އަންނަ މަހު ފާހަގަ ކުރާ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަ ކުރުމަށް ހުޅުވާލި ފުރުސަތުގައި 26 ރަށަކުން ޕްރޮޕޯޒަލް ހުށަހަޅާފައިވާ ކަމަށް، ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.
ގައުމިއްޔަތު މިނިސްޓްރީން މިއަދު ބުނީ އެ ވުޒާރާގެ ފަރާތުން މި އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ރާއްޖޭގެ ތިން ރަށެއް ކަނޑައަޅާނެ ކަމަށެވެ. އެގޮތުން ރަށްތައް ކަނޑައެޅުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ޢީދުގައި އެ ރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި ކުރާނެ ޚަރަދުތަކާއި އަގެއް ނުނަގައި އެ ރަށަކުން ކޮށްދޭނެ ކަންތައްތައް ހިމެނޭ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
ޢީދު ފާހަގަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅި ރަށްތަކަށް ބަލާއިރު ރާއްޖޭގެ އުތުރުން ހަތް ރަށަކާއި މެދުރާއްޖެތެރެއިން 10 ރަށަކާއި ރާއްޖޭގެ ދެކުނުން ނުވަ ރަށަކާއެކު ޖުމްލަ 26 ރަށަކުން ވަނީ ހުށަހެޅުންތައް ހުށައަޅާފައެވެ. އަދި މީގެއިތުރުން ބައެއް ރަށްރަށުން އިއުލާނުގައިވާ ސުންގަޑީގެ ފަހުން ހުށަހެޅުންތައް ފޮނުވާފައިވުމުން އެ ހުށަހެޅުންތައް ބަލައި ނުގަތުމަށް އެ ވުޒާރާއިން ވަނީ ނިންމާފައެވެ.
ޢީދު ފާހަގަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް ބަލައި މާކްސް ދިނުމަށް އެ ވުޒާރާއިން ވަނީ ޚާއްޞަ ކޮމިޓީއެއް އެކުލަވާލައިފައެވެ. އަދި ޕްރޮޕޯޒަލްތައް ބަލައި މާކްސް ދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު މަސައްކަތް ކުރަމުން ދަނީ ޕްރޮޕޯޒަލްތައް ބެލުމާއި މާކްސް ދިނުމުގެ ކަންކަން ނިންމައި ކަނޑައެޅޭ ރަށްތައް، ފެށޭ ހަފުތާގެ ތެރޭގައި އިއުލާން ކުރުމަށް ކަމަށްވެސް ވުޒާރާއިން ބުންޏެވެ.
ކުލަ ގަދަކޮށް ޢީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްތަކުން ޕްރޮޕޯސަލް ހުށައެޅުމަށް އެ ވުޒާރާއިން ހުޅުވާލީ މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުއެވެ.
މި އަހަރުގެ އަޟްޙާ ޢީދަކީ އަންނަ މަހުގެ 17 ވަނަ ދުވަހެވެ. އީދުގެ މުނާސަބަތުގައި ސަރުކާރު ބަންދު ކުރާއިރު ކުލަގަދަކޮށް އީދު ފާހަގަ ކުރުމަށް ގިނަ ރަށްތަކަކުން އަންނަނީ ތައްޔާރުވަމުންނެވެ.