މި ފަހަރުގެ ހައްޖާޖީން ފުރާނީ ލައިވް ލޮކޭޝަން ބެލޭ ޓްރެކިން ޑިވައިސްއަކާއެކު

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުރާ ކޮންމެ ހައްޖާޖީއެއް އަތުގައި ލައިވް ލޮކޭޝަން ބެލޭ ޓްރެކިން ޑިވައިސްއެއް އޮންނާނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް މިރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަކީލް ވިދާޅުވީ، ހައްޖަށް ގޮސް އުޅުމުގެ ތެރޭގައި ހައްޖާޖީއަކަށް މަގު އޮޅުން ފަދަ ހާލަތެއް ދިމާވެއްޖެނަމަ، ހަވާލުކޮށްފައިވާ ޓްރެކިން ޑިވައިސްއަށް ފިތާލައިގެން އެ ކޯޕަރޭޝަނަށް އެމީހަކު ގެއްލިފައިވާކަން ދެނެގަނެވޭނެ ކަމަށެވެ.

މިގޮތުން، އެ ޓްރެކިން ޑިވައިސްގެ އެހީގައި، ގެއްލޭ ހައްޖާޖީން ތިބޭ ތަން ވަގުތުން އެ ކޯޕަރޭޝަނަށް ދެނެގަނޭވޭނެ ނިޒާމެއް ގާއިމުކޮށްފައިވާ ކަމަށް ޝަކީލް ވިދާޅުވިއެވެ.

ދިވެހި ޙައްޖު ވެރިން--- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

"އެ ބޭފުޅާ އެ ހުންނެވި ތަނެއްގެ ސީދާ ލައިވް ލޮކޭޝަން ހޯދާލެވޭނެ ފަދަ ނިޒާމެއް މިހާރު ހައްޖު ކޯޕަރޭޝަންގެ ތެރެއިން މި ވަނީ ގާއިމްކުރެވިފައި. މާނައަކީ ސައުދީ އަރަބީއާގައި ވެސް، ކޮންމެ ތަނެއްގައި ހުރި ކަމަށް ވިޔަސް އަޅުގަނޑުމެންނަށް އެބޭފުޅާ ހުރި ތަން ދެނެގަނެވޭ ގޮތަށް،" ޝަކީލް ވިދާޅުވިއެވެ.

މީގެކުރިން، ހައްޖަށްދާ މީހުން ގެއްލޭކަން ފާހަކުރައްވައި، ޝަކީލް ވިދާޅުވީ މި ނިޒާމަކީ ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށެވެ.

އެހެންވެ، މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް އެކަނި ތަނަކަށް ދާއިރު، އެ ގްރޫޕެއްގެ އިސްކޮށް ތިބޭ ކޯޕަރޭޝަންގެ ފަރާތަށް އެންގުމަށް ފަހު ދިޔުމަށް ޝަކީލް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

"ބައެއް ބޭފުޅުންނަކީ އެތަނަށް ފަރިތަ ބޭފުޅުން ކަމަށް ވިޔަސް، އިސް ބޭފުޅުންނަށް ދަންނަވާފައި ވަޑައިގަންނަވާށޭ. އުމްރާގެ އަޅުކަމުގައި ތަކުރާރުކޮށް ގޮސްފައިވާ ފަރާތްތަކަށް ސައުދީ އަރަބިއާގެ ބައެއް ސަރަހައްދުތަކަށް ވަރަށް ފަރިތަވާނެ. އެހެންނަމަވެސް، އެތައް މިލިއަން ބަޔަކު އެހެން އެއްތަނަކަށް ޖަމާވެގެން އުޅޭއިރު ބައެއް ފަހަރު މަގު އޮޅޭގޮތް ވާނެ،" އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭން ހައްޖަށް ގެންދަން މިހާރު ލިބެނީ 1000 ކޯޓާއެވެ. ސަރުކާރުން އަންނަނީ އިތުރު ކޯޓާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް