ބޮޑު ޗުއްޓީއަށް ފަހު، ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ހުރިހާ ސްކޫލެއްގައި ފަށައިފިއެވެ.
ހުޅަނގު މޫސުމުގެ ވިއްސާރަ މުޅި ރާއްޖެއަށް ވެސް ކުރަމުން އަންނައިރު، އެޑިއުކޭޝަން މިނިސްޓްރީން ދިރާސީ އާ އަހަރުގެ ކިޔެވުން ފެށީ ކުރިން ކިޔަވައިދޭ ވަރަށް ވުރެ ވަގުތު ކުރުކޮށްލައިގެންނެވެ. އެގޮތުން، ކުރިއަށް އޮތް ތިން ދުވަހު ގިނަވެގެން ތިން ގަޑިއިރު ކިޔަވައިދޭ ގޮތަށް ވަނީ ނިންމައިފައެވެ.
ސްކޫލުތަކުގައި މިއަދު ދިރާސީ އާ އަހަރު ފެށީއިރު، އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި އަހަރު 96،000 އަށްވުރެ ގިނަ ދަރިވަރުން އެކި ސްކޫލުތަކުގައި ކިޔަވާނެ ކަމަށެވެ. އޭގެ ތެރޭގައި:
- އަންހެން - 40،300 ދަރިވަރުން
- ފިރިހެން - 42،700 ދަރިވަރުން
ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރު ތައުލީމު ހާސިލުކުރާ 96،000 ދަރިވަރުންގެ ތެރެއިން 17،000 ދަރިވަރުންނަކީ މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންނެވެ. އަދި، އަމިއްލަ މަދަރުސާތަކުގައި 13،000 އަށް ވުރެ ގިނަ ދަރިވަރުން އަންނަނީ ތައުލީމު ހާސިލުކުރަމުންނެވެ. އޭގެ ތެރެއިން ވެސް، 9،000 އެއްހައި ދަރިވަރުން ތައުލީމު ހާސިލުކުރަމުން އަންނަނީ މާލޭ ސަރަހައްދުގައެވެ.
މިނިސްޓްރީގެ ތަފާސްްހިސާބުތައް ދައްކާ ގޮތުން މި އަހަރު މާލޭ ސަރަހައްދުން އެކަނި ވެސް ގްރޭޑް އެކަކަށް 2،250 ދަރިވަރުން އަލަށް އެންރޯލްކޮށްފައިވެއެވެ. އަދި، އަތޮޅު ތެރޭ ސްކޫލުތަކުން މާލޭ ސަރަހައްދުގެ ސްކޫލުތަކަށް ޖުމުލަ 1،126 ދަރިވަރުން ވަނީ ބަދަލުވެފައެވެ. މާލޭ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް ވެސް 1،000 އެއްހައި ދަރިވަރުން ބަަދަލުވެފައިވެއެވެ.
މީގެ އިތުރުން، މި އަހަރު ފެށުނުއިރު 12،662 މުދައްރިސުން މަސައްކަތްކުރާނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ރޭ ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ގިނައީ ދިވެހި މުދައްރިސުންނެވެ. މިގޮތުން:
- ދިވެހި މުދައްރިސުން - 10،729
- ބިދޭސީ މުދައްރިސުން - 1،933
މި އަހަރު ފެށިއިރު ގިނަ ސްކޫލުތަކުގައި ކިޔަވައިދެނީ އެއް ދަންފަޅިއަށެވެ. އެގޮތުން، ސަރުކާރުގެ 162 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭއިރު 55 ސްކޫލެއްގައި ކިޔަވައިދޭނީ ދެ ދަންފަޅިއަށެވެ. އަދި، ހަ ސްކޫލެއްގައި ސެޓަލައިޓްކޮށް ކިޔަވައިދޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އެއީ، ފެހެންދޫ ސްކޫލު، ފުޅަދޫ ސްކޫލު، ކޮނޑޭ ސްކޫލު، ރަކީދޫ ސްކޫލު، ވ. ތިނަދޫ ސްކޫލު، އަދި އދ. ދިއްދޫ ސްކޫލެވެ.