އައިޝްވާރިއާ މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލުގައި

ބަތަލާ އައިޝްވާރިއާ ރާއީ މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލުގެ ރެޑްކާޕެޓުގައި--ފޮޓޯ/އެންޑީޓީވީ

ފްރާންސްގައި މިހާރު ކުރިއަށްދާ ކާންސް ފިލްމު ފެސްޓިވަލު 2024ގައި ދުނިޔޭގެ މަޝްހޫރު ގިނަ ފަންނާނުން ބައިވެރިވިއިރު އިންޑިއާގެ ފިލްމީ ތަރި އައިޝްވާރިއާ ރާއީއަށް ގިނަ ބަޔަކު ތައުރީފުކޮށްފިއެވެ.

ކާންސް ފެސްޓިވަލުގައި ބަތަލާ އައިޝްވާރިއާ ބައިވެރިވަމުން އަންނަތާ އަހަރުތަކެއް ވެފައިވާއިރު އައިޝްވާރިއާގެ ފެނިލުމަށް ވަރަށް ގިނަ ބަޔަކު އިންތިޒާރުކުރެއެވެ. އަލަތު ދަރިފުޅު ލިބި ކާންސްގައި ބައިވެރިވިއިރު އައިޝްވާރިއާގެ ބަރުދަން އިތުރުވެފައިވާތީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ކުރިމަތިވިއިރު ފަހަކަށް އައިސް އައިޝްވާރިއާ ހަށިގަނޑަށް ބަލައިގެން ނޫޅޭ ކަމަށް ބުނެވެސް ގިނަ ބަޔަކު ފާޑުކިޔާފައިވެއެވެ.

އެހެން އަހަރުތަކާ ޚިލާފަށް އައިޝްވާރިއާ މި އަހަރު ކާންސް ފެސްޓިވަލުގައި ދައްކައިލީ އަތުގައި ޕްލާސްޓަރެއް އަޅައިގެން ހުއްޓައެވެ. މިފަހަރު މާބޮޑު މޭކަޕެއް ކޮށްފައި ނެތުމާއެކު އައިޝްވާރިއާއަށް ތާއީދުކުރާ ގިނަ ބަޔަކު ބުނެފައި ވަނީ ޢުމުރުން 50 އަހަރުވެފައި ވިޔަސް އަދިވެސް އެއީ ގުދުރަތީ ރީތިކަން އުމުރާ ގުޅޭގޮތަށް ހުރި ބަތަލާއެއް ކަމަށެވެ.

ބަތަލާ އައިޝްވާރިއާ ދަރިފުޅު އަރާދްޔާއާ އެކު--ފޮޓޯ/ޕިންކްވިލާ

އެހެންކަމުން އުމުރަށް ވުރެ 20 އަހަރު ހަގު މީހެއްގެ ސިފަ އައިޝްވާރިއާގެ ފަރާތުން ފެންނާނެކަމަށް އުއްމީދު ނުކުރުމަށް ވެސް ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ގޮވާލާފާއެވެ.

އަލަތު ދަރިފުޅު އަރާދްޔާ ލިބުމަށްފަހު އައިޝްވާރިއާ މި ފެސްޓިވަލުގައި ބައިވެރިވާ ކޮންމެ އަހަރަކުވެސް ދަރިފުޅު ބަތަލާއާ އެކު އަބަދުވެސް ވަރަށް ގާތުގައި ހުންނަކަން ފާހަގަކޮށް ވަރަށް ގިނަ ބަޔަކު ވަނީ ދެމައިންގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަކަމަށް ބުނެ ތައުރީފުކޮށްފައެވެ.

ޢުމުރުން 12 އަހަރުގެ އަރާދްޔާ މިފަހަރުވެސް މަންމަ އައިޝްވާރިއާއާ އެކު ފެނުނުއިރު ބަތަލާގެ ކަނާތް ބިންދައިގެން ގޮސްފައިވާތީ އެއަޕޯޓްއިން ފެށިގެން ރެޑް ކާޕެޓާ ހަމައަށް އަރާދްޔާ ދިޔައީ އައިޝްވާރިއާއަށް އެހީތެރިވަމުންނެވެ. އައިޝްވާރިއާގެ އިތުރުން މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލުގައި ބައިވެރިވި ބަތަލާއިންގެތެރޭ އަދިތީ ރާއޯ ހައިދަރީ، ޖެކްލީން ފެނާންޑެޒް، ކިއާރާ އަދުވާނީ އަދި އުރުވަޝީ ރޮތޭލާ ހިމެނެއެވެ.

comment ކޮމެންޓް