ފިލްމު އެސޯސިއޭޝަންގެ ޗެއާޕާސަނަކަށް މުއާ

ފިލްމީ ތަރި މުއާ - ސަން ފައިލް ފޮޓޯ

ދިވެހިރާއްޖޭގެ ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ)ގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް ފިލްމީ ތަރި އަބްދުﷲ މުއާޒު ހޮވިއްޖެއެވެ.

އެމްއެފްއޭގެ ޗެއާޕާސަންގެ މަގާމު ހުސްވުމާ ގުޅިގެން މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ވަނީ އެ މަގާމަށް ކުރިމަތިލާން އެދި ހުޅުވާލާފައެވެ.

މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް އެ މަގާމަށް ކުރިމަތި ލުމަށް ހުޅުވާލާފައިވާއިރު އެ މަގާމަށް ކުރިމަތިލާފައިވަނީ ހަމައެކަނި މުއާއެވެ. ޗެއާޕާސަންގެ މަގާމަށް އިތުރު މީހަކު ކުރިމަތިލާފައި ނުވުމުން މި މަހުގެ 16 އަށް ތާވަލު ކޮށްފައިވާ ބައި އިލެކްޝަން ކުރިއަށް ނުގެންދިޔުމަށް ވަނީ އެމްއެފްއޭއިން ނިންމާފައެވެ. އެއާ އެކު ޗެއާޕާސަންގެ މަގާމަށް ވަނީ މުއާ ހޮވިފައެވެ.

މުއާއަކީ މިދިޔަ ސަރުކާރުގައި ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ދަށުން ހިންގި ނެޝަނަލް ސެންޓާ ފޯ ދަ އާޓްސް (އެންސީއޭ)ގެ ސީނިއާ އެގްޒެކިޓިވް ޑިރެކްޓަރެއްގެ މަގާމުގައި ހުރި ފަންނާނެކެވެ. އޭނާ ވަނީ އިތުރު ވަގުތުތަކުގައި ވެސް ދިވެހި ފިލްމު އިންޑަސްޓްރީގެ އެކި ކަންތައްތަކުގައި ކެމެރާ ފަހަތުން އެކި ކަހަލަ އަމަލީ މަސައްކަތް ކޮށްފައެވެ.

ފިލްމު އެސޯސީއޭޝަންގެ ޗެއާޕާސަންގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރީން ހުންނެވި މުހައްމަދު ނަޝީދު ނިޔާވުމާ ގުޅިގެންނެވެ. އޭނާ އެ މަގާމަށް އިންތިޚާބުވެފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ބޭއްވި އެމްއެފްއޭ އާންމު އިންތިޚާބު ކާމިޔާބު ކުރުމަށް ފަހުގައެވެ.

ވައިސް ޗެއާޕާސަންގެ މަގާމަށް ހޮވިފައިވަނީ ފިލްމީ ތަރި ޝީލާ ނަޖީބެވެ. އެ އިންތިޚާބުގައި އެމްއެފްއޭގެ އިތުރު ބޯޑު މެންބަރުން ވެސް ވަނީ ހޮވާފައެވެ. ބޯޑު މެންބަރުންގެ ގޮތުގައި ހޮވާފައިވަނީ މުހައްމަދު އަފްރާހް އަދި ފާތިމަތު ޒުހައިރާއެވެ.

comment ކޮމެންޓް