އަދިތްޔަ އާއި އަނަންޔާގެ ލޯބީގެ ގުޅުމަށް ނިމުމެއް!

އަނަންޔާ ޕާންޑޭ އަދި އަދިތިޔަ--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ މީޑިއާގެ އެންމެ ބޮޑު ސަމާލުކަން ހޯދާފައިވާ ދެ ތަރިން ކަމަށްވާ އަނަންޔާ ޕާންޑޭ އާއި އަދިތްޔަ ރޯއި ކަޕޫރުގެ ލޯބީގެ ގުޅުމަށް ނިމުން އައިސްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސް މަޖައްލާ ޓައިމްސް އޮފް އިންޑިއާއިން މި ޚަބަރު ކަށަވަރުކޮށްދީފައިވީ ނަމަވެސް މިހާތަނަށް ދެ ތަރިންގެ ފަރާތުންވެސް މިކަމާ ގުޅޭގޮތުން ވަކި އެއްޗެއް އަންގާފައެއް ނުވެއެވެ.

ދެ ތަރިންނާ ވެސް ގުޅުންހުރި ގާތް ފަރާތަކުން މީޑިއާއަށް މައުލޫމާތު ދީފައިވާ ގޮތުގައި ދެ އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އަނަންޔާ އާއި އަދިތްޔާގެ ލޯބީގެ ގުޅުން ނިމުމަކަށް އައި ޚަބަރާ އެކު ގިނަ ބަޔަކަށް ހައިރާންކަމެއް ލިބުނެވެ.

އަދިތިޔަ އަދި އަނަންޔަ ބޮލީވުޑްގެ ހަފްލާތަކެއްގައި ބައިވެރިވަނީ--ފޮޓޯ/އެންޑީޓީވީ
ފިލްމު "އާޝިގީ2"ގެ އެކްޓަރާއެކު އަނަންޔާގެ ލޯބީގެ ގުޅުމަށް ނިމުން އައިސްފައިވާކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު ދެ ތަރިން ވަރަށް އަވަހަށް އެންގޭޖްވެ މި އަހަރު ފަހުކޮޅު ކައިވެނިކުރަން އުޅޭކަމުގެ ޚަބަރުތައް ވެސް ތަންކޮޅެއް ކުރިން ވަނީ ފެތުރިފައެވެ. އަދިތްޔަ އާއި އަނަންޔާގެ ލޯބީގެ ގުޅުމާ މެދު އާއިލާއިން ވެސް ވަރަށް ރުހޭއިރު ދެ ތަރިންގެ ވަކިވުމާއެކު ސަޕޯޓަރުންނަށް ވަނީ ހައިރާންކަމެއް ލިބިފައެވެ.

އަނަންޔާއާ އެކު އަދިތްޔަ ވަރަށް ގިނައިން ޗުއްޓީ ދަތުރުތަކުގައި ގޮސް އުޅޭ ފޮޓޯތައް ސޯޝަލް މީޑިއާގައި ތިލަވެފައި ވާއިރު އަނަންޔާގެ އާއިލާއާ އެކު އަދިތްޔަ ވަނީ އެކި ފަހަރުމަތިން ޗުއްޓީ ހޭދަކޮށްފައެވެ. ދެ ތަރިންގެ ލޯބީގެ ގުޅުން ނިންމާލިކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު އަދިތްޔަ އާއި އަނަންޔާ އެކީގައި ބައެއް ފިލްމީ ޕްރޮޖެކްޓްތަކަށް ސޮއިކުރަން ނިންމާފައިވާ ކަމަށްވެސް ފިލްމީ ޚަބަރުތަކުން ބުނެއެވެ.

comment ކޮމެންޓް