އިނގިރޭސި ޕްރިިމިއާ ލީގުގައި ނިމިދިޔަ ސީޒަންގައި އެންމެ ބޮޑު ހޭދައެއްކުރި އެއް ޓީމު ކަމަށްވާ ޗެލްސީގެ ކޯޗު މައުރީޝިއޯ ޕޮޗެޓީނޯ މަގާމުން ވަކިވެއްޖެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޕޮޗެޓީނޯ ޗެލްސީގެ ކޯޗުކަމުން ވަކިވެފައިވަނީ ދެ ފަރާތުން ވެސް އެ ކަމަށް އެއްބަސްވެގެންނެވެ.
އުމުރުން 52 އަހަރުގެ ޕޮޗެޓީނޯ ޗެލްސީގެ ކޯޗުކަމާ ހަވާލުވެފައިވަނީ ނިމިދިޔަ އިނގިރޭސި ޕްރިމިއާ ލިގުގެ ސީޒަން ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭނާ ޗެލްސީއާ ގުޅިފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
މި ސީޒަނަށް ޗެލްސީން ވަނީ ގިނަ އަދަދެއްގެ ކުޅުންތެރިން ބޮޑު އަގުގައި ގެންގޮސްފައެވެ.
ސީޒަންގެ ފުރަތަމަ ބައިގައި އެ ޓީމުގެ ފަރާތުން ފެންނަމުންދިޔަ ދަށް ކުޅުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުގެ އިތުރުން ޕޮޗެޓީނޯ މަގާމުގައި ސީޒަން ނިމެންދެން ނުހުރެދާނެކަމުގެ ޙަބަރުތަކެއް ވެސް އަޑުއިވެމުންދިޔައެވެ.
ނަމަވެސް، ސީޒަންގެ ފަހު ފަސް މެޗުގައި އެ ޓީމުން ދެއްކި ކުޅުމާ އެކު ޗެލްސީން ސީޒަން ނިންމާލައިފައިވަނީ ލީގުގެ ހަވަނައިގައެވެ. މިއީ މި ސީޒަންގެ ކުރީ ބަޔާ އަޅައިބަލާއިރު ހީކުރި ވަރަށް ވުރެ ރަނގަޅު ނަތީޖާއެކެވެ. ޗެލްސީން ވަނީ މި ސީޒަންގެ ކަރަބާއޯ ކަޕްގެ ފައިނަލަށް ދިއުމުގެ އިތުރުން އެފްއޭ ކަޕްގެ ސެމީފައިނަލަށް ވެސް ދަތުރުކޮށްފައެވެ.
މަގާމުން ވަކިވުމަށް ފަހު ޕޮޗެޓީނޯ ވަނީ ޗެލްސީގެ އޯނަރުންނާއި ސްޕޯޓިން ޑިރެކްޓަރުން އޭނާއަށް ދިން ފުރުސަތަށް ޝުކުރުއަދާކޮށްފައެވެ. އަދި، މިހާރު ޗެލްސީ އޮތީ ޕްރިމިއާ ލީގާއި ޔޫރަޕްގައި ވެސް ރަނގަޅު ކުޅުމެއް ދެއްކޭ ފެންވަރުގައި ކަމަށް އޭނާ ބުންޏެވެ.
ޗެލްސީން އަންނަނީ އެ ޓީމަށް އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ޕޮޗެޓީނޯއަކީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެ ޓީމަށް ކޯޗުކޮށްދިން ދާއިމީ ހަވަނަ ކޯޗެވެ.