ސަޢޫދީ ފަންޑްގެ ސީއީއޯ ރައީސް އަރިހަށް: ދެއްވީ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން

ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މަރްޝަދު އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު

ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ސީއީއޯ، ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މަރްޝަދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައި، ރާއްޖެއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އަރުވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށް ގެންދިޔައީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ސައުދީ ފަންޑްގެ ފަރާތުން ރާއްޖޭގެ ކުރިއެރުމަށާއި ތަރައްގީއަށް ޓަކައި ދޭ އެހީތެރިކަމާއި އެއްބާރުލުމަށް ޓަކައި ރައީސް ވަނީ ޝުކުުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި ސަޢޫދީ ފަންޑްގެ ފަރާތުން ކުރިއަށްގެންދާ އެކިއެކި މަޝްރޫޢުތައް އިތުރަށް ފުޅާކުރުމާމެދު މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ސަޢޫދީ ފަންޑްގެ ސީއީއޯ ވަނީ ރާއްޖެއިން އެ މަނިކުފާނަށް ދެއްވި މެހުމާންދާރީއަށް ޓަކައި ޝުކުރު އަދާކުރައްވައި، ރާއްޖެއަށް އެއްބާރުލުން ދެއްވުމުގައި ދެމިހުންނަވާނެކަމުގެ ޔަޤީންކަން ރައީސަށް ވެސް އަރުވާފައެވެ.

އެ މަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މަރްޝަދުގެ މި ދަތުރުފުޅުގައި ދެ ލޯނު އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓުގެ ތަރައްގީއަށް ދޭ ލޯނަކާއި، ރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްގީއަށް ދޭ ލޯނު އެއްްބަސްވުމެކެވެ.

comment ކޮމެންޓް