ދަތުރުމަތީގައި، މޫސުން ގޯސްވެ ޓާބިއުލާންސްގައި ޖެހި ގެއްލުންވެ، ސިންގަޕޯ އެއާލައިންސްގެ ފްލައިޓެއްގައި ގިނަ ބަޔަކަށް އަނިޔާވެ، އެކަކު މަރުވެއްޖެއެވެ.
މި ހާދިސާ މިއަދު ހިނގިއިރު، ސިންގަޕޫރު އެއާލައިންސްގެ ފްލައިޓް އެސްކިއު-321 ފްލައިޓް ދަތުރުކުރަމުން އައީ ލަންޑަން ހީތުރޯ އެއާޕޯޓުން ސިންގަޕޫރަށެވެ.
ނަމަވެސް ހާދިސާ ދިމާވުމާއެކު އެ ފްލައިޓުވަނީ އިމަޖެންސީގައި ތައިލޭންޑުގެ ބެންކޮކަށް، ބެންކޮކް ގަޑިން 15:34 ހާއިރު ޖައްސައިފައެވެ.
މި ހާދިސާގައި ޖުމްލަ 20 މީހަކަށް އަނިޔާވިއިރު އެކަކު މަރުވެފައިވެއެވެ. ނަމަވެސް އޭނާ މަރުވީ ސީދާ ކޮން ސަބަބަކާ ހެދި ކަމެއް އަދި ސާފުކޮށް ނޭނގެއެވެ.
މި ފްލައިޓުގައި ޖުމްލަ 211 ފަސިންޖަރުންނާއި 18 ކްރޫއިން އައީ ދަތުރުކުރަމުންނެވެ. ހާދިސާއާ ގުޅިގެން ސިންގަޕޫރު އެއާލައިނުން ނެރުނު ބަޔާނެއްގައި ވަނީ އެންމެ އިސްކަން ދެނީ ފަސިންޖަރުންނާއި ކްރޫންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.
އަދި ތައިލެންޑުގެ އިދާރާތަކާ ގުޅިގެން ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް އިންތިޒާމް ހަމަޖައްސަމުން އަންނަކަމަށް ވެސް ބުންޏެވެ. މީގެ އިތުރުން އެއާލައިންގެ ޓީމެއް ބެންކޮކަށް ފޮނުވުމަށް ތައްޔާރުވަމުން އަންނަކަމަށް ވަނީ ބުނެފައެވެ.
އެއާއެކު އެއާލައިނުން ވަނީ މަރުވި މީހާގެ އާއިލާއަށް ތައުޒިޔާ ކިޔައިފައެވެ.
ދައުރުވަމުން އަންނަ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ބޯޓު ތެރެއަށް ކޭޓަރިން ތަށިތައް ވެސް ހުރީ ބުރައިގެން ގޮސްފައެވެ.
މޫސުން ގޯސްވާ ހާލަތްތަކުގައި މަދުން ނަމަވެސް މިފަދަ ހާދިސާތައް ހިނގައެވެ.