ސިނާއީ ބޭނުމަށް ތިލަފުށީގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހިން ބިން ކުއްޔަށް ނަގާފައިވާ މީހުން، ބިން މިލްކުކުރަން ބޭނުންވާ ނަމަ ސިޓީއަކުން އެ ކަމަށް އެދި ހުށަހަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު އެދިއްޖެއެވެ.
ތިލަފުށިން ބިން މިލްކުކުރަން ބޭނުންވާ މީހުން ބީލަމުގެ އުސޫލުން ބިން ގަތުމަށް އެދި މި މަހުގެ ދެވަނަ ދުވަހު ހުޅުވާލިއިރު މި ކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ފޯމު ހުށަހަޅަން ކުރިން އެދިފައިވަނީ، އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށެވެ.
ބީލަމުގެ އުސޫލުން ވިއްކުމަށް ހަމަޖެހިފައިވަނީ ތިލަފުށީ ޒޯން އޭގެ އޭރިޔާ ބީގައި މިހާތަނަށް ނުވިކިހުރި ބިންތަކެވެ. ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހުޅުވާލި ފުރުސަތުގައި ވިޔަފާރީގެ އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށީގެ ޖުމުލަ 108 ބިން ވިއްކަން ކަނޑައެޅިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ޓައިޕް 1، 4999 - 2500 އަކަފޫޓު، 64 ގޯތި
- ޓައިޕް 2، 9999 - 5000 އަކަފޫޓު، 42 ގޯތި
- ޓައިޕް 3، 10000 - 14999 އަކަފޫޓު، 2 ގޯތި
ތިލަފުށީގެ ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާއަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމެވެ. ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައިވާނަމަ، ބިޑް ކުރުމެވެ.
މީގެ އިތުރުން، ތިލަފުށީގެ ފުރަތަމަ ފިޔަވަހިން ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް، ބިން މިލްކުކުރެވޭގޮތަށް ބިން ގަތުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފައެވެ. މިގޮތުން، ބިން ގަތުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ތިލަފުށީގެ ފުރަތަމަ ފިޔަވަހިން 5،000 އަކަފޫޓު ނުވަތަ އެއަށް ވުރެ ބޮޑެތި ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކަށެވެ.
ތިލަފުއްޓަކީ މާލެ ސަރަހައްދުގެ ވިޔަފާރިއާއި އިންޑަސްޓްރިއަލް ހަބްގެ ގޮތުގައި ތަރައްގީކުރާ މައި މަރުކަޒެވެ. ސިނާއީ އެތައް މަސައްކަތެއް ކުރަމުންދާ އެ ރަށުގައި ސިމެންތި ބަންދުކުރުމާއި، ގޭސް ފުޅިތަކަށް އެޅުމާއި، އޮޑިދޯނިފަހަރު ބަނުން ފަދަ ތަފާތު އިންޑަސްޓްރިއަލް މަސައްކަތް ކުރަމުންދެއެވެ.
އަދި، ކުރިއަށް އޮތްތަނުގައި އިންޓަނޭޝަނަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމާ އެކު، މުދާ ކްލިއާ ކުރުމާއި ގުދަން ކުރުމަށް އަދި މުދާ މާލެއާއި ރަށްތަކަށް ސަޕްލައިކުރުމުގައި ވިޔަފާރިތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މިހާރު މަސައްކަތް ކުރިއަށް ދާ ތިލަމާލެ ބްރިޖް މެދުވެރިކޮށް ތިލަފުއްޓާއި މާލެ ގުޅުވާލުމުން ވިޔަފާރި މުދާ އުފުލުމުގައި ލުއިފަސޭހަވެ، މުދާ ސަޕްލައި ކުރުމަށް ހޭދަވާ ވަގުތު ކުޑަވެގެންދާނެއެވެ.