އަށް ގަޑިއިރުގެ ޑިއުޓީއަށް ފަހު ކިތަންމެ ވަރުބަލިވެފައި ހުރި ނަމަވެސް ދަތުރުވެރިންގެ މާރުކޭޓަށް ނުގޮސް ގެއަށްދާން އޭނާ ބޭނުމެއް ނުވިއެވެ. އެއީ, ފަސް އަހަރުގެ ކާފަ ދަރިފުޅާއި މާބަނޑުވެއިން އުފަން ދަރިއަށް ތާޒާ މޭވާ ކޮޅެއް ހިފައިގެން ދިއުމުގެ ބޭނުމުގައެވެ. ކެޔޮ އަރިއަކާއި ކަރައެއްގެ އިތުރުން ފަޅޮލެއް ގަނެގެން އޭނާ ގެއަށް ދިޔައީ ފައިދާހުރި އެ މޭވާތައް ދަރިންނަށް ކާންދީ, އެ ކުދިންގެ ސިއްހަތު ރަނގަޅު ކޮށްދިނުމުގެ ފޮނި އުއްމީދުގައެވެ. ނަމަވެސް, ގެއަށް ގޮސް ރަނގަޅަށް ބަލާލުމާ އެކު ބާޒާރަށް ދެވުނު މޮޔަ ހީވިއެވެ.
"ކެޔޮ އަރިއެއް ވިއްޔަ އަހަރެން ގަތީ. އޭގެން ކޮންމެ ވަކެއްގެ ކޮޅަށް ހުރީ އިންޖެކްޝަން ޖަހާފައި. ކުޑަ ދަރިފުޅަށް ކާންދޭން ކެޔޮވަކެއް ފިލުވާލިއިރު އެތެރެ ޗަސްވެފައި. ހެޔޮ ނުވާނު. އެ ދަރިއަށް ކާން ދެވުނު ނަމަ ކޮންމެ ފަދަ ކަމެއް ވެސް ވެދާނު. ކަރާ ވެސް އޮތީ އެތެރެ ފިހިފަ ފާޑަކަށް," އަބްދުﷲ އަލީ، 53، ގެ ތަޖުރިބާ ހިއްސާ ކުރަމުން ބުންޏެވެ.
"ދެން މި ގެއަށް މޭވާއާއި ތަރުކާރީ ގަތުން ނިމުނީ. އަހަރެން ދަރިންނަށް ކެމިކަލް ކާން ދޭކަށް ނުކެރޭނެ,"
މި ތަޖުރިބާކުރަން ޖެހުނީ އަބްދުﷲއަށް އެކަންޏެއް ނޫނެވެ. ނަމުން ތާޒާ އެކަމަކު ހަށިގަނޑަށް ނުރައްކާތެރި ކެމިކަލް ގިނަ އަދަދަކަށް ބޭނުންކޮށްފައިހުރި ކާނާ ކެއުން ނޫން ގޮތެއް މިއަދު މި ރާއްޖެއަކު ނެތެވެ. ރާއްޖޭގައި ހައްދާ ދަނޑުވެރިކަމުގެ ބާވަތްތަކާއި އެތެރެ ކުރާ ގިނަ ބާވަތްތައް ވެސް ތަޣައްޔަރުވެފައިވަނީ އެކިއެކި ވިހަ ކެމިކަލްތަކުންނެވެ.
ބޭސް ޖެހި، "ތާޒާ" މޭވާއާއި ތަރުކާރީ
ފުޅާދާއިރާއެއްގައި ދަނޑުވެރިކަމުގެ ވިޔަފާރި ކުރާ ޒުވާނަކާ މި ކަމުގައި ސުވާލު ކޮށްލުމުން އޭނާ ބުނީ ކެމިކަލް ބޭނުންނުކޮށް ހައްދާ އެއްވެސް އެއްޗެއް މާލޭގެ ބާޒާރުން ގަންނަން ނުލިބޭނެ ކަމަށެވެ.
"ހުރިހާ އެއްޗެއް ވެސް މި ހައްދަނީ ކެމިކަލް ޖަހައިގެން. މިރުސް، ބަޓާނާ، ބަރަބޯ، ދޮންކެޔޮ ވެސް. މިހެންގޮސް ހުރިހާ އެއްޗެއް ވެސް،" ވިއްކަން ކޮތަޅަކަށް މިރުސް އަޅަމުން އޭނާ ކިޔައިދިނެވެ.
އިތުރު ދަނޑުވެރިއަކު ބުނިގޮތުގައި ދަނޑުހެއްދުމަށް މަހަކު މަދުވެގެން 15،000 ރުފިޔާގެ ބޭހާއި ކެމިކަލް ގަތުމަށް ދަނޑުވެރިން ހޭދަ ކުރަން ޖެހޭ ކަމަށެވެ. ސަބަބަކީ އެ ބޭހާއި ކެމިކަލްތައް ބޭނުންނުކޮށް މިހާރު ދަނޑުތައް ނުހެއްދޭތީ ކަމަށް އޭނާ ބުންޏެވެ. އެހެން ނޫނީ ކޮންމެ ވެސް ބައްޔެއް އަޅައި ގަސްތައް މަރުވާ ކަމަށް އޭނާ ކިޔައިދިނެވެ.
"އެއްޗެއް ނުހެއްދެންޏާ އާމްދަނީއެއް ނުލިބޭނު. އެހެންވެ، ބޭހަށް ހޭދަކޮށްގެން ވެސް އެބަޖެހޭ ދަނޑު ހައްދަން. މިހާރު ބޭސް ނާޅައި ހަމަ އެކައްޗެއް ވެސް ނުހެދޭ. މިހާރު ވެސް ކަނޑޫދޫ މިރުސް ދަނޑުތަކަށް އެބައުޅޭ ބައްޔެއް ޖެހިގެން،" ތަފުސީލު ދެމުން އޭނާ ބުންޏެވެ.
ދަނޑުވެރިކަމަށް ބޭނުން ކުރާ ބައެއް ކަހަލަ ބޭހާއި ކެމިކަލްތަކަކީ ރަނގަޅަށް ބޭނުންކޮށްފިނަމަ އޭގެ ޒާތުގައި ރަނގަޅު އެއްޗެއްސެވެ. ނަމަވެސް، ބައެއް ދަނޑުވެރިން ބުނާގޮތުގައި ރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލައަކީ އެ އިލްމު ނެތް މީހުން އެ އެއްޗެހި ހިތުހުރި ގޮތަކަށް ބޭނުން ކުރުމެވެ. އިގުތިސާދީ ގިނަ ދާއިރާތަކެކޭ އެއްގޮތަށް ރާއްޖޭގައި ދަނޑުވެރިކަމުގެ ކޮންޓްރޯލް އޮތީ ވެސް ބިދޭސީންގެ އަތްމަތީގައެވެ. ދަނޑުހައްދަން ރަށްރަށުގައި ތިބީ ވެސް އަދި އެތަކެތި އުފުލާ އޮޑި ދޯނި ފަހަރުގައި ތިބީ ވެސް އަދި މާލޭ ބާޒާރުގެ ކޮންޓްރޯލް އޮތީ ވެސް އެ ބިދޭސީންގެ އަތް މަތީގައެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ބޭހާއި ކެމިކަލް ބޭނުން ކުރުމުގެ ހުނަރާއި އިލްމު ނެތް މީހުންނެވެ.
"ބައެއް ކަހަލަ ކެމިކަލް އެބަހުރޭ ބޭނުން ކުރާތާ ވަކި ދުވަސްތަކެއް ފަހުން އެ ގަސްގަހުން ހެދޭ އެއްޗެހި ކެޔަސް ސިއްހަތަށް ގެއްލުން ނުވާނެ. އެ އެއްޗެހި ބޭނުން ކުރަން ވެސް ވާނީ ކަނޑައަޅާފައި ހުންނަ މިންވަރަކަށް. އެކަމަކު، ދަނޑު ހައްދާ މީހުން އެއަކަށް ނުބަލާ ގިނަ ފަހަރަކަށް. ގިނަ ލާރި ހޯދަން އެ މީހުން ބޭނުން ވަނީ އަވަހަށް އެއްޗެހި ބާޒާރަށް ނެރެ ވިއްކަން. އެހެންވެ, ބޭހާއި ކެމިކަލް ބޭނުންކުރާނެ އެ މީހުން ހިތަށް އެރި ގޮތަކަށް،" ދަނޑުވެރި ރަށެއްގެ ސަރުކާރު އިދާރާއެއްގައި މަސައްކަތް ކުރާ މުވައްޒަފަކު ބުންޏެވެ.
ދަނޑުވެރިން ގިނަ އަދަދަކަށް ކެމިކަލް ބޭނުން ކުރަނީ ދަނޑު ހައްދާ މިންވަރު އިތުރު ކުރުމަށާއި އެ ހައްދާ ތަކެތި ގިނަ ދުވަހު ބާޒާރުގައި ބެހެއްޓުމުގެ ބޭނުމުގައެވެ. ވިޔަފާރީގެ ނަފާ ބޮޑު ކުރަން އެ ކުރާ ކަންކަމުގެ އަސަރު ކުރަނީ އާއްމު މީހާގެ ސިއްހަތަށެވެ.
ރާއްޖެ ނުރައްކާ ހާލަތެއްގައި
'އިންޓަނޭޝަނަލް އެޖެންސީ ފޯ ރިސާޗް އިން ކެންސާ'އިން ކެންސަރަށް މަގުފަހިވާ ކަމަށް ކަނޑައަޅާފައިވާ 14 ވައްތަރެއްގެ ޕެސްޓިސައިޑް ނުވަތަ ގަހުގައި އުޅޭ ތަފާތު ފަނިތައް މަރަން ބޭނުންކުރާ ކެމިކަލް، 2021 ވަނަ އަހަރު އެކަނި ވެސް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް 2022 ވަނަ އަހަރު ހެދި ދިރާސާއަކުން ވަނީ ދައްކައިފައެވެ. އެންވައިރަމަންޓް މިނިސްޓްރީގެ ބޭސްލައިން ކެމިކަލް ދިރާސާ ބުނާގޮތުން 2017 ވަނަ އަހަރުން 2021 ވަނަ އަހަރާ ހަމައަށް އެކިއެކި ކެމިކަލް މާއްދާތަކާއި ކެމިކަލް ޕްރޮޑަކްޓްސް ރާއްޖެއަށް އެތެރެކުރި މިންވަރު އެއް އަހަރުން އަނެއް އަހަރަށް ވަނީ އިތުރުވެފައެވެ.
ޕްރޮފެސަރު ހަސަން އުގެއިލް، އޭނާގެ އަމިއްލަ ދިރާސާއާއި ތަޖުރިބާގެ މައްޗަށް ބިނާކޮށް ލިއުއްވި "ސިއްހީ ހަދިޔާ" ފޮތުގައި ވިދާޅުވެފައިވާ ގޮތުގައި ގިނަ އަދަދެއްގެ ކެމިކަލް ބޭނުންކޮށްގެން އުފައްދާ ތަރުކާރީއާއި އެހެނިހެން ބާވަތްތައް ލޮލަށް ފެންނަ ފެނުމަށް ސައިޒުން ބޮޑު އަދި ތާޒާ ބާވަތްތައް ކަމަށްވީ ނަމަވެސް އެ ތަކެތި އުފައްދަން ބޭނުންކުރި ކެމިކަލްތަކުގެ އަސަރު އެއަށް ކޮށްފައި ހުރެއެވެ.
"މިފަދަ މޭވާއާއި ތަރުކާރީ ބޭނުންކުރުމުން އެ ތަކެތީގައި އެކުލެވިފައިވާ ކެމިކަލްތައް ހަށިގަނޑު ތެރެއަށް ވާސިލުވެ އެއިން ހަށިގަނޑުގައި ރައްކާކުރެވެއެވެ. މިސާލަކަށް، ފިހާރައިން ގަނެގެން ބޭނުންކުރާ އާފަލު ނުވަތަ ހެނދުނު ނާސްތާގައި ސީރިއަލްއާ އެކު ބޭނުންކުރާ މޭވާގައި މިފަދަ ކެމިކަލްތައް އެކުލެވިދާނެއެވެ." ފޮތުގައި އުގެއިލް ވިދާޅުވެފައިވެއެވެ.
ޕެސްޓިސައިޑާއި ހާބިސައިޑް ފަދަ ކެމިކަލް ބޭނުންކޮށްގެން ހައްދާ މޭވާއާއި ތަރުކާރީ ކެއުމަކީ ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެކެވެ. މިފަދަ ކެމިކަލްތަކަށް ދިގު މުއްދަތަކަށް ހުށަހެޅިއްޖެނަމަ ކެންސަރާއި އެހެނިހެން ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ސިއްހީ ތަޖުރިބާކާރުން ވިދާޅިވެއެވެ. ޚާއްސަކޮށް ކުޑަކުދިންނާއި މާބަނޑު މީހުން ކުރިމަތި ވެދާނެ ނުރައްކާ ބޮޑެވެ.
ފަސް ލައްކައެއްހާ އާބާދީ އޮތް ދިވެހީންގެ ތެރޭގައި ބަލިތައް ވަރަށް ގިނައެވެ. ޚާއްސަކޮށް ކެންސަރު ބަލި ޖެހޭ މިންވަރު ބިރަކަށް ވާވަރަށް މިވަނީ އިތުރުވެފައެވެ. އާސަންދައިގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފުރަތަމަ ހަތަރު މަހު އާސަންދަ ސްކީމްގެ ދަށުން ބްލޮކްކުރެވިފައިވާ ޖުމުލަ ޚަރަދަކީ 838 މިލިއަން ދިވެހި ރުފިޔާއެވެ. މިއީ ފާއިތުވީ 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 4.8 ޕަސެންޓްގެ އިތުރުވުމެކެވެ. ފާއިތުވީ އަހަރުގެ ފުރަތަމަ ކުއާޓާގައި އާސަންދަ ސްކީމުގެ ދަށުން ބްލޮކްކުރެވުނު ޖުމުލަ ޚަރަދަކީ 799 މިލިއަން ރުފިޔާއެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ހޯދި މީހުންގެ ޢަދަދު ވެސް ވަނީ ފާއިތުވީ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އިތުރުވެފައެވެ. އެގޮތުން، ފާއިތުވީ އަހަރު ޚިދުމަތް ހޯދި މީހުންގެ ޢަދަދު ޖުމުލަ 273،434 ގައި ހުރިއިރު، މިއަހަރު މި ޢަދަދުވަނީ 276،439 އަށް އިތުރުވެފައެވެ. މީހުން ބަލިވާ ނިސްބަތް އަހަރަކުން އަހަރެއް މިދަނީ އިތުރުވަމުންނެވެ.
މި ހާލަތަށް ގައުމު ދިޔައިރު އެންމެ ބޮޑު ކަންބޮޑުވުމަކީ މި ކަންކަން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވޭތަން ނުފެންނާތީއެވެ. ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޮޑު ހޭދައެއް ކޮށްގެން ހިންގާ ޑިޕާޓްމަންޓެއް ހެލްތު މިނިސްޓްރީގެ ދަށުގައި އޮވެއެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މިފަދަ ކަންކަން ބަލައި ހުއްޓުވުން ހިމެނެއެވެ.
މި ރިޕޯޓަށް ހެލްތު މިނިސްޓްރީއާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ބަހެއް ހޯދާލުމަށް މަސައްކަތް ކުރި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ އެކަން އަދި ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.
މިއީ މާ ބޮޑު ދިރާސާތަކެއް ކުރަން ޖެހޭ ކަމެއް ނޫނެވެ. އަދި މާ ގިނަ މީޓިންތަކެއް ބާއްވަން ޖެހޭ ކަމެއް ވެސް ނޫނެވެ. ރާއްޖޭގެ ދަނޑުވެރިން އަމަލު ކުރަމުން އަންނަ ގޮތާއި އެތެރެކުރާ ތަކެތީގައި ރައްކާތެރިކަން ނެތް މިންވަރު އެ އޮތީ ފެންނާށެވެ. މުއައްސަސާތަކުން ކުރަންވީ ކަމަކީ ތަންކޮޅެއް ހީވާގިކަމާ އެކު މަސައްކަތް ކުރުމެވެ. ގަވާއިދެއް ނެތޭ، ގާނޫނެއް ނެތޭ، ބަޖެޓެއް ނެތޭ ނުކިޔައި ކުރެވެން ހުރި މަސައްކަތް ކުރުމެވެ. ޖީލެއް ނެތި މިދަނީ ވިހަ ކައިގެންނެވެ. ދެން ވެސް މިކަން ހައްލުކުރަން އުޅެންވީއެވެ.