ވެމްކޯއިން ކުނި ނަގާ ޕިކަޕުގެ ފީ 500ރ. އަށް ކުޑަކޮށް، ގޭޓްފީ ނެގުން ހުއްޓާލައިފި

ވެމްކޯގެ ޕިކަފަކުން ކުނި އެއްކުރުމުގެ ތެރެއިން--- ފޮޓޯ/ ވެމްކޯ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ފުރަމާލެ ސަރަޙައްދުގައި ކުނި ނަގާ ޕިކަޕުގެ ފީ 500 ރުފިޔާއަށް ކުޑަކޮށް ކުރިން ނަގަމުން އައި ގޭޓްފީ ނެގުން އެއްކޮށް ހުއްޓާލައިފިއެވެ.

މީގެ ކުރިން ފުރަމާލެ ސަރަޙައްދުގައި ކުނި ނަގާ ޕިކަޕުތަކުން ފީއެއްގެ ގޮތުގައި ނަގަނީ 750 ރުފިޔާއެވެ.

ވެމްކޯއިން ބުނީ އާންމު ފަރާތްތަކާއި، ކުދި ވިޔަފާރިތަކާއި، ވިޔަފާރި އުސޫލުން ކުނިއުފުލުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޓްރާންސްފާ ސްޓޭޝަންތަކަށް ގެންނަ ކުނި ޓަނަކަށް ނަގާ ޓިޕިންގް ފީ، 500 ރުފިޔާއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އަދި ޓްރާންސްފާ ސްޓޭޝަންތަކަށް ވަންނަ ކޮންމެ އުޅަނދަކުން ނަގަމުން އަންނަ 150 ރުފިޔާގެ ގޭޓްފީ ނެގުން ހުއްޓާލާފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެ ކޯޕަރޭޝަނުން ބުނީ، ފުރަމާލެ ސަރަޙައްދުގެ ހުރިހާ ޓްރާންސްފާ ސްޓޭޝަންތަކުގައި ކުނީގެ ބަރުދަން ބެލުމުގެ އިންތިޒާމް (ވެއި ބްރިޖް) ގާއިމުކުރެވެންދެން، މާލެ ޓްރާންސްފާ ސްޓޭޝަންގައި ކުނީގެ ބަރުދަނަށް ބަލައި އަގު ނެގުން ހުއްޓާލާފައިވާ ކަމަށެވެ.

ކުނި އެޅުން މަނާ ސަރަހައްދަކަށް ކުނި އަޅާފައިވަނިކޮށް --- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

ވެމްކޯއިން ގެޒެޓް ކުރި އިއުލާނެއްގައި ބުނީ މިގޮތަށް އަމަލުކުރަން ފަށާފައިވަނީ އިއްޔެއިން ފެށިގެން ކަމަށެވެ.

އާއްމުކޮށް މާލޭގެ މަގުތައް ފެންނަނީ ވަރަށް ގޮނޑުކޮންނެވެ. ގިނަ އަދަދަކަށް ކުނި އަޅާފައި އޮވެއެވެ.

މި ފަހުން މާލޭގެ މަގުތަކުގައި ނުގަވާއިދުން ކުނި ބަހައްޓައިގެން މިހާތަނަށް 180އަށް ވުރެ ގިނަ މީހުން ޖޫރިމަނާކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ. އޭގެ ތެރެއިން، 80 އިންސައްތަ މީހުންނަކީ ބިދޭސީން ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.

ހަމައެއާއެކު ވެމްކޯއިން ދެމުންދާ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން މާލޭގެ މަގުތައް ފޮޅާ ސާފުކުރުމުގެ ޚިދުމަތް ވެސް މި މަހުގެ ދެވަނަ ދުވަހު ވަނީ ފަށާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް