ދެކުނު ކޮރެއާއިން ޗިޕް އިންވެސްޓްމަންޓްތަކާއި ދިރާސާތަކަށް 10 ޓްރިލިއަން ވޮން (7.3 ބިލިއަން ޑޮލަރު)އަށް ވުރެ ބޮޑު ސަޕޯޓް ޕެކޭޖެއް އެކުލަވާލުމުގެ ޕްލޭންތައް ތައްޔާރު ކުރަމުން އަންނަ ކަމަށް އެގައުމުގެ ފިނޭންސް މިނިސްޓަރު މިއަދު ވިދާޅުވެއްޖެއެވެ.
ސެމީކޮންޑަކްޓާ އިންޑަސްޓްރީގައި އެގައުމަށް އޮތް ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ފިނޭންސް މިނިސްޓަރު ޗޮއި ސަންގް-މޮކް ވިދާޅުވީ ސެމިކޮންޑަކްޓާ ސަޕްލައި ޗެއިންގައި ޗިޕް މެޓީރިއަލްސް އާއި އިކުއިޕްމަންޓް އުފައްދާ ކުންފުނިތަކާއި ފެބްލްސް ކުންފުނިތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ޕެކޭޖުގެ ތަފްސީލް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.ަ
ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ޕްރޮގްރާމުގެ ތެރޭގައި ޕޮލިސީ ލޯނު ހުށަހެޅުންތަކާއި، ދައުލަތުގެ އަދި އަމިއްލަ މާލީ އިދާރާތަކުން ފައިނޭންސްކޮށްގެން އާ ފަންޑެއް ގާއިމުކުރުން ހިމެނޭ ކަމަށެވެ.
ދެކުނު ކޮރެއާއިން ދަނީ އެގައުމުގެ ވެރިރަށް ސޯލްގެ ދެކުނުގައި އޮންނަ ޔޮންގިންގައި މެގަ ޗިޕް ކްލަސްޓާއެއް ވެސް ހަދަމުންނެވެ.
ރައީސް ޔޫން ސުކް ޔޯލް ވަނީ އިންވެސްޓްމަންޓްތަކަށް ޓެކްސްގެ މަންފާ ލިބޭނެ ކަމަށް ވައުދުވެ، ޗިޕް އުފެއްދުމުގައި އޮތް ވާދަވެރި "ހަނގުރާމަ" ކާމިޔާބު ކުރުމަށް ބޭނުން ކުރެވެން އޮތް ހުރިހާ ވަސީލަތެއް ބޭނުންކުރާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
ދެކުނު ކޮރެއާއަކީ ދުނިޔޭގެ ސެމިކޮންޑަކްޓަ އިންޑަސްޓްރީގެ އެންމެ ބޮޑު އެއް ބައިވެރިއެއްގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑެތި ޗިޕް އުފައްދާ ކުންފުނިތައްވެސް ނިސްބަތްވާ ގައުމެވެ. އެގޮތުން ސެމްސަންގް އިލެކްޓްރޯނިކްސް އަކީ އާމްދަނީގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑު ސެމިކޮންޑަކްޓާ ކުންފުނި ކަމަށްވާއިރު، މިއީ މުޅި ދުނިޔޭގެ ބާޒާރުގެ ހިއްސާގެ ގާތްގަނޑަކަށް 20 ޕަސެންޓެވެ. އެ ކުންފުނީގެ ސެމިކޮންޑަކްޓާ ޑިވިޝަނުން 2022 ވަނަ އަހަރު އެކަނި ވެސް 77 ބިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރުގެ ސޭލްސް ގެނެސްފައިވެއެވެ.
ދެކުނު ކޮރެއާގެ އެހެން ޓެކް ކުންފުންޏެއް ކަމަށްވާ އެސްކޭ ހައިނިކްސް އަކީ ސެމްސަންގަށް ފަހު ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު މެމޮރީ ޗިޕް އުފައްދާ ކުންފުންޏެވެ. މި ދެ ކުންފުނި ގުޅިގެން ދެކުނު ކޮރެއާއަކީ ސެމީކޮންޑަކްޓާ ސަޕްލައި ޗެއިންގައި ހިމެނޭ އެންމެ ނުފޫޒުގަދަ އަދި އިގްތިސާދީ ގޮތުން މުހިންމު އެއް ގައުމުގެ ގޮތުގައި ވަނީ ގާއިމުކޮށްފައެވެ.
ޖުމްލަގޮތެއްގައި ޗިޕް އިންޑަސްޓްރީއަކީ ދެކުނު ކޮރެއާގެ އެކްސްޕޯޓް އިގްތިސާދާއި ޓެކްނޮލޮޖީގެ މަސައްކަތުގެ ބޮޑު ބައެކެވެ.