ރާއްޖެއިން ދައްކަން ހުރި ދަރަނިތައް ރީސްޓްރަކްޗާ ކުރުމުގެ ވިސްނުމެއް ނެތް: ޗައިނާ

ޗައިނާ އެމްބަސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗައިނާ ސަފީރު ވަންގް ލިޒިން، ވާހަކަދައްކަވަނީ-- ސަން ފޮޓޯ

ރާއްޖެއިން، ޗައިނާއަށް އަނބުރާ ދައްކަން ޖެހޭ ލޯނުތައް އަލުން ރީސްޓްރަކްޗާ ކުރުމުގެ އެއްވެސް ވިސްނުމެއް ޗައިނާ ސަރުކާރުން ނުގެންގުޅުއްވާ ކަމަށް ޗައިނާ ސަފީރު ވަންގް ލިޒިން މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ދަރަނީގެ އަދަދު 1.37 ބިލިއަން ޑޮލަރަށް އަރާ ކަމަށް ވޯލްޑް ބޭންކުގެ ތަފާސްހިސާބުތައް ދައްކައެވެ. މިއީ ރާއްޖޭގެ ބޭރު ދަރަނީގެ 20 ޕަސެންޓެވެ.

ޗައިނާ އެމްބަސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗައިނާ ސަފީރު ވިދާޅުވީ، ޗައިނާއިން ރާއްޖެއަށް ދީފައިވާ ލޯނުތައް ރީސްޓްރަކްޗާ ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

"ރާއްޖޭން ޗައިނާއަށް އަނބުރާ ދައްކަން ޖެހޭ ދަރަނީގެ މުއާމަލާތް، ދެ ގައުމުގެ ޓެކްނިކަލް ޓީމުން އަންނަނީ ވާހަކަދައްކާ އެކަމުގެ މުއާމަލާތްތައް ކުރަމުން،" ސަފީރު އިތުރަށް ވިދާޅުވިއެވެ.

އަދި ރީސްޓްރަކްޗާ ކުރާނަމަ، ރާއްޖެއަށް މުސްތަގުބަލުގައި އިތުރު މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ލޯނު ލިބެން ދަތިވާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ ޗައިނާއިން އަބަދުވެސް ބަލަނީ ރާއްޖޭގެ ދަރަނި މާ ބޮޑަށް އިތުރު ނުވާނެ ގޮތަކަށް, ރާއްޖެއަށް ފައިދާކުރާނެ ގޮތަށް ކުރިއަށް ދިއުމަށް ކަމަށެވެ.

އެ ކަމުގެ ހެއްކެއްގެ ގޮތުން ސަފީރު ވިދާޅުވީ، މިވަގުތު އެ ގައުމުގެ ފޯކަސްއަކީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށް ގެންދާ ޕްރޮޖެކްޓުތައް ކަމަށެވެ.

ތަރައްގީގެ އެކިއެކި މަޝްރޫއުތަކަށް ރާއްޖެއިން އޮތީ ޗައިނާއިން ގިނަ އަދަދެއްގެ ލޯނު ނަގައިފައެވެ. މި އަދަދުތައް އިތުރުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.

comment ކޮމެންޓް