ތޮއްޑޫގައި ކޮޅިގަނޑެއްގައި ޖެހުނު ކުދިންތަކެއް މޫދުން ސަލާމަތްކުރީ ސްޓެލްކޯގެ މުވައްޒަފުންތަކެއް

ކޮޅިގަނޑުގައި ޖެހުނު ކުދިންތައް ސަލާމަތް ކުރަނީ ---- ފޮޓޯ/ ސްޓެލްކޯ

މިއަދު ހަވީރު އއ. ތޮއްޑޫއަށް އައި ކޮޅިގަނޑެއްގައި ޖެހުނު ކުދިންތަކެއް މޫދުން ސަލަމާތްކުރުމުގައި އެ ރަށު ސްޓެލްކޯގެ މުވައްޒަފުންތަކެއް ނަމޫނާ ދައްކައިފިއެވެ.

ހުޅަނގު މޫސުމުގެ ވިއްސާރަ މުޅި ރާއްޖެއަށް ކުރަމުންދާއިރު، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އޮތީ މިރޭ 20:30 އިން 00:30 ގެ ނިޔަލަށް ރީނދޫ ސަމާލެ ނެރެފައެވެ.

ސްޓެލްކޯއިން މިރޭ ކުރި ޕޯސްޓެއްގައި ބުނީ، ހަވީރު ތޮއްޑޫއަށް ކޮޅިގަނޑެއް އައި ވަގުތު އެއްގަމަށް ނާދެވިގެން އުޅެނިކޮށް، އެކުދިން ސަލާމަތް ކުރުމުގައި އެ ސަރަހައްދުގައި ތިބި އެ ކުންފުނީގެ މުވައްޒަފުންތަކެއް ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އިތުރަށް މައުލޫމާތު ދެއްވަމުން ތޮއްޑޫ ސްޓެލްކޯގެ ސްޓޭޝަން މެނޭޖަރު މުއާވިއަތު ހަސަން ވިދާޅުވީ، ކޮޅިގަނޑުއައި ވަގުތު އެކުދިންތައް ތިބީ މޫދުގައި އޮތް ކަނދެއް މަތީ ކަމަށެވެ.

"ކޮޅިގަނޑު ވަޔާ އެއްކޮށް އެހާ ބާރަށް ކޮޅިގަނޑު އައިމަ މި މީހުންނަށް އެއްގަމަށް ނާދެވުނީ. ދެން އަސްލު އަންހެނުންތަކަކާއި ކުޑަކުދިންތަކެއް މޫދަށް ގޮސް އުޅުނީ،" މުއާވިއަތު ވިދާޅުވިއެވެ.

އެ ހާދިސާ ހިނގުމުން، މޫދަށް ގޮސް އުޅުނު މީހަކު އޭނާއަށް ގުޅައި ރިޕޯޓް ކުރި ކަމަށާއި އެ ފަސް ކުދިން ސަލާމަތްކޮށް، އެއްގަމަށް ގެންނަން އެތަނަށް އެންމެ ފުރަތަމަ ދިޔައީ ސްޓެލްކޯގެ މުވައްޒަފުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން، އެ ކުދިން ސަލާމަތް ކުރުމަށް ކަނދުގައި ވާ ޖަހައިގެން ފަހަރަކު ކުއްޖަކު އެއްގަމަށް ގެނައުމަށް އެ މުވައްޒަފުން ހަރަކާތްތެރިވި ކަމަށާއި މި ހާދިސާގައި އެއްވެސް ކުއްޖަކަށް އަނިޔާ ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން ދަނިކޮށް ފުލުހުން ވެސް އެތަނަށް އައިސް. ފުލުހުން ވެސް އެހީތެރިވި އެކަމުގައި،" މުއާވިއަތު ފާހަގަކުރެއްވިއެވެ.

ކޮޅިގަނޑުގައި ޖެހުނު ކުދިންތައް ސަލާމަތް ކުރަނީ ---- ފޮޓޯ/ ސްޓެލްކޯ

މި ހާދިސާގައި އެ ފަސް ކުދިން އެއްގަމަށް ގެނައުމަށް އިސް ސަފުގައި ހަކަރާތްތެރިވެފައި ވަނީ ތޮއްޑޫ ސްޓެލްކޯގެ ހަތް މުވައްޒަފުންނެވެ.

އޭގެއިތުރުން ޕޯސްޓުގައި ބުނެފައި ވަނީ އެރަށަށް އައި ކޮޅިގަނޑުގައި ގަސްތަކެއް ބިންދައިގެން ދިޔުމުން ގެތަކަށް ލިބުނު ގެއްލުންތަކުން ސަލަމާތްކުރުމަށް ވެސް އެކުންފުނީގެ މުވައްޒަފުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

ރައްޔިތުންނަށް ދިމާވާ ހާދިސާތަކުގައި ސްޓެލްކޯގެ މުވައްޒަފުން ދެމިތިބޭނީ އިޚްލާސްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް