެ ކަމުގެ ބުރަ ބަޖެޓުން އުފުލަން ޖެހޭއިރު ގިނަ މުއައްސަސާތައް ފަންކްޝަން ނުވެއެވެ. އޮންނަނީ ގަދަ ނިދީގައެވެ.

ދެން އޮތީ ގާނޫނާއި ގަވާއިދު ތަންފީޒުކުރުމެވެ. ރަސްކަމުގެ ދުވަސްވަރުން ފެށިގެން ރާއްޖޭގައި ކަންކަން ވަމުން ދިޔަ ގޮތަކީ މޮޅު މީހާއަށް މޮޅު ގޮތްވުމާއި ދެރަ ނިކަމެތި މީހާއަށް ނިކަމެތި ގޮތްވުމެވެ. ސުވާލަކީ މިއަދު އެ ހާލަތު ބަދަލުވެއްޖެތޯއެވެ؟ އޭރަކު އޮންނަ ޕާޓީއެއްގެ އިސް މީހަކަށް ނުވަތަ އޭރަކު ތިބޭ ވެރިން ރުހޭ މީހަކު ކުށެއް ކުރުމުން މިހާރު ވެސް އަދަބެއް ލިބޭތޯއެވެ؟ ސިޔާސީ ނުފޫޒު ފޯރުވައިގެން ނުކުރެވޭ ކަމެއް އެބައޮތްތޯއެވެ؟ މި ސުވާލުތަކަށް އަމިއްލައަށް ޖަވާބު ދިނުމުން ހާލަތު ސިފަވާނެއެވެ. ގެނައި ބަދަލުގެ ރަހަ އިހުސާސްވާނެއެވެ.

ބާރުތައް އެއް ކުރައްވަނީ މާ ބޮޑަށް

ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ ވެރިކަންކުރަން ރައްޔިތުން އިންތިޚާބު ކުރާ އެންމެ އިސް މަގާމަށްވާއިރު އެއީ އެއް ބާރެވެ. އެ ބާރުން ކުރަން ޖެހޭނެ ކަމަކީ ވެރިކަން ކުރުމެވެ. އެކަމަކު، މި ގޯސްވާ ހިސާބަކީ އެ މަގާމަށް ވަޑައިގަންނަވާ ބޭފުޅުން އެހެން ބާރުތައް ބޭނުންވުމެވެ.

https://www.sun.mv/203074

ވެރިކަން ލިބުމާއެކު ރައީސުން ދެން ފައިނަންގަވަނީ ގާނޫނީ ހެދުމުގެ ބާރު ކަމަށްވާ މަޖިލީސް ހޯދުމަށެވެ. ރައްޔިތުންނަށް ވިސްނައި ދެނީ މަޖިލިސް ނުލިބިއްޖެނަމަ ވެރިކަން ކުރަން ދަތިވާނެ ކަމަށެވެ. އެކަމުގެ ނަތީޖާއަކީ ނަޝީދުގެ ވެރިކަމަށް ފަހު އައި އެހެން ވެރިކަންތަކުން މަޖިލީހުގެ ފުލް މެޖޯރިޓީ ހޯދުމެވެ. ފަހަރަކަށް ވުރެ ފަހަރެއް ވެރިކަމުގައި އޮންނަ ޕާޓީން މަޖިލީހުގެ ގޮނޑިތައް ކާމިޔާބުކުރާވަރު އިތުރުވުމެވެ. އެހެންކަމުން ޔާމީނާއި ޞާލިހާއި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަންތަކުގައި މަޖިލީހުގެ ފުލް ކޮންޓްރޯލް އޮތީ ވެރިމީހާގެ އަތްޕުޅުގައެވެ. މަޖިލީހުގެ މެންބަރުން ތަޅުއަޅުވަނީ ފައިސާއާއި ބާރުތަކެއް ދީގެންނެވެ. އެވަރުން ނުވިއްޔާ ބިރުދައްކައިގެންނެވެ. ދެން އޮތީ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރެވެ.

މިނިވަންކޮށް އެއްވެސް ނުފޫޒެއް ނެތި ހިންގަން ޖެހޭ އެ ދާއިރާއަށް ވެސް ރައީސުންގެ ނުފޫޒު ފޯރުވަނީއެވެ. ނަޝީދުގެ ވެރިކަމުގައި ޝަރުއީ ދާއިރާއާމެދު ހިތްހަމަ ނުޖެހިގެން ސުޕްރީމް ކޯޓުގައި އެޅުވީ ތަޅެވެ. އެވަރުން ނުވެގެން ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުالله މުޙައްމަދު އުސޫލުން ބޭރުން ހައްޔަރުކޮށް, އެކަހެރި ކުރީއެވެ. ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ވަނުމާއި އުއްތަމަ ފަނޑިޔާރާއި އެހެން ފަނޑިޔާރުންތަކެއް ހިފާ ހައްޔަރުކުރުން ފަދަ އެތައް ކަމެއް ހިނގައިގެންދިޔައެވެ. ދެން ވެރިކަމަށް ވަޑައިގެންނެވި ޞާލިޙްގެ ސަރުކާރުން ސުޕްރީމް ކޯޓުގެ މުޅި ބެންޗު ބަދަލުކޮށްލީއެވެ. އެވަރުން ނުވެގެން ބައެއް ހުކުމްތައް އިއްވާ ގާޒީންނަށް ކުއްލި ބޮޑެތި ޕްރޮމޯޝަންތައް ދިނީއެވެ. ޞާލިޙް ވެރިކަމަށް ވަޑައިގަތީ ފަނޑިޔާރުންގެ ކަންކަން ބަލާ, ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ސިޔާސީ ނުފޫޒު ފޯރާ ގޮތަށް އޮތްއޮތުން ބަދަލު ކުރައްވާނެކަމުގެ ރިޔާސީ ވައުދާ އެކުއެވެ. އެ ވެރިކަމަށް އެކަން ކުރުމުގެ ފުރިހަމަ އިހުތިޔާރާއި ބާރު ލިބުނު ނަމަވެސް އެ ފަސް އަހަރު ނިންމާލީ އެފަދަ އެއްވެސް ކަމެއް ނުކޮށެވެ.

މިހާރުގެ ވެރިކަމަށް ބަލާއިރު ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ދިވެހި ދިދައިގެ ކުރިމަތީ ހުންނަވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެ ހިނދުން ފެށިގެން ޝަރުއީ ދާއިރާއަށް ސިޔާސީ ނުފޫޒު ފޯރުވުން ނިމުނީ ކަމަށެވެ.

"އަޅުގަނޑުމެން ކަށަވަރުކުރަން ބޭނުންވަނީ ރާއްޖޭގެ ބާރުތަކުގެ މިނިވަންކަން. ވަކިން ޚާއްޞަކޮށް، ޢަދުލު އިންޞާފުގެ ނިޒާމުގެ ތެރެއަށް، ސަރުކާރުގެ ކުޑަވެސް ނުފޫޒެއް ވަންނާނެ ޖާގަ ނުދިނުން،" އެ ދުވަހު ރައީސް ވިދާޅުވިއެވެ.

ނަމަވެސް، މި ފަހުން މި ހިނގި ކަންކަމުން ފެންނަނީ އެހެން މަންޒަރެކެވެ. ސަރުކާރުން ބޭނުން ވެގެން, މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީގެ އަތްމައްޗަށް ނެގުމުން އެ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމީމާ ފާޑަކަށް އެ ކޯޓުގައި ތަޅެއް އެޅުވީއެވެ. މަސްހަލަތު ފުށުއަރާ ވަރަށް ބޮޑު ޝަރީއަތެއް ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށް, ކުއްލިއަކަށް ސަރުކާރުގެ މެޖޯރިޓީ ބޭނުންކޮށްގެން, ވަރަށް އަވަސް އަރުވާލައިގެން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން އިއްޔެ ފާސްކޮށްފިއެވެ. އެ ވަރުން އަދި ނިމުނީއެއް ނޫނެވެ. މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލައިގެ އަޑުއެހުމެއް ފަށަން 10 ވަރަކަށް މިނެޓަށްވެފައި ވަނިކޮށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރު, ވަނީ ޖޭއެސްސީން ސަސްޕެންޑްކޮށްފައެވެ. އެ ޖޭއެސްސީގެ މެޖޯރިޓީ އޮތީ ސަރުކާރަށެވެ.

ޑިމޮކްރަސީއާ އެކު ރާއްޖެއަށް އުފުލަން ޖެހުނު ބުރަ ކުޑައެއް ނޫނެވެ. ޚާއްސަކޮށް ބަޖެޓަށެވެ. ގައުމު ދަރާވިކެނީއެވެ. ރާއްޖެއަށް ފަހާފައިވާ ކޯޓު މާ ބޮޑެވެ. އެކަމަކު، މީގެ ހިތާމައަކީ މި ނިޒާމުން ބޭނުންވި ކަންކަން ނުވި ކަމެވެ. ދިވެހީން ދެކޮޅު ހެދި ހުރިހާ ކަމެއް އެބަ ހިނގައެވެ. ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމާއި ކޮރަޕްޝަން އިންތިހާއަށް އިތުރުވުމާއި ޝަރީއަތްތަކަށް ނުފޫޒު ފޯރުވުމެވެ. މިހެން ގޮސް ބޭނުންނުވާ ހުރިހާ ކަމެއްހެން އެބަ ހިނގައެވެ. ނޫނެކޭ ބުނި ކަންކަމެއް ނުހުއްޓެއެވެ. އެތައް ގުރުބާނީއަކުން ދިވެހީން ގެނައި ޑިމޮކުރަސީގެ ނަތީޖާއަކީ މިއީއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް