އެސްއެފްޑީއިން އިތުރު 150 މިލިއަންގެ ލޯނު އެހީ ދީފި، ޖުމްލަ އެހީ 470 މިލިއަނަށް

ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ރާއްޖެއަށް 150 މިލިއަން ޑޮލަރުގެ ލޯނު އެހީ ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ފިނޭންސް މިނިސްޓްރީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކޮށް, ތަރައްގީ ކުރުމުގެ މަޝްރޫއަށާއި ރާއްޖޭގެ ސިއްހި ދާއިރާ ކުރިއެރުވުމަށް ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ރާއްޖެއަށް 150 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް މިއަދު ދީފިއެވެ.

ލޯނު ދިނުމުގެ އެއްބަސްވުމުގައި ސޮއި ކުރީ މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ސައުދީ ފަންޑުގެ ފަރާތުން ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ. އަދި ސައުދީ ފަންދުގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މަރްޝަދުއެވެ.

ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ރާއްޖެއަށް 150 މިލިއަން ޑޮލަރުގެ ލޯނު އެހީ ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ފިނޭންސް މިނިސްޓްރީ

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސުލްޠާން ބިން ޢަބްދުއްރަޙްމާން ވިދާޅުވީ، މި ލޯނުން 100 މިލިއަން ޑޮލަރަކީ އެއާޕޯޓު މަޝްރޫއަށް ދޭ އެހީ ކަމަށެވެ. މި މަޝްރޫއު ނިމުމުން ރާއްޖޭގެ އިގްތިޞާދު އިތުރަށް ކުރިއަރައި، ފަތުރުވެރިކަން ކުރިއަރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ އެއްބަސްވުމުގެ ތެރެއިން ސިއްހީ ދާއިރާއަށް އެހީގެ ގޮތުގައި ދީފައި ވަނީ 50 މިލިއަން ޑޮލަރެވެ. މި އެހީގެ ތެރެއިން ރާއްޖޭގެ ތިން ރަށެއްގައި 150 އެނދުގެ ހޮސްޕިޓަލްތައް ބިނާ ކުރާނެ ކަމަށް ސުލްޠާން ބިން ޢަބްދުއްރަޙްމާން ވިދާޅުވިއެވެ.

"މި ހޮސްޕިޓަލްތަކުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ކަށަވަރު ވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ރާއްޖެއަށް 150 މިލިއަން ޑޮލަރުގެ ލޯނު އެހީ ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ފިނޭންސް މިނިސްޓްރީ

މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު ޝަފީގް ވަނީ، ސައުދީން ރާއްޖެއަށް ދޭ އެހީ ފާހަގަކުރައްވައި، ޝުކުރު އަދައިކުރައްވާފައެވެ.

ރާއްޖެއަށް ސައުދީ ފަންޑުން ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނީ 1970ގެ ތެރޭގައި އެއާޕޯޓު ތަރައްގީ ކުރުމަށެވެ. އޭގެ ފަހުން ރާއްޖޭގެ ހުރިހާ ދާއިރާއަކަށް ސައުދީގެ އެހީތެރިކަން ލިބޭކަން ޝަފީގް ފާހަގަކުރެއްވިއެވެ.

"2004 ވަނަ އަހަރު ސުނާމީގެ ތެރޭގައި ވެސް ސައުދީ ފަންޑުން ވަނީ ރާއްޖެއަށް ލިބުނު ގެއްލުމުން އިޔާދަވުމަށް ވަރަށް ބޮޑު އެހީއެއް ވެދީފައި،" ޝަފީގް ވިދާޅުވިއެވެ.

މި އެހީތަކާއެކު މިހާތަނަށް އެސްއެފްޑީއިން ރާއްޖެއަށް ޖުމްލަ 470 މިލިއަން އެހީ ވަނީ ލިބިފައެވެ.

ސަޢޫދީ ފަންޑްގެ ސީއީއޯ، ސުލްޠާން ބިން ޢަބްދުއްރަޙްމާން ރާއްޖެ ވަޑައިގަތީ މިއަދުއެވެ. އެމަނިކުފާނު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ވެސް މިއަދު ބައްދަލު ކުރައްވާފައެވެ.

comment ކޮމެންޓް