ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލުން ވެސް ގިނަ އަދަދެއްގެ ގަބުރު ފެނިއްޖެ

އިސްރާއީލުގެ ހަމަލާތަކުގައި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ހޯދަން އުޅުނު ޓީމު އަލް ޝިފާ ހޮސްޕިޓަލުން ހޯދި ބައެއް ހަށިގަނޑުތަކާ އެކު -- ފޮޓޯ/މިޑްލް އީސްޓް އައި

ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލުން ވެސް ޝަހީދުކޮށްލާފައިވާ 49 މީހުންގެ ގަބުރު ފެނިއްޖެއެވެ.

ޣައްޒާގެ ވެރިކަން ހަމާސް ޖަމާއަތުން ބުނީ އިސްރާއީލުގެ އެ އަމަލަކީ އިންސާނުންގެ ހިޔާލަށް ވެސް ނުގެނެވޭނެ ފަދަ ހައްދު ފަހަނައަޅާފައިވާ ބިރުވެރި އަމަލެއް ކަމަށެވެ. އަދި، އެ ކަމަށް ބައިނަލްއަގުވާމީ ސަމާލުކަން ބޭނުންވާ ކަމަށް ހަމާސްއިން ބުންޏެވެ.

އަލް ޝިފާ ހޮސްޕިޓަލުން ފެނުނު ގިނަ އަދަދެއްގެ ގަބުރުތަކަކީ ޣައްޒާ ސިޓީން އެގޮތަށް ފެނިފައިވާ ތިންވަނަ ގަބުރުތަކެވެ. ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އަލް ޝިޕާ ހޮސްޕިޓަލް ވަނީ އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ސުންނާފަތިވެފައެވެ.

މަރާލާފައިވަނީ އަލް ޝިފާ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދިޔަ މެޑިކަލް އޮފިސަރުންނާއި، ނަރުހުން އަދި އެޑްމިނިސްޓްރޭޓިވް ސްޓާފުންނެވެ. ހޮސްޕިޓަލްގައި ޒަޚަމުވެފައިތިބި މީހުންނާއި ބަލި މީހުން އަދި ގެދޮރު ގެއްލިފައިވާ އެތައް ބަޔަކު ވެސް މަރާލައިފައިވާ ކަމަށް ފަލަސްތީނު ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ޣައްޒާގެ އެކި ސަރަހައްދުތަކުން ޖުމްލަ 520 ގަބުރު މިހާތަނަށް ފެނިފައިވެއެވެ.

އޭގެ ތެރެއިން ގިނަ ހަށިގަނޑުތައް ވަނީ ކާކުކަން ނޭނގޭ ވަރަށް ހަލާކުވެފައެވެ. އަލް ނަސީރު ހޮސްޕިޓަލުން ފެނުނު 20 ވަރަކަށް ހަށިގަނޑަކީ ދިރިހުއްޓައި ވަޅުލާފައިވާ ހަށިގަނޑުތަކެއް ކަމަށް ބެލެވޭ ކަމަށް ވެސް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އަލް ޝިފާއާއި ނާސިރު ހޮސްޕިޓަލުން ފެނުނު ގިނަ އަދަދެއްގެ ގަބުރުތަކާ ގުޅިގެން މިނިވަން ތަހުގީގެއް ކުރުމަށް ފަލަސްތީނުން އދ.އަށް ކަނޑައަޅާފައި ހުންނަ މަންދޫބު ވަނީ އދ.ގެ ސަލާމަތީ މަޖިލީހަށް ގޮވާލައިފައެވެ.

ޣައްޒާއިން ފެނުނު ހަށިގަނޑުތަކުގެ މަރުގެ ޒިންމާ އިސްރާއީލުން ނަގަން ނުހެޖޭނެ ކަމަށް އިސްރާއީލުން ބުނެއެވެ.

comment ކޮމެންޓް