ސަޢޫދީ ޑިވެލޮޕްމެންޓް ފަންޑުގެ އެހީގައި ހުޅުމާލޭގައި ކުރިޔަށް ގެންދާ އައިލެންޑް ޕްރޮޖެކްޓުގެ ސަބަބުން ހުޅުމާލެއަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑައިރެކްޓަރު ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ އައިލެންޑް ޕްރޮޖެކްޓް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ މި މަޝްރޫއުގެ ދަށުން ކުރެވޭ މަސައްކަތްތަކުން މާލެ ސަރަހައްދުގެ ރައްޔިތުންނަށާއި، މި ސަރަހައްދުގެ ވިޔަފާރިތައް "އެހެން ލެވެލް"އަކަށް ގެންގޮސްދޭނެ ކަމަށެވެ.
ސަޢޫދީ ޑިވެލޮޕްމެންޓް ފަންޑުގެ ދަށުން ކުރިޔަށް ގެންދާ ހުޅުމާލޭ އައިލެންޑް ޕްރޮޖެކްޓުގެ ތެރެއިން އާބަން އައިލް އާއި ހުޅުމާލެއާއި ގުޅުވާލަދޭ ބްރިޖާއެކު، އެ ތަނުގައި ޗެނަލްތަކެއް ވެސް ހަދާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.
ފަޒުލް ވިދާޅުވީ ހުޅުމާލޭ އައިލެންޑް ޕްރޮޖެކްޓްގެ އަލީގައި، ކުރިއަށް އޮތް ތަނުގައި އެޗްޑީސީގެ އިތުރުން ސަރުކާރުން އެ ސަރަހައްދުގައި ގިރާކުރަން ބޭނުންވާ ހަރުފަތްތައް އިތުރަށް ފުޅާވެ، ހަރުދަނާ ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އަދި ވިޔަފާރިވެރިންނަށް ވެސް ފަހި ފުރުސަތުތަކެއް ތަނަވަސްވެގެން ދިއުމަށް ވެސް އުންމީދު ކުރައްވާ ކަމަށެވެ.
ފަޒުލްގެ ވާހަކަގައިވަނީ ފިނޭންސް މިނިސްޓަރުގެ އިތުރުން، މި މަޝްރޫޢުގައި ޝާމިލްވާ ހުރިހާ ކޮންޓްރެކްޓަރުންނާއި، އަމަލީ ގޮތުން ބައިވެރިވާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
މި ރަސްމިއްޔާތުގެ ތެރެއިން ސަޢުދީ ޑިވެލޮޕްމެންޓު ފެންޑުން ދެމުންގެންދާ އެއްބާރުލުން ފާހަގަ ކުރުމުގެ ގޮތުން އެ ފަންޑުގެ ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދަށްވަނީ ހަނދާނީ ފިލައެއް ވެސް އަރުވާފައެވެ.
ސަޢޫދީ ފަންޑުން މީގެ ކުރިން ވެސް ވަނީ ރާއްޖެއަށް އެތައް އެހީއެއް ދީފައެވެ. އެ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި ސަޢޫދީ ފަންޑުން ވަނީ ރާއްޖެއަށް 2.3 ބިލިއަން ރުފިޔާ ދޭން ނިންމާފައެވެ.
އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިންމުމަށް އެ ފަންޑުން ވަނީ ތިން ބިލިއަން ރުފިޔާ ދީފައެވެ.