ރ. އަލިފުޝީގައި ގަވައިދަށް ފެތިގެން ދިރިއުޅެނީ ކިތައް ބިދޭސީންތޯ ބެލުމަށް އެ ރަށު ކައުންސިލާއި، ފުލުހުން ޚާއްސަ އޮޕަރޭޝަނުގެ ތެރެއިން ނުގަވައިދުން އުޅޭ ތިން ބިދޭސީން ހޯދައިފިއެވެ.
ފުލުހުން ބުނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ދެ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން ގަވާއިދާ ހިލާފަށް އަލިފުށީގައި އުޅޭ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ފަރާތްތައް ދެނެގަނެ މައުލޫމާތު އެއްކުރަމުން އަންނަކަމަށެވެ.
މި މަސައްކަތުގެ ތެރެއިން މިހާތަނަށް 74 ބިދޭސީއެއްގެ މައުލޫމާތު އެއްކުރެވިފައިވާއިރު، އެއްވެސް ލިޔެކިޔުމެއް ނެތި ގަވާއިދާ ހިލާފަށް އުޅެމުންދާ ތިން ބިދޭސީއެއް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުންޏެެވެ.
އަދި ބިދޭސީން ދިރިއުޅޭ ދެ ތަނެއް ބަލައިފާސްކޮށް، އެއް ވިޔަފާރިއެއްގެ މައުލޫމާތު ނަގާފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ކަމާ ގުޅުންހުރި އިދާރާތަކާ މައުލޫމާތު ހިއްސާކޮށް، އިދާރާތަކާ ގުޅިގެން ފާހަގަކުރެވޭ ކަންކަން ހައްލުކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަނާ ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، މައުލޫމާތު އެއްކޮށް ބިދޭސީންގެ ދަފްތަރެއް އެކުލަވާލައި، ބިދޭސީން ދިރިއުޅޭ ތަންތަނާއި އެ ތަންތަނުގެ ހާލަތު ދެނެގަންނާނެ ކަމަށް ފުލުހުން ބުންޏެވެ. އެ ތަންތަނުގެ ވެރިފަރާތްތަކަކީ ކޮބައިތޯ ބަލައި ޒިންމާދާރު ގޮތެއްގައި އެފަދަ ތަންތަން ދޫކުރުމަށް ބާރުއަޅައި އިރުޝާދު ދޭނެކަމަށް ވެސް ފުލުހުން ބުންޏެވެ.