އިންޑިއާގެ މުމްބާއިގައި ހުރި ބޮޑު ބިލްބޯޑެއް ވެއްޓި 14 މީހުން މަރުވެއްޖެއެވެ.
އިއްޔެ ހިނގި އެ ހާދިސާގައި 74 މީހަކު ޒަޚަމުވެފައިވާއިރު، 40 އަށް ވުރެ ގިނަ މީހުން އެ ބޯޑުގެ ދަށުވެފައިވާ ކަމަށް އިންޑިއާ ނޫސްތަކުން ބުނެއެވެ. ބިލްބޯޑު ވެއްޓުނީ ވައިގަދަވެ، ވިއްސާރަވުމާ ގުޅިގެންނެވެ.
ވިއްސާރައިގެ ވެއްޓުނީ މުމްބާއީގެ ގަތްކޯޕާރުގެ ސަރައްހައްދެއްގައި ހަރުކޮށްފައިހުރި ބޯޑެކެވެ. ބޯޑު ވެއްޓުމުން އެ ހިސާބުގައި ހުރި ބައެއް ގެތަކަށާއި ޕެޓްރޯލު ޕަމްޕަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ.
ބިލްބޯޑު ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ސަތޭކަ ފޫޓުގެ ދިގު މިން ހުރި އެ ބިލްބޯޑުގެ ދަށުވި، 47 މީހަކު ސަލާމަތް ވެސް ކޮށްފައިވެއެވެ.
މުމްބާއީ ހިންގާ ސިވިކް ބޮޑީ ބްރިހަންމުމްބާއީ މުނިސިޕަލް ކޯޕަރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ މީހުންނާއި ފުލުހުން، ޑިޒާސްޓާ ރެސްޕޮންސް އޮފިޝަލުން އަދި އެހެނިހެން އިދާރާތަކުން ބައިވެރިވާ ކަމަށެވެ.
މުމްބާއީގެ މޫސުމާބެހޭ ޑިޕާޓްމަންޓުން ލަފާކޮށްފައިވާ ގޮތުގައި މުމްބާއީގެ ބައެއް ހިސާބުތަކަށް ގަޑިއަކު 40-50 ކިލޯމީޓަރަށް ވައިގަދަވެ، އާދައިގެ ވަރަކަށް ވާރޭ ވެހޭނެއެވެ.
ވިއްސާރައިގެ ސަބަބުން މުމްބާއީ އެއާޕޯޓުގައި ފްލައިޓްތަކުގެ ދަތުރުތައް ވެސް މެދުކަނޑައިލައިފައެވެ.
އިންޑިއާގެ ބައެއް ސިޓީތަކެކޭ އެއްފަދައިން މުމްބާއީ އަކީ އާންމުކޮށް ކޮންމެ އަހަރެއްގެ ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މޫސުމީ ވިއްސާރައިގައި ފެންބޮޑުވުމާއި ވިއްސާރައާ ގުޅޭ ހާދިސާތައް ހިނގާ ސިޓީއެކެވެ.