ފިންލޭންޑުން އިސްރާއީލާއެކު އޮތް ދަރިވަރުން ބަދަލުކުރުމުގެ އެއްބަސްވުން އުވާލައިފި

އިސްރާއީލާއި ދެކޮޅަށް ފިންލޭންޑުގެ ޔުނިވާސިޓީ އޮފް ހެލްސިންކީގައި ދަރިވަރުން އަންްނަނީ މުޒާހަރާކުރަމުން -- ފޮޓޯ/މިޑްލް އީސްްޓް މޮނިޓާ

ފިންލޭންޑުގެ ޔުނިވާސިޓީ އޮފް ހެލްސިންކީއިން އިސްރާއީލުގެ ޔުނިވާސިޓީތަކާ އެކު އޮތް ދަރިވަރުން ބަދަލުކުރުމުގެ އެއްބަސްވުން އުވައިލައިފިއެވެ.

ފިންލޭންޑުން އެގޮތަށް ނިންމީ އިސްރާއީލުން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ހިންގަމުންގެންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެންނެވެ.

އެ ނިންމުން ނިންމައިފައިވަނީ ދަރިވަރުން ބަދަލުކުރުގެ އެއްބަސްވުން އުވައިލުމަށް ގޮވާލައި މި މަހުގެ ހަވަނަ ދުވަހުން ފެށިގެން ޔުނިވާސިޓީގެ ދަރިވަރުން މުޒާހަރާކުރަމުންދާ ދަނޑިވަޅެއްގައެވެ. އިސްރާއީލުން ހިންގާ ޖަރީމާތާކަށް ދެކޮޅަށް އެމެރިކާއާއި ވިލާތުގެ ޔުނިވާސިޓީތަކުގެ ދަރިވަރުން ވެސް އަންނަނީ މުޒާހަރާ ކުރަމުންނެވެ.

ނަމަވެސް، ޔުނިވާސިޓީގެ އޮޕަރޭޝަންތަކަށް މުހިންމު އެއްޗަކަށްވާތީ، ދިރާސާކޮށް އެތިކަލް ރިވިއުގެ މަސައްކަތްތައް އިސްރާއީލުގެ ޔުނިވާސިޓީތަކާ ގުޅިގެން ކުރިއަށްގެންދާނެ ކަމަށް ޔުނިވާސިޓީން ބުނެއެވެ.

އެ ޔުނިވާސިޓީން ވަނީ ޣައްޒާގައި މަތީ ތައުލީމުދޭ މަރުކަޒުތަކާއި ރިސާޗް ސެންޓަރުތައް އަލުން ބިނާކުރުމުގައި އެހީތެރިވެދޭނެ ކަމަށް ވެސް ބުނެފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލު ފައުޖުތަކުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނައިރު، އެތަ ހާސް ބަޔަކު ޝަހީދުކޮށްފައިވެއެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އެގޮތުން، މިހާތަނަށް 35،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

ހަމަލާތައް ކުރިއަށްދާއިރު، ޣައްޒާގެ އާންމުންނަށް ބޭނުންވާ ކާނާއާއި ފެން އަދި ބޭސް ފަރުވާއަށް ބޭނުންވާ ސާމާނު ފަދަ ތަކެތި ވެސް ލިބުން ވަނީ ދަތިވެފައެވެ. ކާބޯތަކެތި ނުލިބުމުގެ ސަބަބުން ބަނޑުހައިހޫނުކަމުގައި މިހާތަނަށް 10،000 މީހުން ވަނީ މަރުވެފައެވެ.

comment ކޮމެންޓް