މާލޭ މަގު ހެދުން: ވެސްޓްޕާކާ ހަމައަށް ކޮންކްރިޓް މަސައްކަތް ނިންމައިފި

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން--- ފޮޓޯ: މިނިސްޓްރީ އޮފް ޑިފެންސް

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރަން ކުރާ މަސައްކަތުގެ ދަށުން ވެސްޓް ޕާކް ކަންމައްޗާ ހަމައަށް ކުރަންޖެހޭ ކޮންކްރިޓްގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރަން ޤައުމީ ދިފާޢީ ބާރާއި އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއާއި ރޯޑްޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގުޅިގެން ކުރާ މި މަސައްކަތުގެ ދަށުން ވެސްޓް ޕާކްގެ ކަންމައްޗާ ހަމައަށް ކޮންކްރީޓްގެ މަސައްކަތްތަކާއި ޝަޓަރިން އަދި ކަލްވާޓް ފްރޭމްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އެ މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ އަދާހަމަ މައުލޫމާތުގައި ވަނީ މަގުތައް ބަންދުކުރުމުގެ ހުއްދަ ލިބުނުހާ އަވަހަކަށް އެންމެ ފަހު ސެގްމެންޓްގެ މަސައްކަތް ފެށޭނެ ކަމުގައެވެ. އަދި، މަގުތައް ބަންދުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މިހާރު ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން --- ފޮޓޯ/ މިނިސްޓްރީ އޮފް ޑިފެންސް

މިނިސްޓްރީން ވަނީ އިތުރު އެހެން ޑިވޯޓަރިން ސައިޓްތައް އެޅުމަށް އެކަށޭނެ ސަރަޙައްދުތަކުގެ ކުރެހުންތައް މިހާރު ނިންމާފައިވާ ކަމަށާއި މި ކުރެހުންތައް ފައިނަލްކުރުމަށް މާދާމާ ޓެކްނިކަލް ބައްދަލުވުމެއް ބާއްވާނެކަމުގެ މައުލޫމާތު ވެސް ހިއްސާކޮށްފައެވެ.

މި މަޝްރޫއަކީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ފެންބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ފެށި މަޝްރޫއެއްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މާލޭގެ މަގުތައް ހަދާފައި ހުރިގޮތުން ފެންބޮޑުވުމުގެ މައްސަލަތައް ދިމާވެ، ބައެއް ގެތަކަށް ފެނުގެ އަސަރުކޮށް ގެތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިއްކަން ފޯރުކޮށްދޭން ޖެހޭ ހާލަތްތައް ވެސް ކުރިމަތިވެއެވެ.

މާލޭ މަގުތަކުގައި ފެންބޮޑުވާ މައްސަލައަކީ ގިނަ ދުވަސްތަކެއް ވަންދެން ހައްލުނުކުރެވިފައި އޮތް ބޮޑު މައްސަލައެކެވެ.

comment ކޮމެންޓް