ބީއެމްއެލް ކާޑު މެޝިންތަކުން ވީޗެޓް ޕޭއިން ފައިސާދެއްކޭ ގޮތް ހަދައިފި

ވީޗެޓް ޕޭ ބޭންކުގެ ޕޮއިންޓް އޮފްސޭލް (ޕީއޯއެސް) ޓާމިނަލް ނެޓްވޯކްގައި ބޭނުންކުރެވޭ ގޮތް ހެދުން --

ބޭންކް އޮފް މޯލްޑިވްސް އިން ވެއިޝިން ޕޭ، ނުވަތަ ބައިނަލްއަޤްވާމީ މާކެޓްގެ އާންމު ނަމުންނަމަ ވީޗެޓް ޕޭ ބޭންކުގެ ޕޮއިންޓް އޮފްސޭލް (ޕީއޯއެސް) ޓާމިނަލް ނެޓްވޯކްގައި ބޭނުންކުރެވޭ ގޮތް ހަދައިފިއެވެ.

މިއާއެކު، ޗައިނާގެ މި އެޕުން ކިއުއާރު ކޯޑު މެދުވެރިކޮށް މިހާރު ވިޔަފާރިތަކަށް ފައިސާ ބަލައިގަނެވޭނެއެވެ. މީގެ ކުރިން ވީޗެޓް ޕޭ ލިބެނީ ހަމައެކަނި ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށެވެ.

ބޭންކުގެ ޑައިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ މި ޚިދުމަތް ފަށާފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓްގެ ޑިއުޓީ ފްރީގައި ހިމެނޭ ވިޔަފާރިތަކުން ކަމަށެވެ.

ބޭންކުގެ ޕީއޯއެސް ނެޓްވޯކްގައި ވީޗެޓް ޕޭ ބަލައިގަނޭވޭ ގޮތަށް ހަމަޖެހިގެން ދިޔުމާއެކު، ވެއިޝިން އަދި ވީޗެޓް ޕްލެޓްފޯމް ބޭނުންކުރާ އެއް ބިލިއަން އެކްޓިވް ކަސްޓަމަރުންނަށް ދިވެހި ރާއްޖޭގެ ކޮންމެ ސަރަހައްދެގައި ގާއިމުވެފައިވާ ވިޔަފާރިއަކަށް ވެސް ފައިސާދެއްކޭނެ ގޮތް މިވަނީ ފަހިވެފައެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ފައިސާގެ މުއާމަލާތްކުރުމުގައި ފެންވަރު ރަނގަޅު ހިދުމަތެއް ދިނުން. މިގެނެވުނު ބަދަލާއެކު، އަޅުގަނޑުމެންގެ ކަސްޓަމަރުން އިޚްތިޔާރުކުރާ ގޮތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެގޮތް މިވަނީ ހަމަޖެހިގެންގޮސްފައި،" ނިމާލް ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި މާޗަންޓް ޕޭމަންޓް ސޮލިއުޝަން އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެކި ވިޔަފާރި ސެގްމެންޓްތަކާއި ކަސްޓަމަރުން ބޭނުންވާ ގިނަ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ފޯރުކޮށްދޭ ބޭންކެކެވެ.

އެމެރިކަން އެކްސްޕްރެސް، ވިސާ، މާސްޓަކާޑް، ޔޫނިއަން ޕޭ ފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ އިތުރުން ބީއެމްއެލް ޕޭ، އަލީ ޕޭ، އެޕަލް ޕޭ، އަދި ގޫގުލް ޕޭ ފަދަ ޑިޖިޓަލް ވޮލެޓް މެދުވެރިކޮށް ފައިސާ ބަލައިގަނޭވޭ ހިދުމަތް ބޭންކުން ދަނީ ފޯރުކޮށްދެމުންނެވެ.

ޕީއޯއެސް ޓާމިނަލްގެ އިތުރުން ބޭންކުގެ މަރޗަންޓް ޕޯޓަލް އަދި އެމްޕޮސް އެޕް މެދުވެރިކޮށް މާޗަންޓުންނަށް އޮންލައިންކޮށް ކޮންމެ ތަނެއްގައި ހުރެގެން ވެސް ފައިސާ ބަލައިގަނެވޭނެއެވެ. އަދި މި ހިދުމަތް ބޭނުންކޮށްގެން ޕޭމަންޓް ރިކުއެސްޓް ފޮނުވާ، ފައިސާގެ މުއާމަލާތް ޗެކްކުރުމާއި އޮންލައިން ސްޓޯރުތައް މެނޭޖްކުރެވޭނެއެވެ.

comment ކޮމެންޓް