މާލޭގައި ދިން ބޮމުގެ ހަމަލާއެއްގައި ޒަހަމްވެވަޑައިގެން، ފަރުވާ ހޯއްދަވަމުންދާ ރައްޔިތޔުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް ލިބިފައިވާ ޒަހަމްތަކުގެ ފޮޓޯ އެމަނިކުފާނުގެ އާއިލާއިން ދައްކާލައިފި އެވެ.
ރައީސް ނަޝީދު ގެކޮޅުން ނިކުމެވަޑައިގެން ކާރަށް އަރުއްވަނިކޮށް ބޮމެއް ގޮއްވާލުމުގެ ސަބަބުން އެމަނިކުފާނުގެ ބޮލާއި މޭކަށިތަކާއި ފަޔަށް އަދި ބަނޑަށް ވެސް އެކިވަރުގެ އަނިޔާތައްވި އެވެ. އެކަމާ ހެދި ހޭނައްތައިގެން 16 ގަޑިއިރު ވަންދެން އެކި އޮޕަރޭޝަންތައް ކުރަން ޖެހުނެވެ.
އެ ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު ޒަހަމްތަކުގެ ފޮޓޯ އާންމުކޮށް ދައްކާލީ މިއަދު އެވެ. ރައީސް ނަޝީދުގެ އެއްބަނޑު އެއްބަފާ ބޭބޭފުޅު ޑރ. އިބްރާހިމް ނާޝިދު ވަނީ އެމަނިކުފާނުގެ ހަށިކޮޅުގެ ހަތަރު ފޮޓޯއެއް ޓްވިޓާގައި ދައްކާލައިފަ އެވެ.
އޭނާ ވިދާޅުވީ، އެ ފޮޓޯޓައް ހިއްސާ ކުރެއްވީ ރައީސް ނަޝީދުގެ އެދިވަޑައިގަތުމުގެ މަތިން ކަމަށެވެ.
ފޮޓޯތަކުން ރައީސް ނަޝީދުގެ ހަށިކޮޅުގައި އަނދައިގެން ގޮސްފައިވާ ތަންތަނާއި އޮޕަރޭޝަން ކުރަން ޑޮކްޓަރުން ފެޅުމަށްފަހު ފަހާފައިވާ ތަންތަން ބެންޑޭޖް އެޅުމުގެ ކުރިން ފެނެ އެވެ.
"ހަށިގަނޑަށް ލިބުނު ގެއްލުން ސީރިއަސް، އެކަމަކު މިހާރު ކުރިއަށް ވުރެ ގަދަހެން ހީވޭ،" ޑރ. ނާޝިދުގެ ޓްވީޓުގައި ލިޔުއްވި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނާ ހަމައަށް ރައީސް ނަޝީދަށް ފަރުވާ ދިނީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ. ބުރާސްފަތި ދުވަހު އެމަނިކުފާނު ވަނީ އިތުރު ފަރުވާއަށް ޖަރުމަނަށް ފުރާވަޑައިގެންފަ އެވެ. މިހާރު ފަރުވާ ހޯއްދަވަނީ އެ ގައުމުގެ މިލިޓަރީ ހޮސްޕިޓަލެއްގަ އެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ތިން މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވެ އެވެ. އެއީ އޭގެ ތެރޭގައި ހަމަލާ ދޭން ރިމޯޓުގެ ބަޓަނަށް އޮއްބާލި ކަމަށް ފުލުހުން ތުހުމަތު ކުރާ ވ. ތިނަދޫ، ހިޔާ، އަހުމަދު އަދުހަމް ރަޝީދު ހިމެނެ އެވެ. ދެން ހައްޔަރު ކުރީ، މއ. ފޭރުގެ، މުޖާޒު އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދެވެ.