ހުޅުމާލޭގައި އިމާރާތެއްގެ ފެންސް ބޯވާރެޔާއި ވަޔާއެކު ވެއްޓި ބޮޑު ނުރައްކަލަކަށް!

ޓަވަރުގެ ސޭފްޓީ ނެޓް ފެންސް ވެއްޓެނީ -- ފޮޓޯ/ އެމްވީ ކްރައިސިސް

މިއަދު ހަވީރު ބޯވާރެޔާއި، ގަދަ ވަޔާއެކު ކުރި ވިއްސާރައިގައި ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ އެޕޯލޯ ޓަވަރުތަކުގެ ތެރެއިން ޓަވަރެއްގެ ސޭފްޓީ ފެންސް ވެއްޓި ނުރައްކާވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯ އަކުން ފެންނަ ގޮތުގައި އެންމެ ބޯކޮށް ވާރޭ ވެހުނު ވަގުތު އެ އިމާރާތުގެ ބޭރުން ރައްކާތެރިކަމަށް ހަރުކޮށްފައި ހުރި ފެންސު އެކީ މަގަށް އަރި އަޅައިލައި ވަނީ ވެއްޓިފައެވެ.

އެ ވަގުތު ވެސް އެ ސަރަހައްދުގައި ވެހިކަލްތައް އައީ ދުއްވަމުންނެވެ. އެއީ ހުޅުމާލެ ރީތިގަސް މަގުގައި އިމާރާތްކުރަމުން އަންނަ ޓަވަރެކެވެ.

މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިވާކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

މި ހާދިސާ ހިނގުމާއެކު ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ މޫސުން ގޯސްވާ މި ފަދަ ހާލަތްތަކުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ދުރު ސަރަހައްދުތަކުގައި ހުންނަ ކޮންސްޓްރަކްޝަން ސައިޓުތަކުގައި އެއްވެސް ނުރައްކަލެއް ކުރިމަތި ނުވާނެހެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިފައި ހުންނަކަން ކަށަވަރު ކުރަންވާނެ ކަމަށެވެ.

އަދި މިއަދު ހިނގި ހާދިސާފަދަ ކަންކަން ތަކުރާރު ނުވާނެހެން ސަމާލުވުމަށް ވެސް އިލްތިމާސްކުރެއްވިއެވެ.

ކުރިއަށް އޮތީ ރާއްޖެއަށް މޫސުން ގޯސް ދަވަސްވަރަކަށްވުމާއެކު ވިއްސާރަވެ ވައިގަދަވާ ދުވަސްވަރު، ބެލްކަނީގައާއި ޓެރަސްފަދަ ތަންތަނުގައި ތަކެތި ބަހައްޓާއިރު ވެސް ސަމާލުވުން މުހިންމެވެ.

comment ކޮމެންޓް