މިދިޔަ މަހު ޒަކާތު ފަންޑުން ފަގީރުންނާއި މިސްކީނުންނަށް ބޭސްފަރުވާގެ އެހީ ދިނުމަށް ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކުރި ކަމަށް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ޒަކާތު ފަންޑުން ވަނީ ޖުމްލަ 168 މީހަކަށް އެހީ ހަމަޖައްސައިދީފައެވެ. މިގޮތުން އެ ފަރާތްތަކަށް އެހީ ހަމަޖައްސާދިނުމަށް ޖުމްލަ 506،501 ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ. ޒަކާތު ފަންޑުގެ ރިޕޯޓުގައިވާ ގޮތުން، މިދިޔަ މަހު ކުރި ޚަރަދުތަކުގެ ތެރޭގައި، މާޗު މަހު އެހީ ހަމަޖެހުނު މީހުންގެ ޚަރަދުތައް ވެސް ހިމެނިފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ މަހު އެހީއަށް އެ ފަންޑުން ދޫކުރުމަށް ހަމަޖެހިފައި އޮތީ 1.5 މިލިއަން ރުފިޔާއެވެ.

މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަތުމުގެ ތެރެއިން: މިދިޔަ މަހު ވަނީ ޒަކާތު ފަންޑުން އެހީއަށް 5 ލައްކަ ރުފިޔާ ޚަރަދުކޮށްފަ ---- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ނިމިދިޔަ މަހު ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީއަށް ޚަރަދުކޮށްފައިވާ ގޮތަށް ބަލާއިރު:
- ކެންސަރަށް: 373،175 ރުފިޔާ
- ހިތުގެ އޮޕަރޭޝަންތަކަށް: 106،012.50 ރުފިޔާ
- ނިއުމޯނިއާއަށް: 100،000 ރުފިޔާ
- ހަށިގަނޑުން ބައެއް ފިހުން: 165،446.25 ރުފިޔާ
- ސިކުނޑީގެ އޮޕަރޭޝަންތަކަށް: 25،443 ރުފިޔާ
އެއާއެކު، ޒަކާތު ފަންޑު މެދުވެރިކޮށް 731،293.50 ރުފިޔާ އެހެނިހެން ބަލިތަކަށް ޚަރަދުކޮށްފައިވެއެވެ. ޚާއްސަ ހާލަތްތައް މެދުވެރިވެގެން ހާލުގައި ޖެހޭ ފަރާތްތަކަށް އެހީގެ ގޮތުގައި 9،000 ރުފިޔާ ދީފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

މީހަކު ޒަކާތް ބަލައިގަންނަނީ: މިދިޔަ މަހު ވަނީ ޒަކާތު ފަންޑުން އެހީއަށް 5 ލައްކަ ރުފިޔާ ޚަރަދުކޮށްފަ ---- ސަން ފޮޓޯ/ އަލީ ނަސީރު
މީގެ އިތުރުން، މިދިޔަ މަހު އެހެނިހެން ޚަރަދުގެ ގޮތުގައި އެ ފަންޑުން އިދާރީ މުވައްޒަފުންނަށް އުޖޫރަ ދިނުމަށާއި ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ފައިސާ ހަމަޖައްސާފައިވެއެވެ. މިގޮތުން، ފިތުރު ޒަކާތުން ޖުމްލަ 9.24 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު އިދާރީ މުވައްޒަފުންގެ އުޖޫރައިގެ ގޮތުގައި، 480،332 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފެއްދީ މި ސަރުކާރުންނެވެ. އެއީ، ޒަކާތާ މެދު މީހުން އަހުލުވެރިކުރުވައި ލޯބި ޖެއްސުމުގެ ބޭނުމުގައި ކުރި ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.