ބޭންކު ފަންޑު ތައާރަފުކުރުން؛ މިފަހަރު ބީއެމްއެލްގެ ފަރާތުން މައުލޫމާތު ދިނީ ކުޑަކުދިން

ބޭންކް ފަންޑު ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޒައިނޫން (ކ) ސަވާ(ވ) --- ސަން ފޮޓޯ/ މޫސާ ނަދީމް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ޖަމިއްޔާތަކާއި ކުލަބުތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ބޭންކް ފަންޑު ތައާރަފުކޮށް، ކުޑަކުދިން މެދުވެރިކޮށް އެ ފަންޑާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދީފިއެވެ.

ބީއެމްއެލްގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، ފަންޑާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ކުޑަކުދިން ޚިޔާރުކުރީ ކޮމިއުނިޓީ ފަންޑުގެ ތެރެއިން ގިނަ ޕްރޮޖެކްޓުތަކެއް ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާތީ ކަމަށެވެ.

އެހެންވެ، މި ފަހަރު ކުޑަކުދިން ހިމަނައިގެން ތަފާތު ގޮތަކަށް މައުލޫމާތު ދޭން ބޭނުންވީ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ފަންޑާ ގުޅޭ ގޮތުން ބީއެމްއެލް ބުނީ، މީގެ ފަސް އަހަރު ކުރިން ހުޅުވާލި ކޮމިއުނިޓީ ފަންޑުން 100 ޕްރޮޖެކްޓެއް ހިންގުމަށް އެ ފަންޑުން މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ތިމާވެއްޓާ ގުޅުން ހުރި ޕްރޮޖެކްޓުތައް ހިންގުމަށް ހުޅުވާލި ސްމޯލް ގްރާންޓު ފަންޑު މެެދުވެރިކޮށް އަށް ޖަމިއްޔާއަކަށް ދެ މިލިއަން ރުފިޔާގެ ހިލޭ އެހީ ފޯރުކޮށްދީފައިވާ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

އެ ދެ ފަންޑުގެ ކާމިޔާބީއަށްފަހު، މިއަދު ހުޅުވާލި ބޭންކް ފަންޑަކީ ޖަމިއްޔާތަކުން ބޭނުންވާ އެކި ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ތައާރަފުކުރި ފަންޑެކެވެ.

ބޭންކް ފަންޑު ތައާރަފްކުރުމަށް ބޭއްވި ރަސްމިޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މޫސާ ނަދީމް

އެ ފަންޑާ ގުޅުން ހުރި އިތުރު މައުލޫމާތު ފޯރުކޮށްދެއްމުން 10 އަހަރުގެ ޒައިނޫން ބިން ޒިޔާދް ރަޝާދު ބުނީ، މި ފަންޑަށް އެހީ ދިނުމަށް ނިމްފާއިވަނީ ހަތަރު ދާއިރާއަކަށް ކަމަށެވެ.

"އެއީ ތަޢުލީމު، ތިމާވެށި، ކުޅިވަރު އަދި މުޖްތަމަޢުއަށް ފައިދާ ކުރާނެ ޕްރޮޖެކްޓުތައް. ހުށަހަޅާ ޕްރޮޖެކްޓަކީ ސަސްޓެއިނަބަލް އަދި މުޖުތަމަޢުއަށް ފައިދާ ކުރަނިވި ކަމެއް ހިމެނޭ ޕްރޮޖެކްޓަކަށް ވާންވާނެ. ޕްރޮޖެކްޓު މެދުވެރިކޮށް އާމްދަނީ ވެސް ހޯދިދާނެ," ޒައިނޫން ފާހަގަކުރިއެވެ.

މި ފަންޑަށް ޖަމިއްޔާތަކާއި ކުލަބުތަކަށް ހުށަހެޅޭއިރު، ފަރުދުންނާއި ސަރުކާރުގެ އިދާރާތަކާއި ވިޔަފާރިތަކަށާއި ސަރުކާރު ހިއްސާވާ އިންސްޓިޓިއުޓްތަކަށް މި ފަންޑަށް ނޭދެވޭނެއެވެ.

ބޭންކް ފަންޑާ ބެހޭ ގޮތުން މައުލޫމާތު ސަވާ މީޑިއާތަކަށް ދެއްވަނީ --- ސަން ފޮޓޯ/ މޫސާ ނަދީމް

ބާރަ އަހަރުގެ މަރިޔަމް ސަވާ ސަމީރް ބުނީ، ބޭންކު ފަންޑުން ކޮންމެ އަހަރަކު ވެސް ފަސް ޕްރޮޖެކްޓު ހިންގުމަށް ދެ ލައްކަ ރުފިޔާ ދޫކުރާނެ ކަމަށެވެ. އަދި، ޕްރޮޖެކްޓް ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރާނީ ބީއެމްއެލްއިން ކަނޑައަޅާ ޕެނަލްއަކުން ކަމަށާއި ފަންޑާ ގުޅުން ހުރި އިތުރު މައުލޫމާތު ބީއެމްއެލް ވެބްސައިޓް މެދުވެރިކޮށް ލިބޭނެ ކަމަށް ސަވާ ބުންޏެވެ.

ބޭންކް ފަންޑަށް ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް [email protected] މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހެޅޭނެއެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 10ގެ ރޭ 11:00 އެވެ.

comment ކޮމެންޓް