މި އަހަރުގެ މާޗު މަހު ސިނަމާގައި ރިލީޒްކުރި ފިލްމު "ކްރޫ" ނެޓްފްލިކްސްގައި ޕްރިމިއާކޮށްފިއެވެ.
ބޮލީވުޑްގެ މި ހެއިސްޓް ކޮމެޑީ ފިލްމަކީ، ތިން އަންހެން ލީޑް ތަރިންގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ކެބިން ކްރޫއިންގެ ދިރިއުޅުން ދައްކުވައިދޭ "ކްރޫ"ގެ ތަރިންނަކީ ތައްބޫ، ކަރީނާ ކަޕޫރު ޚާން އަދި ކްރިތީ ސެނޮންއެވެ. ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދުމަށްފަހު ފިލްމު ނެޓްފްލިކްސްއިން ޕްރިމިއަކުރުމާ އެކު 190 ޤައުމަކަށް މި ފިލްމު ފެންނާނެއެވެ.
ރާޖޭޝް އޭ ކްރިޝްނަން ޑައިރެކްޓްކޮށްފައިވާ "ކްރޫ"އަކީ ބާލާޖީ މޯޝަން ޕިކްޗާސްއާއި އަނިލް ކަޕޫރު ފިލްމްސް އަދި ކޮމިއުނިކޭޝަން ނެޓްވޯކް ގުޅިގެން ގެނެސްދިން ފިލްމެކެވެ. މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ އަނިލް ކަޕޫރުގެ ދަރިފުޅު ރެއާ ކަޕޫރު އަދި އެކްތާ ކަޕޫރެވެ.
ފިލްމު ނެޓްފްލިކްސްގައި ޕްރިމިއާކުރިކަން އިއުލާނު ކުރަމުން ރެއާއާއި އެކްތާ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ތިއޭޓަރުތަކުގައި ކާމިޔާބު ޝޯތަކެއް ދެއްކުމަށް ފަހު ފިލްމު ނެޓްފްލިކްސްއަށް ދޫކޮށްލެވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމުގައެވެ. މަސައްކަތުގެ މާހައުލުގައި އުފެދޭ ރަޙުމަތްތެރިކަމުގެ ގުޅުންތަކާ އެކު ހެއްވާ މަޖާ އެތައް ހާދިސާތަކެއް "ކްރޫ"ގެ މެންބަރުން ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ދެ ޕްރޮޑިއުސަރުން ވަނީ ބުނެފައެވެ.
މި ފިލްމަކީ، ބެލުންތެރިން ފޫހިކަމެއް ނެތި ބަލާނެ ފިލްމެއް ކަމަށާއި މި ސަސްޕެންސް ކޮމެޑީ ޑްރާމާ ދުނިޔޭގެ އެތައް ބަޔަކަށް އާއިލާއާ ރައްޓެހިންނާ އެކު ތަޖުރިބާކޮށްލުމުގެ ފުރުސަތު ހޯދައިދެވުނު ކަމީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އެކްތާއާއި ރެއާ ވަނީ ބުނެފައެވެ.
ތައްބޫއާއި ކަރީނާ އަދި ކްރިތީގެ އިތުރުން ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން ކަޕިލް ޝަރުމާ އަދި އެކްޓަރު ދިލްޖީތު ދޯސާންޖް ފެންނާނެއެވެ. ފިލްމު ރިލީޒްކުރިތާ އެންމެ ނުވަ ދުވަސްތެރޭ ބޮކްސް އޮފީހުގެ 100 ކްރޯޑް ކްލަބުން "ކްރޫ" ޖާގަ ހޯދިއިރު މުޅިއެކު 156.36ކްރޯޑް ރުޕީސް (18.02 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ފިލްމަށް ވަނީ ލިބިފައެވެ. މި ފިލްމަކީ އެންމެ 75 ކްރޯޑް ރުޕީސް (9.01 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ.