ސަލްމާން މިސްކިތުގެ މަރާމާތަށް ހަ މިލިއަން ރުފިޔާ ޚަރަދުވާނެ: ޝަހީމް

ސަލްމާން މިސްކިތުގެ އެތެރެ – ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަލްމާން މިސްކިތުގެ މަރާމާތަށް ހަ މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު އެ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ސަލްމާން މިސްކިތުގައި އެންމެ ބޮޑަށް މިހާރު ހަލާކުވެފައި ހުރީ އޭސީ ނިޒާމު ކަމަށެވެ.

މި މައްސަލަ ޖެހިފައި ހުންނަތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށާއި އޭގެ މައިގަނޑު ސަބަބަކީ އޭސީ ނިޒާމުގެ މެއިންޓެނެންސް މަސައްކަތް އެކަށީގެންވާ މިންވަރަށް ނުކުރެވި ހުރުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަންކަން ހައްލުކޮށް އެތާގެ ނިޒާމު ރަނގަޅު ކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

އެ މަސައްކަތްތަކަށް ހަ މިލިއަނެއްހާ ރުފިޔާ ބޭނުންވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު-- ސަން ފޮޓޯ: އަމަން ލަތީފް

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ވަނީ އެ ފައިސާ ހަމަޖެހޭނެ ގޮތްތަކެއް ރާވައިދީފައި ކަމަށެވެ. އަދި އެކަންކަން ހަމަޖެހިއްޖެ ނަމަ ވަރަށް އަވަހަށް މައްސަލަތައް ހައްލު ކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރަށް އޭނާ ވިދާޅުވީ އެ މިސްކިތް ރަސްމީކޮށް ހުޅުވުމާ ގުޅޭ ގޮތުން ސައުދީގެ އިސްލާމިކް މިނިސްޓްރީއާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ހައްޖުގެ ފަހުން ކިންގް ސަލްމާން ސެންޓަރު ހުޅުވޭތޯ މިދަނީ މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

އެ ސެންޓަރު ހުޅުވުމަށް ސައުދީ އަރަބިއާއިން އިސްލާމީ ޝަހުސިއްޔަތަކަށް ދައުވަތު ދީގެން ގެނެވޭތޯ މަސައްކަތް ކުރާ ކަންވެސް ޝަހީމް ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް