މަސް ޕްރޮސެސްކުރުމަށް ބޭނުންވާ ހަކަތައިގެ 35 ޕަސެންޓް އިއާދަކުރެވޭ ހަކަތައަށް ބަދަލުކުރަނީ

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް 18 ވަނަ 'އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް އެންޑް އެގްޒިބިޝަން' ގައި ވާހަކަދައްކަވަނީ-- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ

މަސް ޕްރޮސެސް ކުރުމަށް ބޭނުންވާ ހަކަތައިގެ 35 ޕަސެންޓު, ކުރިއަށް އޮތް ފަސް އަހަރުތެރޭ އިއާދަކުރެވޭ ހަކަތައަށް ބަދަލުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ތައިލެންޑްގެ ބެންކޮކްގައި މިއަދު ފެށި 18 ވަނަ 'އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް އެންޑް އެގްޒިބިޝަން' ހުޅުވުމުގެ ގޮތުން ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ޝިޔާމް ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒަޢާމަތުގައި ދިވެހިރާއްޖޭގެ މަސްވެރިކަން ތަރައްގީކުރުމުގެ ތަސައްވުރު ހާމަކުރައްވާފައެވެ.

ސަރުކާރުން ކަނޑުމަހުގެ މަސްވެރިކަން ކުރިއެރުވުމުގެ އިތުރުން ނޫ އިގްތިސާދުގެ ތެރެއިން ކަނޑުގެ އެހެނިހެން ވަސީލަތްތަކުން ނަފާ ހޯދިދާނެ ގޮތްތައް ހޯދަމުންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރިކަން ފާހަގަކުރެވިފައި ވަނީ މުޅި ދުނިޔޭގައިވެސް އެންމެ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ މަސްވެރިކަމުގެ ގޮތުގަ. އަދި ރާއްޖޭގެ ކަނޑުމަސްވެރިކަމުގެ ސިނާޢަތުގެ އަދުގެ އަމާޒަކީ މަސްވެރިކަމުގެ ހުރިހާ މަރުހަލާއެއްގައި (މަސްވެރިކަން ކުރުމުގައްޔާއި މަސް ޕްރޮސެސްކުރުމުގައި) މިހާރު ބޭނުކުރާ ތެޔޮ ނުވަތަ އިއާދަ ނުކުރެވޭ ހަކަތައިގެ މިންވަރު މަދުކުރުމާއެކު އިއާދަކުރެވޭ ހަކަތަ ބޭނުންކުރާ މިންވަރު މަތިކޮށް ކާބަން ފުޓްޕްރިންޓް އެންމެ މަދު މަސްވެރިކަމަށް ހެދުން،" މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މިހާރު މަސްވެރިކަމުގެ ސިނާޢަތުގައި ބޭނުންކުރެވޭ އިއާދަ ނުކުރެވޭ ހަކަތައިގެ 35 ޕަސެންޓު އިއާދަކުރެވޭ ހަކަތައަށް ބަދަލުކުރުމަކީ މިހާރު ރޭވިގެން ކުރަން ފަށާފައިވާ މަސައްކަތެއް ކަމަށެވެ.

"ދެމެހެއްޓިނިވި ގޮތެއްގައި ކުރެވޭ މަސްވެރިކަމަށް، އިންޑިއާ ކަނޑުގައި ކުރެވޭ ކަނޑުމަހުގެ މަސްވެރިކަން ހެދުމަކީ މުހިންމުކަމެއް. ރާއްޖެއަށް އިޤްތިޞާދީ އަދި އިޖްތިމާއީގޮތުން ބަލާއިރުވެސް މަސްވެރިކަމަކީ މުހިއްމު ސިނާޢަތަކަށް ވީއިރު މަސްވެރިކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ ކަމެއްގެ ގޮތުގައި ތަރައްޤީވެގެން ދިއުމަކީ މުހިއްމުކަމެއް،" ޝިޔާމް އިތުރަށް ވިދާޅުވިއެވެ.

'އިންފޯފިޝް ވޯލްޑް ޓޫނާ ކޮންފަރެންސް އެންޑް އެގްޒިބިޝަން' ކުރިއަށް ދާނީ ބުދަ ދުވަހުގެ ނިޔަލަށެވެ.

މިނިސްޓްރީން ބުނީ، މި އެގްޒިބިޝަނުގައި މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި، ދެމެހެއްޓެނިވި މަސްވެރި ސިނާއަތެއް ގާއިމްކުރުމަށްޓަކައި ކުރިއަރާފައިވާ ޓެކްނޮލޮޖީ އަދި ޒަމާނީ އާލާތްތަކާއި އުކުޅުތައް ބޭނުންކޮށްގެން ކުރެވެމުންދާ މަސައްކަތް ދައްކާލައި އެކަމާ ގުޅޭގޮތުން ޚިޔާލު ބަދަލުކޮށް މަޝްވަރާކުރުމަށް ފުރުސަތު ލިބޭނެ ކަމަށެވެ.

comment ކޮމެންޓް