ޓެކްސް ކޮމިޝަނަރުކަމަށް ޒަރީރު އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި

ހަސަން ޒަރީރު: އޭނާ ވަނީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަންކޮށްފަ--

ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް، ކުރީގައި ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ފުރުއްވި ހަސަން ޒަރީރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ޒަރީރު އައްޔަނުކުރުމަށް މަޖިލީހުގެ އެންމެ ފަހުގެ ޖަލްސާގައި މިއަދު ވޯޓަށް އެހި އިރު، އޭނާ އެ މަގާމަށް އައްޔަނުކުރަން ފެންނަ ކަމަށް 45 މެންބަރުން ވަނީ ވޯޓު ދީފައެވެ. ޒަރީރު އައްޔަންކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ފަތުހުﷲ ޖަމީލް މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.

ޓެކްސް ކޮމިޝަނަރުކަމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި މަގާމަށް ކުރިމަތިލީ މެންބަރުންގެ ތެރެއިން މަގާމުގެ ޝަރުތު ހަމަވާ މެންބަރުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގަންނަވާ ތަރުތީބުން މަޖިލީހަށް ނަންތައް ފޮނުއްވީ މާޗު މަހުގެ 13ވަނަ ދުވަހުއެވެ.

އެގޮތުން، ޓެކްސް ކޮމިޝަނަރު ކަމަށް އައްޔަންކުރަން ފޮނުއްވާފައިވަނީ ކުރީގެ ޓެކްސް ކޮމިޝަނަރު ޔަޒީދު މުހައްމަދުގެ އިތުރުން، އޭރު ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ފުރުއްވި ހަސަން ޒަރީރެވެ.

މިދިޔަ އަންގާރަ ދުވަހު މަޖިލީހުގެ އިޤުތިޞާދީ ކޮމިޓީން ޔަޒީދަށް ރުހުން އޮތް ކަމަށް ވޯޓު ދެއްވީ ހަތަރު މެންބަރުންނެވެ. އަދި، ޒަރީރަށް ރުހުން އޮތް ކަމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.

ޒަރީރަކީ ބޭންކް އޮފް މޯލްޑިވްސްގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރައްވާ ބޭފުޅެކެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ މާޗު މަހުގެ 25ވަނަ ދުވަހުއެވެ.

comment ކޮމެންޓް