ގިނައިން ވަރި ވަނީ އަނބިމީހާ ކިޔަމަން ނުވުމާއި، ފިރިމީހާ ވަގުތު ނުދޭތީ: އިސް ގާޒީ

ދެމަފިރިން ފޮޓޯއަކަށް ހުއްޓިގެން: ރާއްޖޭގައި ވަރިވާ އަދަދު ދަނީ އިތުރުވަމުން-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގައި ފިރިހެނުން އެ މީހުންގެ އަނބިން އެންމެ ގިނައިން ވަރިކުރާ ސަބަބަކީ އަނބިމީހާ ކިޔަމަންނުވާތީ ކަމަށާއި އަންހެނުން ވަރިވުމަށް ކޯޓަށް ގިނައިން ދަނީ ފިރިމީހާ ވަގުތު ނުދޭތީ ކަމަށް، ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު އާއިލާތަކުގެ ދުވަސް ފާހަގަކުރަމުންދާއިރު، އެ ދުވަހާ ގުޅިގެން ގާޒީ ނެރުއްވި ބަޔާނެއްގައި ބުނީ، ފެމިލީ ކޯޓަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު ޒަވާޖީ ހަޔާތަށް މިއަދުގެ ޒުވާން ޖީލުގެ ހޭލުންތެރިކަން ކުޑަކަން ފާހަގަކުރެވޭ ކަމަށެވެ.

އެހެންވެ، އެ ހާލަތު ރަނގަޅު ކުރުމަށް ތަޢުލީމީ މަރުޙަލާތަކުގައި ޒަވާޖީ ހަޔާތަށް ހޭލުންތެރިކަން އިތުރުކުރަން ޖެހޭކަމަށް ދެކިލައްވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

ގިނަ ކައިވެނިތައް ރޫޅެނީ، ދެމަފިރިންގެ މެދުގައި ޖެހޭ ކުދި ކުދި މައްސަލަތައް ހައްލުނުވެ ގިނަ ދުވަސްވެގެން ދިޔުމާއި އެ މައްސަލަތައް ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރޭވޭތީ ކަމަށާއި އެ ކަންތައް ހިއްސާކުރަންޖެހޭ ގާތްމީހުންގެ މަޝްވަރާ ހޯދިފައި ނުހުންނާތީ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

އެއާއެކު، ގާޒީ ވިދާޅުވީ، އަނބިމީހާ ވަރިވުމަށް އެދި ހުށަހަޅާ މައްސަލަތަކުގެ ތެރޭގައި ފިރިމީހާ އަނބިދަރިންނަށް އަޅާނުލުމާއި ރައްޓެހިންނާއެކު ކޮފީގައި ވަގުތު ހޭދަކޮށް އަނބިމީހާއަށް ވަގުތު ނުދޭ ކަމަށް ބުނާ ކަމަށެވެ.

"އަނބިމީހާގެ އުދާސްތައް ބޭރުކޮށްލަން، އޭނާގެ ވާހަކަ އަހާނެ ކަންފަތެއް ގޭތެރޭގައި ނުލިބޭ ކަމީ ވަރަށް ގިނަ އަންހެނުން ކުރާ ޙައްގު ޝަކުވާއެއް،" އެ ބަޔާނުގައިވެއެވެ.

ގއ. ކަނޑުހުޅުދޫގައި މަގުމަތީގައި ބަޔަކު ހިނގާފައިފާ ދާއިރު ކުޑަ ކުއްޖަކު ފަހަތުން ދަނީ --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ފިރިހެނުން އަނބިމީހާ ވަރިކުރުމަށް އެދި ފެމިލީ ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި، އެކުގައި ދިރިއުޅެން ބޭނުންނުވާ މައިގަނޑު ސަބަބަކީ އަނބިމީހާ ކިޔަމަންތެރިނުވާތީ ކަމަށާއި ފިރިމީހާގެ ބަސް އަނބިމީހާގެ ކުރިމަތީގައި ނުވިކޭތީ ކަމަށް ގިނަ ފިރިހެނުން ފާހަގަކުރާ ކަމަށް ގާޒީ ވިދާޅުވިއެވެ.

އަދި، ފިރިމީހާއާށް އިޙްތިރާމް ނުކުރާ ކަމަށް ބުނެ ފިރިމީހާ ކޯޓަށްދާ ކަން ގާޒީ މާހިރު ފާހަގަކުރެެއްވިއެވެ.

އިތުރަށް ގާޒީ މާހިރު ފާހަގަކުރެއްވި ގޮތުގައި، މި ފަހަކަށް އައިސް އަންހެނުންގެ ޙައްގުތައް ހޯދައި ދިނުމުގެ ނަމުގައި ކައިވެނިތައް ރޫޅާލުމަށް ހިތްވަރު ދޭ ކަމަށެވެ.

"އޭގެ ސަބަބުން އެތައް އަންހެނަކު އިތުރަށް ނިކަމެތިވުމާއި ކުޑަކުދިންގެ ހައްގުތަކުން ދަރިން މަހުރޫމްވުމަށް މަގުފަހިވޭ. ކޯޓަށް މިކަން ފާހަގަވަނީ ވަރިވުމަށް ފަހު ދަރިންބެލުމާއި ދަރިންގެ ހަރަދާއި ދަރިންނާ ބައްދަލުކުރުމާ ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތަކުގައި މީހުން ދައްކާ ވާހަކަތަކުން،" ގާޒީގެ ބަޔާނުގަައިވެ އެވެ.

މީގެިއިތުރުން، ގާޒީ މާހިރު ވިދާޅުވީ، ކައިވެނި ރޫޅުމަށްފަހު ދަރިންނާ ގުޅުން ހުރި މައްސަލަތައް ގިނަވަނީ ދަރިންގެ ޙައްގުތަކަށްވުރެ އެހެން ކަންތައް އިސް ކުރެވޭތީ ކަމަށެވެ.

"މައިންބަފައިންގެ ލޯތްބާއި އަޅައިލުން ލިބުމަކީ ދަރިންގެ ހައްގެއް ކަމާއި ކައިވެނި ރޫޅުނަސް އެ ކުދިންގެ ހައްގުތަކުން މަހުރޫމު ނުކުރުމުގެ ވިސްނުން އިސްކުރާ ނަމަ ވަރަށް ގިނަ މައްސަލަތައް ކޯޓާ ހިސާބަށް ނުގޮސް ހައްލު ވާނެ،" ބަޔާނުގައި ވެއެވެ.

ހަމައެއާއެކު، ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާއިރު މައިންބަފައިންނަށް ދަރިންގެ ފަރާތުން ލިބޭ އަނިޔާތަކާއި ބޭބެއިންނާއި ދައްތައިންނާއި ކޮއްކޮއިންގެ މެދުގައި ހިނގާ ގެވެށި އަނިޔާތައް އިތުރުވަމުންދާ ކަން ގާޒީ މާހިރު ވަނީ ފާހަގަކޮށްފައެވެ.

"އެފަދަ މައްސަލަތަކުގައި ރައްކާތެރިކަމުގެ އަމުރުތައް ނެރެންޖެހޭ މިންވަރު ވަނީ އިތުރުވަމުން" ބަޔާނުގައިވެއެވެ.

ގާޒީ ވިދާޅުވީ އާއިލާގެ އުފާވެރިކަމަށް އެކުގައި ވަގުތު ހޭދަކުރާ މިންވަރު އިތުރުކޮށް، ފަނާކުރުވާ ވިސްނުންތައް ދޫކޮށް، އިސްލާމް ދީނުގެ ރިވެތި އުސޫލުތަކުގައި ހިފަހައްޓަން ޖެހޭ ކަމަށެވެ.

ފިރިމީހާ، އަނބިމީހާއަށް އެހީތެރިވުމާއި އަނބިމީހާއާއެކު ވަގުތު ހޭދަކުރުމަކީ އަނބި ދަށުވުން ކަމުގައި ނުބެލުމަށް އެ ބަޔާނުގައި އިލްތިމާސްކުރައްވާފައިވެއެވެ. އަދި އަނބިމީހާ ފިރިމީހާއަށް ކިޔަމަންތެރިވުމާއި ހިދުމަތްކޮށް ދިނުމަކީ ފިރިމީހާގެ އަޅުވެތިވުން ކަމަށް ވެސް ނުބެލުމަށް ގާޒީ އިރުޝާދު ދެއްވިއެވެ.

"ކާފަ އާއި މާމަ، ބޮޑުބޭބެއިންނާއި ބޮޑުދައިތައިންނަށް ހެޔޮކޮށްހިތައި އިހުތިރާމްކުރަން ދަރިންނަށް ދަސްކޮށްދީ. އެ މަންޒަރު މައިންބަފައިންނަށްގެ ފަރާތުން ދަރިންނަށް ދައްކުވައިދީ. ރަނގަޅު ނޫން އޮއިވަރެއްގައި ޖެހުމުގެ ކުރިން ދަރިންނަށް ދީނުގެ ސާފު އަގީދާ ދަސްކޮށްދީ، ދީނީ އަޅުކަންތަކަށް ދަރިން ހާނުވާ،" ބަޔާނުގައިވެއެވެ.

comment ކޮމެންޓް