ނެޕިޑާއޮ (30 މާޗް 2025): މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމުގައި އެ ގައުމުން މަރުވި މީހުންގެ އަދަދު 1،644އަށް ވުރެ މައްޗަށް އަރައިފިއެވެ.
މިޔަންމާގެ ސަރުކާރު ބުނާގޮތުން ބިންހެލުމުގައި 1644 މީހުން މަރުވިކަން ކަށަވަރުވެފައިވާއިރު ޒަޚަމުވެފައިވާ މީހުންގެ އަދަދުވަނީ 3400 އަށް ވުރެ މައްޗަށް އަރާފައެވެ. މީގެ އިތުރުން 140 މީހަކު ގެއްލިފައިވާ ކަމަށް ވެސް މިޔަންމާއިން ބުނެފައިވެއެވެ.
މިދިޔަ ހުކުރު ދުވަހު މިޔަންމާގެ މެދުތެރެއަށް އައި ބިންހެލުމަކީ ރެކްޓަރު މިންގަނޑުން 7.7 ގެ ބާރުމިނުގައި އައި ބިންހެލުމެކެވެ. މި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އެ ގައުމަށެވެ. ނަމަވެސް، އަވައްޓެރި ތައިލެންޑްގެ ބައެއް ސަރަހައްދުތަކަށް ވެސް މި ބިންހެލުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވެއެވެ. މީގެ ތެރޭގައި ތައިލެންޑްގެ ވެރިރަށް ބެންކޮކް ހިމެނެއެވެ.
ބެންކޮކްގެ އެތައް އިމާރާތެއްވަނީ ވެއްޓިފައެވެ. ގިނަ އިމާރާތްތަކެއްގައިވަނީ ރެނދުލާފައެވެ. މަގުތަކާއި ހައިވޭތައްވަނީ ކަނޑައިގެން ގޮސްފައެވެ. ތައިލެންޑުން މަރުވިކަން މިހާތަނަށް އެނގިފައިވަނީ 10 މީހުންނެވެ. ޒަޚަމުވިކަން އެނގިފައިވަނީ 91 މީހުންނެވެ. ނަމަވެސް، ތައިލެންޑްގައި ވެސް މި އަދަދުތައް މައްޗަށް ދިޔުން އެކަށީގެންވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިޔަންމާއަށް ބަލާއިރު ބިންހެލުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ އެ ގައުމުގެ ސިޓީ ކަމަށްވާ މަންޑަލޭއަށެވެ. މިއީ މިޔަންމާގެ ވެރިރަށް ނެޕިޑާއު ފިޔަވައި ދެން އެންމެ ބޮޑު ސިޓީއެވެ.
މިޔަންމާގެ އެތައް ސަތޭކަ އިމާރާތެއްވަނީ ބިމާ ހަމަވެފައެވެ. އެ ތަންތަނުގެ ދަށުގައި އެތައް ހާސް ބަޔަކު ތާށިވެފައި ތިބޭނެކަމަށް ބެލެވޭތީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ނަގައި ސަލާމަތް ކުރުމުގެ މަސައްކަތުގައި އެހީތެރިވެ ދިނުމަށް އެ ގައުމުވަނީ ދުނިޔޭގެ ގައުމުތަކުގެ ކިބައިން އެދިފައެވެ.
މިޔަންމާއަކީ އާންމުކޮށް ބިންހެލުން އަންނަ ގައުމަކަށް ނުވާތީ މިކަމުގެ ތަޖުރިބާ ކުޑަވެފައި މިކަމަށް ބޭނުންވާ އާލާތްތައް އެ ގައުމުގައި މަދުކަމަށްވެއެވެ. އަނެއްކޮޅުން ބިންހެލުމުގެ ސަބަބުން މިޔަންމާގެ މަގުތަކާއި ހައިވޭތައް ވަރަށް ބޮޑަށް ހަލާކުވެ ބައެއް ސަރަހައްދުތަކަށް ވަދެވޭނެ މަގުތައް ބަންދުވެފައިވާތީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސްއެޅިފައެވެ.
މިޔަންމާއަށް ލިބުނު ގެއްލުންތައް އަދި ރަނގަނޅަށް ދެނެގަނެވިފައެއް ވެސް ނުވެއެވެ. ރިޕޯޓްތައް ބުނާގޮތުން ބިންހެލުމުގެ ސަބަބުން މިޔަންމާގައި 20،000 ނޫނީ 30،000 މީހުން މަރުވެފައިވުމަކީ އެކަށީގެންވާ ކަމެކެވެ.
މަރުވި މީހުންގެ އަދަދު އަންދާޒާ ކުރެވޭނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތިބި މީހުންގެ ހާލަތު އެނގިގެންނެވެ. ރިޕޯޓްތައް ބުނާގޮތުން ބިންހެލުމުގެ މަރުކަޒު ހުރީ މިޔަންމާގެ ހުޅަނގު އުތުރުގެ ސިޓީއެއްކަމަށްވާ ސާގެއިން އާ 16 ކިލޯމީޓަރުގެ ދުރުގައި ބިމު އަޑިން ގާތްގަނޑަކަށް 20.85 ކިލޯމީޓަރު ފުނުގައެވެ. ފުރަތަމަ ބިންހެލުމަށް ފަހު އިތުރު ކުރި ބިންހެލުންތައް މިޔަންމާއަށް އައިސްފައިވެއެވެ.