އޮޕަރޭޝަން އަލިމަގުގެ ދަށުން ބައި ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ލައްކައަކަށް ވުރެ ގިނަ ރުފިޔާ އާ އެކު އަނެއްކާވެސް ދިވެހި ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މިދިޔަ ހޮނިހިރު ދުވަހު 21 އަހަރުގެ ޒުވާނަކު މާލޭން ހައްޔަރުކުރީ ފުލުހުންގެ ގޭންގު ކްރައިމް ސަޕްރެޝަންއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި އޮޕަރޭޝަންގައި ފުލުހުން ހައްޔަރުކުރީ އުމުރުން ލ. ހިތަދޫ / ހަފުލާ، އުމުރުން 21 އަހަރުގެ ޢަލީ މުފާވިޒެވެ.
ފުލުހުން ބުނީ، މުފާވިޒު ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.
އެގޮތުން މުފާވިޒު ހައްޔަރުކޮށް، މާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 614 ގުރާމްގެ ތަކެއްޗާއި 125،000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކޯޓާ ހަވާލާދީ ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން މުފާވިޒުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ތަހްގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އޮޕަރޭޝަން އަލިމަގުގެ ދަށުން ފުލުހުން މިދިޔަ ހަފުތާގެ ހޯމަ ދުވަހު ވަނީ ބައިކިލޯގެ މަސްތުވާތަކެއްޗާއެކު، ސިފައިންގެ ފުލެޓެއްގެ ތެރެއިން 22 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައެވެ.
ފާހަގަކުރެވޭ ގޮތުގައި އޮޕަރޭޝަން އަލިމަގުގެ ދަށުން 100 އެއްހައި މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މަސްތުވާތަކެތީގެ ބޮޑުން ހައްޔަރުކޮށް އަތުލައިގަތުމަށް ފެށި މި އޮޕަރޭޝަނާ ގުޅޭ ފަހުގެ މައުލޫމާތު އަދި ފުލުހުން ހާމައެއް ނުކުރެއެވެ.