އިންޑޮނޭޝިއާއަށް ސްޓާލިންކުގެ އިންޓަނެޓް ޚިދުމަތް ތައާރަފުކޮށްފި

އިންޑޮނޭޝިއާގައި ސްޓާލިންކް ތަޢާރަފްކުރުމުގެ ރަސްމިޔާތުގެ ތެރެއިން --

އިންޑޮނޭޝިއާއަށް ސްޓާލިންކުގެ އިންޓަނެޓް ޚިދުމަތް ރަސްމީކޮށް ތައާރަފުކޮށްފިއެވެ.

އީލޯން މަސްކްގެ ސްޕޭސްއެކްސްއިން އިންޑޮނޭޝިއާގައި ސެޓެލައިޓް އިންޓަނެޓްގެ ޚިދުމަތް ތައާރަފުކޮށްފައިވާއިރު އިސްކަންދީފައިވަނީ އެ ގައުމުގެ ސިއްހީ ޚިދުމަތްދޭ ތަންތަނަށް، ޚާއްސަކޮށް ދުރު ހިސާބުތަކުގައި ކަނެކްޓިވިޓީ ހަރުދަނާ ކުރުމަށެވެ.

ސްޓާލިންކް ތައާރަފުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަސްކް އާއި އިންޑޮނޭޝިއާގެ ހެލްތު މިނިސްޓަރު ބުޑީ ގުނަޑީ ސާދިކިންއެވެ.

އެކަމަށްޓަކައި އާދިއްތަ ދުވަހު އިންޑޮނޭޝިއާއަށް މަސްކު ވަޑައިގެންނެވުމުން އެގައުމުން އޭނާއަށްވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އިންޑޮނޭޝިއާގައި މިޚިދުމަތް ތައާރަފުކުރުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި މަސްކް ވަނީ ސްޓާލިންކުން އިންޑޮނޭޝިއާގެ އެކަހެރި ސަރަހައްދުތަކަށް ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ވަރަށް ބޮޑު ލުޔެއް ލިބޭނެކަން ފާހަގަކުރައްވައި، ސިއްހީ ދާއިރާއަށް އަމާޒުކޮށްގެން ތައާރަފުކުރި މި ޚިދުމަތަކީ "ވަރަށް ބޮޑު ކުރިއެރުމެއް" ކަމަށް ވިދާޅުވެފައެވެ.

މިހާތަނަށް އިންޑޮނޭޝިއާގެ ދެ ސަރަހައްދެއްގެ ތިން ސިއްހީ މަރުކަޒެއް ސްޓާލިންކްގެ ސެޓެލައިޓް އިންޓަނެޓުން ގުޅާލައިފައިވާ އިރު، އެއީ މަޝްހޫރު ރަށެއް ކަމަށްވާ ބާލީގެ ދެ ފެސިލިޓީ އާއި މަލޫކު އައިލެންޑްސްގައި ހުންނަ އަރުގާ ސިއްހީ މަރުކަޒެވެ.

ސްޓާލިންކް ލިބެން ފެށުމުން އިންޑޮނޭޝިއާގެ ދަރިވަރުންނަށާއި އޮންލައިން ވިޔަފާރިތަކަށް ވެސް ފައިދާކުރާނެ ކަން މަސްކް ފާހަގަކުރެއްވިއެވެ.

އިންޑޮނީޝިއާގެ މިނިސްޓަރު ލުހުތު ޕަންޖެއިތާން ވިދާޅުވީ، ރައީސް ޖޯކޯ ވިޑޯޑޯއާ ހޯމަ ދުވަހު ބައްދަލު ކުރެއްވުމަށް ފަހު އެ ގައުމުގައި އީވީ ބެޓެރީ ޕްލާންޓެއް ގާއިމުކުރުމަށް މަސްކް ވިސްނަވަމުން ގެންދަވާ ކަމަށެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ދުނިޔޭގެ ފެންވަރުގައި ލޯންޗްކުރި ސްޓާލިންކް އޮޕަރޭޓްކުރަނީ ލޯ-އާތު އޯބިޓްގައި ހުންނަ ސެޓެލައިޓްތަކުގެ ކޮންސްޓަލޭޝަނެއް މެދުވެރިކޮށެވެ. އިންޑޮނޭޝިއާގައި މިޚިދުމަތް ތަޢާރަފު ކުރުމާއެކު ދެކުނު އިރުމަތީ އޭޝިއާގައި އެ ކުންފުނީގެ ޚިދުމަތްތައް މިވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ.

ސިއްހީ ދާއިރާއިން މިޚިދުމަތް އިންޑޮނޭޝިއާގައި ފަށާއިރު ސްޓާލިންކްގެ ބްރޯޑްބޭންޑް އިންޓަނެޓް އިންޑޮނީޝިއާގެ ޢާއްމުންނާއި ވިޔަފާރިތަކަށް ޒަމާނާ އެކު ފުޅާ ދާއިރާއެއްގައި ލިބޭނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް