އަންނަ މަހު މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ސަލްމާން ޚާން ލީޑް ރޯލް ކުޅޭ ފިލްމު "ސިކަންދަރު"ގެ ރޯލަކަށް ބަތަލާ ކިއާރާ އަދުވާނީ ގެންނަން ނިންމާފައިވާކަމަށް ފިލްމު ގެނެސްދޭ ކުންފުންޏާ ހަވާލާދީ ރިޕޯޓުތަކުން ބުނެފިއެވެ.
ބޮލީވުޑްގެ އެންމެ އުއްމީދީ ބަތަލާއިންގެ ތެރޭ ހިމެނޭ ކިއާރާ "ސިކަންދަރު"ގައި ކުޅެން ހަމަޖެހިފައިވަނީ ފިލްމުގެ ބަތަލާގެ ރޯލް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ޕްރޮޑިއުސަރު ސާޖިދު ޚާން އަދި އޭއާރު މުރުގާދޮސް ގުޅިގެން އުފައްދާ މި ފިލްމު އިއުލާނު ކުރިތާ މާ ގިނަ ދުވަހެއް ނުވެ ކިއާރާ، ސާޖިދު ނަދިއަދުވާލާގެ އޮފީހަށް ދިޔަ މަންޒަރު މީޑިއާ ރިޕޯޓަރުންނަށް ވަނީ ފެނިފައެވެ. ލަފާކުރެވޭ ގޮތުގައި މި ބައްދަލުވުމަކީ ފިލްމާ ގުޅޭގޮތުން ބޭއްވުނު މަޝްވަރާ ބައްދަލުވުމެކެވެ.
ކިއާރާއާ އެކު ކާތިކް އާރްޔަން ވެސް ސާޖިދުގެ އޮފީހުން ފެނުނު މަންޒަރާއެކު ކާތިކް ވެސް "ސިކަންދަރު" ފިލްމުން ފެނުމުގެ ފުރުސަތު ބޮޑުކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ސައުތު ސިނަމާގެ ތެލުގޫ ފިލްމުތަކުން އާއްމުންގެ މަގުބޫލުކަން ހޯދުމަށްފަހު ކިއާރާ ބޮލީވުޑަށް ނުކުމެފައިވަނީ، 2014 ވަނަ އަހަރު ރިލީޒްކުރި ކޮމެޑީ ފިލްމު "ފަގްލީ"އިންނެވެ. އެހެންނަމަވެސް ގިނަ ބައެއްގެ ސަމާލުކަން ބަތަލާ ހޯދީ 2016ވަނަ އަހަރު ރިލީޒްކުރި ކުޅިވަރުގެ ބައޮޕިކް "އެމް އެސް ދޯނީ: ދަ އަންޓޯލްޑް ސްޓޯރީ"އިންނެވެ.
ފިލްމު "ކަބީރު ސިންގް"، "ގުޑް ނިއުސް"، "ބޫލް ބުލައްޔާ2" އަދި "ޝޭރްޝާހް" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ބަތަލާ ދާދިފަހުން ވަނީ ބޮޑު ދެ ފިލްމަކަށް ސޮއިކޮށްފައެވެ. އެއީ، ވައިއާރު އެފްގެ ސްޕައި ޔުނިވާސްއިން އުފައްދާ "ވޯ2" އަދި ފަރުޚާން އަޚްތަރު ޑައިރެކްޓް ކުރާ ފިލްމު "ޑޮން2"ގެ ރޯލަކަށެވެ. މީގެ އިތުރުން، ތެލުގޫ އެކްޓަރު ރާމް ޗަރަންއާ އެކު ކުޅޭ ޕޮލިޓިކަލް އެކްޝަން ތުރިލާ "ގޭމް ޗޭންޖާ"އަށް ވެސް ކިއާރާ ސޮއިކޮށްފައިވާއިރު މި ފިލްމު މި އަހަރުތެރޭ ސިނަމާތަކަށް ގެންނާނެއެވެ.