އިއްޒުންދީން ފާލަން އަލުން ތަރައްގީކުރަން 11.7 މިލިއަން ރުފިޔާގެ މަޝްރޫއެއް ފަށައިފި

އިއްޒުންދީން ފާލަން — ސަން ފޮޓޯ/ ފަޔާޒް މޫސާ

ރަސްމީ ފާލަން ނުވަތަ އިއްޒުންދީން ފާލަން އަލުން ތަރައްގީކުރުމަށް 11.7 މިލިއަން ރުފިޔާގެ މަޝްރޫއެއް އެމްޓީސީސީން ފަށައިފިއެވެ.

އެމްޓީސީސީން ނެރުނު ބަޔާނެއްގައިވާ ގޮތުން، އެ މަޝަރޫއުގެ ދަށުން ކުރީގެ ޖެޓީ ރޫޅާލުމާއި އައު ޖެޓީގެ ކޮންކްރީޓް މަސައްކަތާއި ސްޓީލް ސްޓަރަކްޗާ ފަރުމާކުރުމާއި ލަކުޑި އަދި މަތިވަޑާމުގެ މަސައްކަތް ކުރާނެއެވެ.

އެމްޓީސީސީން ބުނީ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 270 ދުވަސްތެރޭގައި ނިންމުމަށް ކަމަށެވެ.

އިއްޒުއްދީން ފާލަން ފަރުމާކޮށްފައިވަނީ އިހުޒަމާނުގައި ދަތުރުފަތުރުކުރުމަށް ބޭނުންކުރެވުނު އޮޑިދޯނިފަހަރާއި ބައްތެލީގެ ރިޔާތައް ރަމްޒެއް ކަމަށް ބަލައިގެންނެވެ.

އިއްޒުއްދީން ފާލަން އަލުން ތަރައްގީކުރާ ގޮތުގެ ކުރެހުމެއް -- ފޮޓޯ/ އެމްޓީސީސީ

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މި ފާލަން ވަރަށް ބޮޑަށް ވީރާނާވެފައިވާކަން ފާހަގަކޮށް އެމްޓީސީސީން ބުނީ، އަލުން ފާލަން ހަދާއިރު ރަސްމީ ފާލަމަކީ ދިވެހީންގެ ގައުމިއްޔަތާއި ސަގާފަތް ރަމްޒުކޮށްދޭ، ގިނަ ދުވަހު ބޭނުންކުރެވޭފަދަ ފެންވަރު ރަނގަޅު ފާލަމަކަށް ހަދާނެ ކަމަށެވެ.

އިއްޒުއްދީން ފާލަން ހުޅުވި ފަހުން ދެ ފަހަރެއްގެ މަތިން ވަނީ މަރާމާތުކޮށްފައެވެ. އެ ޖެޓީ އެންމެ ފަހުން މަރާމާތު ކުރީ 2017 ވަނަ އަހަރުގައެވެ.

މި ފާލަން ހުޅުވި ފަހުން އެންމެ ބޮޑު މަރާމާތެއް ކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަރިކަމުގައި 2015 ވަނަ އަހަރު 50 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެނެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުމުގެ މުނާސަބާތާ ގުޅިގެން،
ޢިއްޒުއްދީން ފާލަން އެންމެ ފަހުން ވެސް ފަރުމާކުރީ އެމްޓީސީސީންނެވެ.

comment ކޮމެންޓް