ހަމަލާތަކާ ގުޅިގެން އެއް ލައްކަ މީހުން ރަފަހް ދޫކޮށްފި

އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން އެއްލައްކަ މީހުން ވަނީ ރަފަހް ދޫކޮށްފައި. ފޮޓޯ/ބިޒްނަސް އިންސައިޑާ

އިސްރާއީލުން ޣައްޒާގެ ރަފަހް ސިޓީއަށް ދޭ ހަމަލާތަކާ ގުޅިގެން ފާއިތުވި ދުވަސްތަކުގައި އެއް ލައްކައަށްވުރެ ގިނަ މީހުން ރަފަހް ދޫކޮށް ގޮސްފައިވާ ކަމަށް އދ.އިން ބުނެފިއެވެ.

ރަފަހް ސިޓީއަކީ ޣައްޒާގެ އެހެން ސަރަހައްދުތަކުގައި ދިރިއުޅެމުން ދަނިކޮށް ގެދޮރު ގެއްލުމުންނާއި ހާލުގައި ޖެހުމުން އެތައް ހާސް ބަޔަކު ހިމާޔަތް ހޯދައިގެން ތިބި ސަރަހައްދެކެވެ.

ޣައްޒާގެ އިންސާނީ ހައްގުތަކާބެހޭ އޮފީސް، އޯސީއެޗްއޭގެ ވެރިޔާ ޖޯޖިއޯސް ޕެޓްރޯޕޫލޯސް ވިދާޅުވި ގޮތުގައި ރަފަހްގެ ހާލަތު މިހާރު އޮތީ މީގެކުރިން ދުވަހަކުވެސް ނުފެންނަ ވަރުގެ ހާލަތަކަށް ވެއްޓިފައެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދޭ އދ.ގެ ޖަމިއްޔާ އަންރުވާއިން ބުނި ގޮތުގައި ރަފަހް ދޫކޮށް ގާތްގަނޑަކަށް 110،000 މީހުން ނުކުތް ނަމަވެސް، އެ މީހުން ރައްކާތެރިކަން ހޯދާނެ އެއްވެސް ތަނެއް މިހާރު ޣައްޒާގައި ނެތެވެ.

"އެ މީހުންނަށް ރައްކާތެރިކަން ލިބުމުގެ އުއްމީދެއް އޮތީ ހަމަލާތައް ވަގުތުން ހުއްޓާލުމުން އެކަނި،" އަންރުވާއިން ބުންޏެވެ.

ފަލަސްތީން އޮތޯރިޓީން ބުނާ ގޮތުގައި ރަފަހްއާއި މިސްރާ ދެމެދު އޮންނަ ބޯޑަރު އިސްރީއީލުން އަދިވެސް އޮތީ ބަންދުކޮށްފައެވެ. އެހެންވެ، ޣައްޒާއިން ނުކުތުމަށް ބޭނުންވާ މީހުންނަށާއި އެ ސަރަހައްދަށް އެހީ ފޯރުކޮށްދޭންދާ އުޅަނދުތަކަށް ވެސް ވަނީ ހުރަސްއެޅިފައެވެ.

އިސްރާއީލުގެ އެންމެ ގާތް އެކުވެރި އެމެރިކާ ހިމެނޭ ގޮތަށް ދުނިޔޭގެ އެކި ގައުމުތަކުން ވަނީ ރަފަހްއަށް ހަމަލާ ނުދޭން އިސްރާއީލަށް ގޮވައިލައިފައެވެ.

ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތް ނައްތާލުމަށް ކަމަށްބުނެ އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ފައުޖުތަކުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 34،900 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ހާމަކުރާ ގޮތުގައި ޝަހީދުކޮށްލައިފައިވާ މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާ އަންހެނުންނެވެ.

comment ކޮމެންޓް