މެންޗިސްޓާ ޔުނައިޓެޑަށް 13 ވަނަ ފަހަރަށް އެފްއޭ ކަޕް ރޭ ހޯދައިދިނުމަށް ފަހު، ޓީމު ކުރިއާ އަޅައިބަލާއިރު މިހާރު ރަނގަޅު ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހަގް ބުނެފިއެވެ.
ޔުނައިޓެޑުން ރޭ ވަނީ ވާދަވެރި މެންޗިސްޓާ ސިޓީ 2-1 އިން ބަލިކުރުމަށް ފަހު އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ.
އެކަމަކު، މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގަކީ އެ ލީގުގެ ދިގު ތާރީޚުގައި ވެސް ޔުނައިޓެޑުން އެންމެ ދަށްކޮށް ނިންމާލި ސީޒަނެވެ. އެ ޓީމުން ސީޒަން ނިންމާލީ އަށްވަނައިގައި އޮވެގެންނެވެ. އެހެންވެ، އެ ޓީމުގެ ކޯޗު ޓެން ހަގްގެ ވަޒީފާއާ މެދު ވަނީ ބިރުވެރިކަން އުފެދިފައެވެ.
އޭނާ ވަކިކުރާނެ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފައެވެ.
ރޭގެ މެޗަށް ފަހު ޓެން ހަގްގެ މުސްތަގުބަލާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަމުން އޭނާ ބުނީ، އޭނާ ކުރާ ކަމަކީ ޓީމު ތައްޔާރުކުރުން ކަމަށެވެ. މިއީ މަޝްރޫއެއް ކަމަށް އޭނާ ގަބޫލުކުރާ ކަމަށާއި ޓީމާ ހަވާލުވީއިރު ހާލަތު ވަރަށް ގޯސް ކަމަށެވެ. އެކަމަކު، މިހާރު ޓީމުގެ ހާލަތު ރަނގަޅުވާނެ ކަމަށް އޭނާ ބުންޏެވެ.
"ޔުނައިޓެޑުން އިތުރަށް އަހަރެން ބޭނުންނުވާ ނަމަ، އެހެން ޓީމަކަށް ގޮސް ތަށި ހޯދާނަން. މުޅި ކެރިއަރުގައި ވެސް އަހަރެން ކުރާހާ ކަމަކީ އެއީ،" ޓެން ހަގް ބުންޏެވެ.
އޭނާ ބުނީ، ފުޓުބޯޅަ ކުޅެނީ ޓްރޮފީ ހޯދަން ކަމަށެވެ. ކުރިއަށް އަރައިގެން ރީތި ފުޓުބޯޅައެއް ކުޅެން ބޭނުންވާ ކަމަށާއި އެކަމަކު މުހިންމު ކަމަކީ މެޗުތަކުން މޮޅުވެ، ޓްރޮފީ ހޯދުން ކަމަށް އޭނާ ބުންޏެވެ.
މި ސިޒަންގައި ވެސް ތައްޓެއް ހޯދަން ލިބުނު ފުރުސަތުގެ ބޭނުން ހިފުނީތީ އުފާކުރާ ކަމަށް އޭނާ ބުންޏެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ވަނީ ކައިރިކައިރީގައި ދެ ލަނޑު ޖަހާ މެޗުގެ ފެށުން ރަނގަޅުކޮށްފައެވެ. ޔުނައިޓެޑްގެ ދެ ލަނޑު ޖަހައިދިނީ އަލެހަންޑްރޯ ގާނާޗޯއާއި ކޯބީ މައިނޯއެވެ.
އެކަމަކު، ސިޓީން ވަނީ ފަހު ހާފުގައި ކުޅުން ރަނގަޅުކޮށްފައެވެ. އެ ޓީމުގެ ޖެރެމީ ޑޮކޫ ލަނޑެއް ޖަހައި، ސުން ކަނޑުވާލި ނަމަވެސް ނަތީޖާ ހަމަހަމަ ކުރެވިފައެއް ނުވެއެވެ. އެހެންވެ، ޔުނައިޓެޑުން ވަނީ 13 ވަނަ ފަހަރަށް އިނގިރޭސި އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ.