ގޭމް އޮފް ތުރޯންސްގެ އަނެއްކާ އިތުރު ޝޯއެއް

ޖޯޖް އާރު އާރު މާޓިންގެ މަގުބޫލު ވާހަކަ ސީރީޒްއަށް ބިނާކޮށް ތައްޔާރުކޮށްފައިވާ "ގޭމް އޮފް ތުރޯންސް" ޝޯގެ ދުނިޔެއަށް ބިނާކޮށް އަނެއްކާވެސް އާ ޝޯއެއް އިއުލާނު ކޮށްފިއެވެ.

އެޗްބީއޯއިން ދެއްކި ގޭމް އޮފް ތުރޯންސް ޝޯއަކީ ޓީވީގެ ތާރީހުގައި ވެސް މިހާތަނަށް ދައްކާފައިވާ އެންމެ މަގުބޫލު ޝޯތަކުގެ ތެރޭގައި ހިމެނޭ އެއް ޝޯއެވެ. މި ޝޯގެ ކާމިޔާބީއާއެކު މި ޝޯގެ ދުނިޔެއަށް ބިނާކޮށް ތަފާތު ޝޯތަކެއް އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ދާދިފަހުން އެޗްބީއޯއިން އިއުލާނު ކޮށްފައިވަނީ ގޭމް އޮފް ތުރޯންސްގެ އާ ޕްރީކުއެލް ޝޯއެކެވެ. މިއީ ގޭމް އޮފް ތުރޯންސްގެ ކަންތައްތައް ހިނގައި ދިޔުމުގެ އެތައް ސަތޭކަ އަހަރުތަކެއް ކުރީގައި ކަންތައް ވާ ގޮތް ކިޔައިދޭ ޝޯއެކެވެ.

އަލަށް އިއުލާނު ކޮށްފައިވާ ޝޯ އަށް ކިޔަނީ "ދަ ހެޖް ނައިޓް" އެވެ. މިއީ ވެސް ޖޯޖް އާރުއާރު މާޓިންގެ ފޮތްތަކުގައި ހިމެނޭ ކެރެކްޓަރަކަށް ބިނާކޮށް ތައްޔާރުކުރާ ޝޯއެކެވެ. މި ޝޯގައި ފެނިގެންދާނި "ސާ ޑަންކެން ދަ ޓޯލް" ނަމަކަށް ކިޔާ ކެރެކްޓަރެކެވެ. އާދައިގެ ޑަންކެން ތަފާތު އެކި ކަހަލަ ބާރުގަދަ މީހުންނާ ދިމާވެ ކަންތައްތައް ވާ ގޮތް މި ޝޯއިން ފެނިގެންދާނެ ކަމަށް އިޝާރާތް ކޮށްފައިވެއެވެ.

މި ޝޯގެ މާ ގިނަ މައުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެއެެވެ. އެގޮތުން ޝޯގެ މަސައްކަތް މިހާރު ފަށާފައިވާ އިރު ގިނަ މައުލޫމާތުތައް އަދިވެސް ވަނީ ސިއްރު ކޮށްފައެވެ. އެގޮތުން ޝޯގެ ކާސްޓާއި އިތުރު މައުލޫމާތު ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް އެޗްބީއޯއިން ވަނީ ހާމަކޮށްފައެވެ.

އެޗްބީއޯއިން އާ ޝޯއެއް އިއުލާނު ކޮށްފައި މިވަނީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ސީކުއަލް ޝޯއެއް ކެންސަލު ކޮށްލި ދަނޑިވަޅަކާ ދިމާކޮށްފައެވެ. އެގޮތުން މަގުބޫލު ކެރެކްޓަރު "ޖޮން ސްނޯ"ގެ ކެރެކްޓަރަށް ބިނާކޮށް އާ ޝޯއެއް ހަދާނެ ކަމަށް އިއުލާނުކޮށްފައިވަނިކޮށް ދާދިފަހުން ވަނީ ޝޯ ކެންސަލު ކޮށްލާފައެވެ.

comment ކޮމެންޓް