ތިލަފުށިން ބިން ގަނެފައިވާ ފަރާތްތަކާ ގުޅައިގެން ފައިސާ ނަގަނީ

ތިލަފުށި ހިއްކައިފައި އޮތް ސަރަހައްދު: ބިން ގަނެ، އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކާއި ގުޅައިގެން އެޗްޑީސީން ފައިސާ ނަގަނީ -- ފޮޓޯ: އެޗްޑީސީ

ތިލަފުށީ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ބިން ގަނެ، އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކާ ގުޅައިގެން ފައިސާ ނެގުމުގެ މަސައްކަތް ކުރަމުންގެންދާނެ ކަމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނެފިއެވެ.

އެޗްޑީސީން މިއަދު ކުރި އިޢުލާނެއްގައި ބުނީ، ބިން ގަންނަން އާންމުކޮށްފައިވާ އުސޫލުތަކުގެ ދަށުން ފައިސާ ދައްކަން އަންގާފައިވާ ތާވަލާ އެއްގޮތަށް، "މައިލްސްޓޯން 1" ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.

އެހެން ކަމުން، މި މަޝްރޫއިން ބިން ގަނެ، އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކާއި ގުޅައިގެން "މައިލްސްޓޯން 1"ގެ ފައިސާ ނެގުމުގެ މަސައްކަތްތައް ކުރަމުން ގެންދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހުޅުވާލި ފުރުސަތުގައި ވިޔަފާރީގެ އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށީގެ ޖުމުލަ 108 ބިން ވިއްކުމަށް ކަނޑައެޅިއެވެ. އޭގެ ތެރޭގައި ހިމެނެނީ:

- ޓައިޕް 1، 4999 - 2500 އަކަފޫޓު، 64 ގޯތި
- ޓައިޕް 2، 9999 - 5000 އަކަފޫޓު، 42 ގޯތި
- ޓައިޕް 3، 10000 - 14999 އަކަފޫޓު، 2 ގޯތި

ތިލަފުށި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އޭރިއާ އޭ، ބީ، އީ އަދި އެފް ހިއްކުމުގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލާފައެވެ. އެގޮތުން މުޅި ޖުމްލަ 120 ހެކްޓަރު މިހާރު ހިއްކާ ނިމިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި އޭރިއާ ބީގެ އަތިރިމަތި ރައްކާތެރިކުރުމުގެ މަޝްރޫއުގެ 29 އިންސައްތަ ނިމިފައިވާ ކަމަށް ބުންޏެވެ.

ސިނާއީ ބޭނުމަށް ތިލަފުށިން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށާއި ކުންފުނިތަކަށް ވެސް ހުޅުވާލީ މި މަހުގެ ދެވަނަ ދުވަހުގައެވެ. ބީލަން ހުށަހެޅޭ އެންމެ ކުޑަ އަގެއްގެ ގޮތުގައި ކަނޑައެޅީ 1700 ރުފިޔާއެވެ.

ތިލަފުއްޓަކީ މާލެ ސަރަހައްދުގެ ވިޔަފާރިއާއި އިންޑަސްޓްރިއަލް ހަބްގެ ގޮތުގައި ތަރައްގީކުރާ މައި މަރުކަޒެވެ. ސިނާއީ އެތައް މަސައްކަތެއް ކުރަމުންދާ އެ ރަށުގައި ސިމެންތި ބަންދުކުރުމާއި، ގޭސް ފުޅިތަކަށް އެޅުމާއި، އޮޑިދޯނިފަހަރު ބަނުން ފަދަ ތަފާތު އިންޑަސްޓްރިއަލް މަސައްކަތް ކުރަމުން ދެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް