ނ. ކުޑަފަރީގައި އިންވެސްޓު ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަޙުމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ސިޔާމްގެ އުފަންރަށް ކުޑަފަރީއަށް މިއަދު ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން ވަނީ އެ މަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.
ކުޑަފަރީގެ ބަނދަރު ސަރަހައްދުގައި ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ އެ ރަށު ކައުންސިލުން ބޮޑެތި ބިން ދޫކޮށްފި ކަމުގައިވާ ނަމަ، އެ ރަށުގައި އިންވެސްޓުކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އެ ރަށުގައި ލޯކަލް ޓޫރިޒަމް ވަރަށް ފުޅާކޮށް ކުރިއަށް ގެންދެވިދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ސިޔާމް ވިދާޅުވިއެވެ.

ނ. ކުރަފަރިއަށް ސިޔާމް ވަޑައިގަތުމުން އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައި -- ސަން ފޮޓޯ/ އަމަން ލަތީފް
އެ މަނިކުފާނު އިތުރަށް ވިދާޅުވީ އެ ރަށުގެ އެންމެ ބޮޑު ބިމުގައި 80 ނުވަތަ 100 ރޫމުގެ ހޮޓަލެއް އެޅުމަށް ވިސްނުންފުޅު ހުރި ކަމަށެވެ.
"އެ ކަން އެ ގޮތަށް ކުރެވިއްޖެ ކަމަށް ވަނީނަމަ، މި ރަށުގައި ތިބި ހުރިހާ މީހުންނަށް ވަޒީފާ ލިބޭނެ، ބާކީ އެކަކު ވެސް ނުހުންނާނެ. ޖީބަށް ލާރި ނުވަންނަ ހަމަ އެންމެ ރައްޔިތަކު ވެސް ނުހުންނާނެ،" ސިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން، ހެނބަދުއާއި ކެނދިކުޅުދޫގެ އިތުރުން ދެން ހުރި ރަށްތަކުގެ ރައްޔިތުން ވެސް އެކަން ބޭނުންވާ ކަމުގައިވާނަމަ، ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރަން ބޭނުންފުޅުވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ސިޔާމް ދެއްކެވި ވާހަކަފުޅުގައި ސަރުކާރުތަކުން ރައްޔިތުންނަށް ވެފައި އޮތް އިހުމާލުގެ ވާހަކަ ފާހަގަ ކުރެއްވިއެވެ. އެގޮތުން ރަށްރަށުގައި ބޯހިޔާވަހިކަމާއި ތައުލީމާއި ބޭސް ފަރުވާގެ ކަންކަން އޮތް ގޮތުގެ ހާލަތަށް އިޝާރާތް ކުރައްވައި ސިޔާމް ވިދާޅުވީ އެ ރައްޔިތުން ދިރިއުޅެމުންދަނީ ވަރަށް ހާލުގައި ކަމަށެވެ.

ނ. ކުޑަފަރީގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ސިޔާމް ދެއްކެވި ވާހަކަފުޅުގެ ތެރެއިން -- ސަން ފޮޓޯ/ އަމަން ލަތީފް
ސަރުކާރުން ތަޢުލީމަށް ބޮޑު ޚަރަދެއްކުރާއިރު، ރާއްޖޭގައި އުފެދޭ އިތުރު އިންވެސްޓްމެންޓްތަކާއި އިތުރަށް އުފެދޭ މީހުން ކޮބައިތޯ ސިޔާމް ސުވާލު އުފެއްދެވިއެވެ.
ރާއްޖޭގައި އޮންނަ ތައުލީމީ ނިޒާމު ބައްޓަންކޮށްފައި އޮތް ގޮތާމެދު ކަންބޮޑުވުންފާޅުކުރައްވައި ސިޔާމް ވިދާޅުވީ، ކުރިޔަށް އޮތް ތަނުގައި އެ ކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މިއަދު ސިޔާމް ކުޑަފަރިއަށް ވަޑައިގަތުމުން، އެ ރަށުން 85 މީހަކުވަނީ އެމްޑީއޭއަށް ސޮއިކޮށްފައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ އިސް ސަފުގައި މަސައްކަތްކުރި މީހުން ވެސް ހިމެނެއެވެ.
ކުޑަފަރީގައި އެންމެ ގިނަ ރައްޔިތުން ސޮއިކޮށްފައިވަނީ އެމްޑީއޭއަށް ކަމަށްވާއިރު އެ ރަށުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު 300އަށްވުރެ އިތުރެވެ.