ކޮވިޝީލްޑް ވެކްސިން ޖެހުމުން ލޭ ގަނޑުވާ ކަމަށް އެސްޓްރާޒެނިކާއިން އެއްބަސްވެއްޖެ

ކޮވިޝީލްޑް ޗެކްސިން ޖެހުމުން ލޭގަނޑުވާ ކަމަށް އެސްޓްރާޒެނިކާއިން ވަނީ އެއްބަސްވެފައި --- ފޮޓޯ/ބިޒްނަސް އިންސައިޑާ

ކޮވިޑް-19 އިން ސަލާމަތްވުމަށްޓަކައި ބޭނުންކުރާ ކޮވިޝީލްޑް ވެކްސިނުން ލޭ ގަނޑުވާ ކަމަށް އެ ވެކްސިން އުފެއްދި ކުންފުނި އެސްޓްރާޒެނިކާއިން އެއްބަސްވެއްޖެއެވެ.

އިނގިރޭސިވިލާތާއި ސްވިޑެންގެ ބޭސް އުފައްދާ މަލްޓިނޭޝަނަލް ކުންފުންޏެއް ކަމަށްވާ އެސްޓްރާޒެނިކާގެ ކޮވިޝީލްޑް ވެކްސިން އުފެއްދީ އޮކްސްފޯޑާއި އިންޑިއާގެ ސީރަމް އިންސްޓިޓިއުޓާ ގުޅިގެންނެވެ.

އެސްޓްރާޒެނިކާއިން އެ ވެކްސިން ބޭނުންކުރުމުން ލޭ ގަނޑުވާ ކަމަށް އެއްބަސްވެފައިވަނީ ލަންޑަންގެ ހައިކޯޓު އޮފް ޖަސްޓިސްއަށް ހުށަހެޅި ހުށަހެޅުމެއްގައެވެ. އެއާ އެކު އެ ވެކްސިންގެ ސަބަބުން ތްރޮމްބޮސިސް ވިތު ތްރޮމްބޮސައިޓޯޕެނިއާ ސިންޑްރޯމް (ޓީޓީއެސް) ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓީޓީއެސްއަކީ ލޭގަނޑުވުން (ތްރޮމްބޮސިސް)ގެ ހާލަތެވެ.

ލޭގަނޑުވުމަށް މެދުވެރިވަނީ ލޭހޮޅިއެއްގެ ތެރޭގައި ލޭ ގަނޑުވެ ލޭ ދައުރުވުމަށް ހުރަސް އެޅުމެވެ. އެ ކުންފުނިން ވަނީ ބައެއް ހާލަތްތަކުގައި އެ ވެކްސިން ޖެހުމުން ހަށިގަނޑުގައި ލޭގެ ޕްލެޓްލެޓް ދަށްވެފައި ލޭ ގަނޑުވާ ކަމަށް ކޯޓުގައި އެއްބަސްވެފައެވެ.

ޓީޓީއެސްގެ އަލާމާތްތައް ވަރަށް ސީރިއަސް ވެސް ވެދާނެއެވެ. ދިގުދެމިގެންދާ ބޮލުގައި ރިހުން، ލޮލުގެ ފެނުން ނުސާފުވުން، ނޭވާ ކުރުވުން، މެއަށް ތަދުއެރުން، ފައި ދުޅަވުން، ނުވަތަ މެދުނުކެނޑި ބަނޑުގައި ރިއްސުން ފަދަ އަލާމާތްތައް ފެނެއެވެ.

އިނގިރޭސިވިލާތުގައި 51 މީހަކު ވަނީ ކޮވިޝީލްޑް ޖަހައިގެން ލޭ ގަނޑުވި ކަމަށް ބުނެ އެސްޓްރާޒެނެކާއާ ދެކޮޅަށް ދައުވާކޮށް ބަދަލު ހޯދަން އެދިފައެވެ. އެގޮތުން، 100 މިލިޔަން ޕައުންޑު (ގާތްގަނޑަކަށް 1.9 ބިލިއަން ރުފިޔާ) ހޯދުމަށް މި މީހުން ވަނީ ދައުވާކޮށްފައެވެ.

މި ވެކްސިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވިއްކައިގެން އެ ކުންފުނިން ވަނީ އެތައް މިލިޔަން ޑޮލަރެއް ހޯދާފައެވެ. އެގޮތުން، 150 ގައުމަކަށް މި ވެކްސިން ވިއްކާފައިވެއެވެ.

comment ކޮމެންޓް