ދެކުނު އޭޝިއާގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ދޭ އެންމެ ފުރިހަމަ ޚިދުމަތްތަކުގެ އަގުވަޒަންކުރާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގައި ސަން ޓްރެވަލްސްއަށް ލީޑިން ޓްރެވަލް އޭޖެންޓެއްގެ އެވޯޑު ލިބިއްޖެއެވެ.
މާލޭގެ ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ސަން ޓްރެވަލްސްއަށް ލިބިފައިވަނީ، އިންބައުންޑް ލީޑިން ޓްރެވަލް އޭޖެންޓުގެ ކެޓަގަރީން ރިހިވަނައެވެ. އެ އެވޯޑާ ހަވާލުވެވަޑައިގަތީ ސަން ޓްރެވަލްސްގެ ޑިރެކްޓާ އޮފް ސޭލްސް އެންޑް މާކެޓިން، ނީނާ ނިޒާރެވެ.
ސަން ޓްރެވަލްސްއަކީ 1990 ވަނަ އަހަރު، ޓްރެވަލް އެޖެންސީ އަދި ޓުއާ އޮޕަރޭޓަރެއްގެ ގޮތުގައި އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނީގެ މައިގަނޑު ވިޔަފާރިއަކީ އިންބައުންޑް ޓޫރިޒަމެވެ.
ކުޑަކުޑަ ވިޔަފާރިއަކުން ފަށައި، މިހާރު ރާއްޖޭގެ އެންމެ ކުރިއަރާފައިވާ އެއް ޓޫރިޒަމް ކުންފުންޏަށް ސަން ޓްރެވަލްސް ވަނީ ވެފައެވެ. ހަމައެއާއެކު ސަން ޓްރެވަލްސްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޓުއާ އޮޕަރޭޓަރުންނާއެކު ވަރުގަދަ ގުޅުމެއް ބާއްވަމުންދާ ކުންފުންޏެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގެ ގޮތުން، ފަތުރުވެރިކަމުގެ ހުރިހާ ވިޔަފާރިތަކަށް ޚާއްސަކޮށް ހުޅުވާލައިގެން 'ސަން ޓްރެވަލްސް' ވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު 27ގައި ރީބްރޭންޑުކޮށްފައެވެ.
ސަން ސިޔާމް ގުރޫޕުގެ ދަށުން, ރާއްޖޭގައި އަންނަނީ ވަރަށް ފެންވަރު ރަނގަޅު ފަސް ރިސޯޓެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ސިޔާމް ވޯލްޑާއި, އިރުފުއްޓާއި ވިލުރީފުގެ އިތުރުން އިރުވެއްޔާއި އޮޅުވެއްޔެވެ. މީގެ އިތުރުން ސްރީ ލަންކާގައި ވެސް ރިސޯޓެއް ހިންގައެވެ.