ރާއްޖެއަށް ކުރިމަތިވެފައި އޮތް އިޤުތިޞާދީ ހާލަތު ހައްލުކުރުމަށް ތައްޔާރުވެ، މާލީ ނުރައްކާތައް ކުޑަކުރުމަށް އިސްލާހުތައް ވަރަށް މުހިންމު ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
ވޯލްޑް ބޭންކުން ބުނީ ރާއްޖޭގެ ފަތުރުވެރިކަމާއި އެހެނިހެން ބޮޑެތި ސިނާޢަތްތަކުން ހީނަރުކަން ފެންނަ ކަމަށެވެ. ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު އިތުރުވި ނަމަވެސް، ފަތުރުވެރިއަކު ރާއްޖެ އައިސް ކުރާ ޚަރަދު ކުޑަވުމާއި، އެ މީހުން ރާއްޖޭގައި ހޭދަކުރާ މުއްދަތު ކުރުވުމުގެ ސަބަބުން ޖީޑީޕީ އިތުރުވުމަށް ކުރާ ހެޔޮ އަސަރު ކުޑަކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އަދި ސަބްސިޑީ އިސްލާހުތަކުގެ ސަބަބުން ގޭބިސީތަކުގެ އާމްދަނީއަށް އެ ކަމުގެ ސަބަބުން އަސަރުކުރާއިރު، ސަރުކާރުގެ އިންވެސްޓްމަންޓް ދަށްވާނެ ކަމަށް ވެސް ވޯލްޑް ބޭންކުންވަނީ ލަފާކޮށްފައެވެ.
ވޯލްޑް ބޭންކުން ބުނެފައިވަނީ ރާއްޖޭގެ އިޤްތިޞާދަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުން ގެނައުމަށް ޓަކައި ކޮންމެހެން ވެސް ސަރުކާރުގެ ފިސްކަލް ރިފޯމް އެޖެންޑާ ތަންފީޒު ކުރަންޖެހޭ ކަމަށެވެ. އަދި އެ މަސައްކަތުގައި އެ ބޭންކުގެ އެއްބާރުލުން ރާއްޖެއަށް ލިބޭނެކަމަށް ބުނެފައިވެއެވެ.
މި ރިޕޯޓުގައި ވަނީ ސަރުކާރުން ދާދިފަހުން އިއުލާންކުރި މާލީ ފިސްކަލް ރިފޯމް ސިޔާސަތު ތަންފީޒުކުރުމަށް ގޮވާލާފައެވެ.
އެ ބޭނުންކުން ބުނެފައިވަނީ ސަބްސިޑީތައް ރިފޯމް ކުރުމާއި, ދައުލަތުގެ ކުންފުނިތައް ހަރުދަނާ ކުރުމާއި، ސިއްހީ ޚަރަދުގެ އެފިޝެންސީ އިތުރުކުރުމުގެ އިތުރުން، ސްޓްރެޓެޖިކް އިންވެސްޓްމެންޓް ޕްލޭނިން ހަރުދަނާކުރުން ހިމެނޭ އިޤުތިޞާދީ އެޖެންޑާއަކަށް އަމަލުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށެވެ.
ވޯލްޑް ބޭންކުން ލަފާކޮށްފައިވަނީ ރާއްޖޭގެ އިޤުތިޞާދު މި އަހަރު 4.7އަށް އިތުރުވާނެ ކަމަށެވެ. އެހެން ނަމަވެސް އެއީ ކުރިން ލަފާކުރި މިންވަރަށްވުރެ މަދު އަދަދެއް ކަމަށް ބުނެފައިވެއެވެ.
އަދި މާލީ ގޮތުން ފިޔަވަޅުތަކެއް ތަންފީޒުނުކޮށްފިނަމަ، ރާއްޖޭގެ ދަރަނި އިތުރުވެދާނެ ކަމަށް ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ ރިޕޯޓުގައި ވަނީ އިންޒާރު ވެސް ދީފައެވެ.
ލަފާކުރި ވަރަށް ވުރެ މިދިޔަ އަހަރުގެ އިގުތިޞާދީ ދުވެލި 4.7 އިންސައްތަ ދަށްވެފައިވާ ކަމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ)ގެ އަހަރީ ރިޕޯޓުން ވަނީ ދައްކާފައެވެ.