ދަންވަރު ނުކުމެ ހުޅުދެލީ ރައްޔިތުން ދެއްކީ ނަމޫނާ

ރޭ ދަންވަރު ހުޅުދެލީ ގޮނޑުދޮށަށް ބީހުނު ދޯންޏެއް ފުންކުރަން ދަންވަރު ނުކުމެ އެ ރަށު ރައްޔިތުން މަސައްކަތް ކުރަނީ--

ދ. ހުޅުދެލީ ގޮނޑުދޮށަށް ރޭ ބީހުނު ދޯންޏެއް ފުންކުރަން ދަންވަރު ނުކުމެ އެ ރަށު ރައްޔިތުން ނަމޫނާ ދައްކައިފިއެވެ.

މިކަމާ ގުޅިގެން 'ސަން' އަށް މައުލޫމާތު ދެއްވަމުން ހުޅުދެލީ ކައުންސިލުގެ ރައީސް އަޙްމަދު ނާޒިމް ވިދާޅުވީ، އަލިފުށީ ދޯންޏެއް ކަމަށްވާ 'ޔެލޯ ފިން' ރޭ އެންދަމަން އައިސް އޮތީ އެ ރަށު ވިލުތެރޭގައި ކަމަށެވެ.

އެހެން އޮށްވައި ރޭ ވަރަށް މޫސުން ގޯސްވެ، ބޯ ވިއްސާރައާއި ގަދަވަޔާއެކު ދޯނި އެ ރަށު ގޮނޑުދޮށަށް ބީހުނީ ކަމަށް އޭނާ ވިދާޅުވިއެވެ.

"ލަފާ ކުރެވޭ ގޮތުގައި ގާތްގަނޑަކަށް 80 މޭލަށް ވައި ހުރި އޭރު،" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ރަށުގެ ޓީޖެޓީގެ އިރުން އޮތް ފަސްގަނޑަށް ދޯނި އައިސް ލައްވީ ވަޔާއެކު ނަގިލި ކަހައިލައިގެން ކަމަށެވެ. އެ ސަރަހައްދަކީ އާންމުކޮށް އެ ރަށުގެ ރައްޔިތުން މޫދަށް އެރި އުޅޭ ސަރަހައްދެވެ.

ރޭ 12 ޖަހާކަންހާއިރު އެ ހާދިސާހިނގިއިރު ފުރަތަމަ އެހީވާން ދިޔަ މީހުންނަށް މޫސުން ވަރަށް ގޯސްވުމުގެ ސަބަބުން ގޮންޖެހުންތަކާ ކުރިމަތިވި ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ވައި ތަންކޮޅެއް މަޑު ކޮށްލުމުން ރޭގެ 01:00 އިން ފެށިގެން 03:00 އާ ދޭތެރޭ، ދޯނި ފުންކުރަން ރަށުގެ ރައްޔިތުން މަސައްކަތްކޮށް ދޯނި ފުން ކޯށްފައިވަނީ،" ނާޒިމް ވިދާޅުވިއެވެ.

"ރޭގެ ދަންވަރު ހަމަ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ކުރި މަސައްކަތުން މި ދޯނި ފުންކުރެވުނީ."

ދޯނި ބީހުނު ނަމަވެސް ދޯންޏަށް ވެސް އަދި އެއްވެސް މީހަކަށްވެސް މި ހާދިސާގެ ސަބަބުން ގެއްލުމެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް